19 ފެބުރުއަރީ 2017 - 09:50

ހަރާރޭ (ފެބްރުއަރީ 19) - ޒިމްބާބުގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވުމުން ފުރާނަ ނެތް މަސްގަނޑު ރިޔާސީ އިންތިޚާބުގައި ވާދަކުރި ނަމަވެސް ހޮވޭނެ ކަމަށާއި އެހާވެސް އެމަނިކުފާނުގެ މަގްބޫލްކަން ބޮޑު ކަމަށް އަނބިކަނބަލުން ގްރޭސް މުގާބޭ ވިދާޅުވެއްޖެ އެވެ.

އުމުރުން 92 އަހަރުގެ މުގާބޭ ގެންދަވަނީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންނެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މުގާބޭ ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. މުގާބޭ އަށް ޕާޓީގެ ތާއީދު އޮތްކަން މިހާރު ވަނީ ހާމަކޮށްފަ އެވެ.
ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން 51 އަހަރުގެ ގްރޭސް ވިދާޅުވީ ކޮންމެވެސް ދުވަހަކުން މުގާބޭ އަވަހާރަވުމުން އޭނާގެ ގަބުރު ކެންޑިޑޭޓަކަށް ހެދި ނަމަވެސް ރައްޔިތުން ވޯޓު ދޭނެ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސްކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މުގާބޭގެ ގަބުރަށް ވެސް ރައްޔިތުން ވޯޓު ދޭނެ. އެއީ ރައްޔިތުންގެ ރައީސް ދެކެ އެ މީހުންވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން،" ވެރިރަށް ހަރާރޭގެ އިރު ދެކުނުން އޮންނަ ބުހެރާގައި ބޭއްވި އެއްވުމެއްގައި އެކަމަނާ ވިދާޅުވި އެވެ.
ގްރޭސް ވިދާޅުވީ 1980 ގައި މުގާބޭއާ އެކު އުޅުނު މީހުން އެމަނިކުފާނު މާ މުސްކުޅިވެއްޖެ ކަމަށް ބުނާ ނަމަ އިސްތިއުފާ ދީފައި ފުރަތަމަ ދާން ޖެހޭނީ އެހެން ބުނާ މީހުން ކަމަށެވެ.
"ދެން އަޅުގަނޑުމެން ހަވާލުވެދާނަން. ސަބަބަކީ 1980 ވަނަ އަހަރު އަޅުގަނޑުމެންނެއް ނެތިން ވެރިކަމުގައެއް،" އަމިއްލަ ނަފްސަށް އިޝާރާތް ކުރައްވާ ގްރޭސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވީ ނަމަވެސް އާއްމުންގެ ތެރޭން މުގާބޭ ފެނުން މިހާރު ވަނީ މަދުވެފަ އެވެ. އެފްރިކަން ޔޫނިއަންގެ ސަމިޓް ކުރުކޮށްލެއްވުމަށް ފަހު ސިއްހީ ޗެކަޕެއް ހެދުމަށް ދުބާއީ އަށް ކުއްލިއަކަށް ވަޑައިގަތުމާ ގުޅިގެން މުގާބޭ އަވަހާރަވެއްޖެ ކަމަށް ވެސް މިދިޔަ ސެޕްޓެމްބަރު މަހު އަޑު ފެތުރުނެވެ. އެކަމަށް ޖޯކް ޖައްސަވާ މުގާބޭ ވިދާޅުވެފައި ވަނީ އޭނާ މަރުވި ކަމަށާއި އެނބުރި ގައުމަށް އާދެވުނީ އަލުން ދުނިޔެ އަށް އައުމުން ކަމަށެވެ.