ޔުނައިޓެޑްގެ އުންމީދީ ތަރި ނިންމީ ފީފާގެ ރޭންކިންގެ ފަހަތުގައި އޮތް ގައުމަށް ކުޅެން
ޔުނައިޓެޑްގެ އުންމީދީ ތަރި ނިންމީ ފީފާގެ ރޭންކިންގެ ފަހަތުގައި އޮތް ގައުމަށް ކުޅެން

ކަނަސް، ލިތުއޭނިއާ (މާޗް 28) – މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ޓީމުގެ އުންމީދީ ކުޅުންތެރިޔަކު ދުނިޔޭގެ ރޭންކިންގެ ފަހަތުގައި އޮތް ޖިބްރޯލްޓާ އަށް ކުޅެން ފަށައިފި އެވެ.

ޖޭމްސް ސެކްލަން އަކީ ޔުނައިޓެޑްގެ 17 އަހަރުންދަށުގެ ޓީމުގެ ކުޅުންތެރިޔެކެވެ. އެ ކްލަބްގެ އެކަޑަމީ ކޯޗުން އޭނާ އާ މެދު ވަރަށް ބޮޑު އުންމީދެއް ކުރެ އެވެ.

ފީފާގެ ރޭންކިންގައި 210 ގައުމުގެ ތެރެއިން ޖިބްރޯލްޓާ އޮތީ 201 ވަނައިގަ އެވެ.

ޔޫއެފާ ނޭޝަން ލީގުގެ ތިންވަނަ ޑިވިޝަނުގައި މިދިޔަ ހަފުތާގައި ލިތުއޭނިއާ ދެކޮޅަށް ކުޅުނު މެޗުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ.

އިންގްލެންޑްގެ މިޑްލޭންޑްސް އަށް އުފަންވެ އެ ގައުމުގައި އުޅެ ބޮޑުވި ސެކްލަން އަށް އަދި ވެސް އިނގިރޭސި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ފީފާގެ މިހާރުގެ ގަވާއިދުގައި ބުނެފައި ވަނީ 21 އަހަރުންދަށުގެ ކުޅުންތެރިން ސީނިއާ ގައުމީ ޓީނަށް ވިދިވިދިގެން ތިން މެޗުގައި ކުޅެފައި ނުވާނަމަ ގައުމީ ޓީމު ބަދަލު ކުރުމުގެ އިހްތިޔާރު ލިބޭ ކަމަށެވެ.

ސެކްލަންގެ މަންމަ އަކީ ކުރީގެ ދުވުންތެރިޔެކެވެ. ޖިބްރޯލްޓާގެ 4 ގުނަ 100 މީޓަރުގެ ރިލޭގެ ރެކޯޑްގައި އޭނާގެ މަންމަގެ ހިއްސާ ވެ އެވެ. ސެކްލަންގެ މާމަ އާއި ކާފަ ދިރިއުޅެމުން ދަނީ 32،000 މީހުންގެ އާބާދީއެއް އޮންނަ ޖިބްރޯލްޓާގަ އެވެ.

"މިއީ ވަރަށް ފަހްރުވެރި ވަގުތެއް،" ޖިބްރާލްޓޯގެ ގައުމީ ޓީމަށް ކުޅެން ފެށުމާ ގުޅުވައި ސެކްލަން ބުންޏެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތުމަށް ފަހު ވެސް ސެކްލަން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މެޗުން އެ ޓީމު ބަލިވީ އެވެ.