28 މާޗް 2024 - 08:13

"ގުލްޝަން އިންވެސްޓްމަންޓްގެ އިސްވެރިޔާ، އިދްރީސް މޫސާ، (އާއްމު ނަމުން ނަމަ ގުލްޝަން އިޑީ) މަރާލައިފައި އޮއްވާ ފެނިއްޖެ. އޭނާ އަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި. ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހަދަން ފަށާފައިވާ އިމާރާތެއްގެ ތެރެއިން."
ފުރަން ދާން ތައްޔާރުވެ ހުރި ޝާހިދަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހުއްޓުން އަރާފައި އޭނާއަށް ހުރެވުނީ އޭރު ވެސް ޓީވީއަށް ބަލަހައްޓައިގެންނެވެ.
"ސުބްޙާނަﷲ." މަންމަ އާބިދާ އަށް ބުނެވުނެވެ.
އާބިދާގެ އަޑު ޖެހިފައި ޝާހިދު ދިޔައީ ސިއްސައިގެންނެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ފުން ވިސްނުމެއްގައި ހުރެ އޭނާ މަންމައަށް ބަލައިލިއެވެ.
"މިއީ ކޮން އިރަކު ހިނގި ކަމެއް ބާ؟" ޝާހިދުއަށް ބުނެވުނެވެ.
"މިހާރު މާލޭގައި އުޅޭވޭކަށް ނެތް. މީހުން މެރުން ވެސް އާއްމު ކަމަކަށް ވެއްޖެ." ފޯނަށް ބަލަމުން ނިކުތް ޝާހިދުގެ ބައްޕަ ބުންޏެވެ.
މިރޭ ޝާހިދު އެ ފުރަނީ އޭނާ ކިޔަވަމުން އަންނަ އައިޓީ ކޯހުގެ ފަހު ސެމިސްޓާ ފުރިހަމަ ކުރުމަށް މެލޭޝިއާއަށެވެ. ހުރި ހަމައެކަނި ދަރިފުޅު ފުރައިގެން ދާތީ، އާބިދާއާއި ހަސަނުގެ ހިތަށް ލިބިފައިވަނީ ފަޅުކަމާއި އެކަނިވެރިކަމެވެ. މައިންބަފައިން ދޫކޮށް ދުރަށް ދާން ޖެހޭތީ ޝާހިދު ވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ.
"އަޅުގަނޑު އެކޮޅަށް ގޮސް ގުޅާނަން." ޝާހިދު ބުންޏެވެ.
މަންމަގެ އަތުގައި ހިފައި ގަޔާ، ގާތް ކޮށްލުމަށްފަހު އޭނާ ބަލައިލީ ބައްޕަގެ މޫނަށެވެ. އޭރު ހަސަނު ވެސް ހުރީ ފެންކަޅި ވެފައެވެ. މުސްކުޅި އުމުރަށް އެޅިފައި ހުރި ހަސަނަކީ އަބަދު ވެސް ޝާހިދުއާ ވަރަށް ގާތް ގުޅުމެއް އުފައްދަމުން ދާ ބަފަޔެކެވެ. ޗުއްޓީއަށް އައިސް ހުންނަ އިރު، ޝާހިދުއަށް އެންމެ މުހިއްމު ވާނީ ބައްޕައާ އެކު ވަގުތު ހޭދަ ކުރުމެވެ. އެހާ ގާތްކޮށް އުޅެފައި ދުރަށް ދާން ޝާހިދަށް ވެސް ފަސޭހައެއް ނޫނެވެ.
"ބައްޕާ. އަޅުގަނޑުގެ ގްރެޖުއޭޝަނަށް ދާން ވާނެ އިނގޭ. މަންމަ ވެސް ގެންނައްޗޭ،" ހަސަނުގެ ގައިގައި ބައްދާލަމުން ޝާހިދު ބުންޏެވެ.
ހިތްދަތި ވަގުތުކޮޅަކަށް ފަހު އޭނާ ގެއިން ނިކުމެގެން ދިޔައީ މައިންބަފައިން ރޮއްވާލުމަށް ފަހުއެވެ. ނަމަވެސް އެނބުރި އަންނާނީ އެ މީހުން އޭނާއާ މެދު ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ހޯދައިގެން ކަމަށް ބުނެ، މަންމަމެންގެ މޫނުމައްޗަށް ހިނިތުންވުން ވެސް އޭނާ ގެނެސްދިނެވެ.
މެލޭޝިޔާގައި ޝާހިދު ކުއްޔަށް ނަގާފައި ހުރި އެޕާޓްމަންޓަށް ދެވުނު އިރު މެންދުރު ވެއްޖެއެވެ. ގެއަށް އައިސް އޭނާ އަވަސްވެގަތީ މައިންބަފައިންނަށް ހަބަރު ވާށެވެ.
"އަޅުގަނޑަށް މި އާދެވުނީ ގެއަށް،" ޝާހިދު ބުންޏެވެ.
"ދަރިފުޅުގެ ހަބަރެއް ނުލިބިގެން މި ތިބީ. ދާދި ދެންމެއަކު މި ގެއަށް ފުލުހަކު އައިސް ދަރިފުޅާ ބެހޭ ގޮތުން ވަރަށް ސުވާލު ކޮށްފި،" ހަސަނު ބުންޏެވެ.
ބައްޕަގެ ރާގުގައި ކަންބޮޑުވުމުގެ އަސަރެއް ނެތެވެ. ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ޝާހިދު ހުރީ އިންތިހާއަށް ނުތަނަވަސްވެ، ހައިރާން ވެފައެވެ.
"ފުލުހެކޭ؟ ކީއްވެ އަޅުގަނޑާ ބެހޭ ގޮތުން ކޮން ވާހަކައެއް ދެއްކީ؟" ޝާހިދު އެހިއެވެ.
ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ބޭރުގައި އުޅޭ ދަރިވަރުންގެ މައުލޫމާތު އެއްކުރާކަމަށް ފުލުސް މީހާ ބުނި ކަމަށް ބައްޕަ ބުންޏެވެ. އެކަމާ ބައްޕަ ހުރީ އިންތިހާއަށް އުފާވެފައިކަން ޝާހިދަށް އެނގުނެވެ.
"ދަރިފުޅު އުޅޭ އެޑްރެހާއި ފޯނު ނަންބަރު ވެސް ގެންދިޔަ. ގުޅާނެ ވާހަކަ ބުނީ. ފޯނު ރިންގަށް ލައިގެން އުޅެއްޗޭ، އެ ފަދަ ފުރުސަތެއް ގެއްލުވައިލާކަށް ނުވާނެ،" ހަސަނު ބުންޏެވެ.
ފޯނު ބޭއްވި އިރު ވެސް ޝާހިދު ހުރީ ފުން ވިސްނުމެއްގައެވެ. ފުލުހުން މެދުވެރިކޮށް ސަރުކާރުން އެހީ ދޭ ކަމެއް މީގެ ކުރިން އޭނާއަށް އެނގިފައެއް ނެތެވެ. ނަމަވެސް ފަހަރެއްގައި މިހާރު އެކަން ހިނގާ ގޮތަކީ އެއީ ކަމަށް ވުން އެކަށީގެންވެއެވެ. އެހެންވެ ބައްޕަ ބުނި ފަދައިން އޭނާ ރިންގް ވޮލިޔުމް ބާރު ކޮށްލުމަށްފަހު އެނދުމައްޗަށް ފޯނު އެއްލައިލިއެވެ.
ކޮންމެވެސް ވަރަކަށް ގޭތެރެ ހަޑި ވެފައި ހުރުމުން ޝާހިދު ފެށީ ސާފު ކުރުމުގެ މަސައްކަތެވެ. އެކަމުން އަވަދި ވީ އިރު، ހަވީރު ވެއްޖެއެވެ. އަދި ފެންވަރައި ތާޒާ ވެލެވުނު އިރު އޭނާ ހުރީ އިންތިހާއަށް ބަނޑުހައި ވެފައެވެ. ކަޕް ނޫޑްލްސްއެއް ހިފައިގެން ކޮމްޕިޔުޓަރު ކައިރީ އިށީނީ، އޭނާގެ ކެނޮން ބްރޭންޑްގެ އާ ކެމެރާ ހިފައިގެންނެވެ. ކެމެރާގެ ވާގަނޑު ކަރުގައި އަޅުވައިގެން ގޮނޑީގައި އޭނާ ލެނގިލިއެވެ. މާލެ ގޮސް ނެގިހާ ފޮޓޯތައް ބަލަން ފެށީ ހިތްހަމަ ޖެހިގެންނެވެ. މަންމަމެންނާއި އެ މީހުންގެ ތިމާގެ މީހުންގެ ފޮޓޯ ވެސް އޭގައި ބައިވަރު ހުއްޓެވެ.
ހަމަ އެ ވަގުތެވެ. ކުއްލިއަކަށް ފޯނު ރިންގް ވާން ފެށިއެވެ. އިށީނދެ އިން ފުރޮޅުލީ ގޮނޑި އެނދާ ދިމާލަށް ދުއްވާލަމުން އޭނާ ގޮސް ފޯނު ނަގައި ބަލައިލިއެވެ. ސްކްރީންގައި ލިޔެވިފައި އޮތީ އަންނޯން އެވެ. ނަންބަރެއް ފެންނާކަށް ނެތެވެ. ހައިރާންވެފައި އިނދެ ޝާހިދު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
"ފަސް މިނިޓްގެ ތެރޭގައި ދޮރު ހުޅުވާ، އެހެން ނޫނީ ދޮރު ފުނޑާލައިގެން ވެސް އެތެރެއަށް ވަންނާނަން. ކަލެޔަކަށް ދެން ސަލާމަތެއް ނުވެވޭނެ،" އެއީ ދިވެއްސެއްގެ އަޑެވެ.
ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުރި ގޮތުން ބޮޑަށް ހީވަނީ ޕާޓޭއެއް ހެންނެވެ. ޝާހިދު ޖެހިލުން ވިއެވެ. އޭނާއަށް ގުޅައިގެން އިންޒާރު ދޭން ވީ ކީއްވެބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. އެ މީހާ ފޯނު ކަނޑާލުމާއެކު ޝާހިދު ވިސްނަން ފެށިއެވެ. އޭނާއަށް ނުރައްކަލެއް ކުރިމަތިވާން އުޅޭ ކަމުގައި ބުނެ ސިކުނޑި އިންޒާރު ދެމުން ދިޔައެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތް ފުރެމުން ދަނީ ތަފާތު ސުވާލުތަކުންނެވެ.
ކުއްލިއަކަށް ދޮރުގައި ބާރު ބާރަށް އެއްޗަކުން ޖަހައިފިއެވެ. ފުންމައިގެން ތެދުވެ ޝާހިދަށް ދުއްވައިގަނެވުނީ ގޭގެ ބިއްދޮށު ދޮރާ ދިމާލަށެވެ. އޭނާ ދިރިއުޅެނީ ގްރައުންޑު ފްލޯގައިކަމީ ނަސީބޭ އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ގެންފައިވާ ބިރަކުން ޝާހިދަށް ދެވުނީ ދޮރު ވެސް ލައްޕައި ނުލެވިއެވެ. އަތުގެ އިޝާރާތުން ދުއްވާފައި ދާ އެއްޗެހި ހުއްޓުވަމުން މަގު ހުރަސް ކުރެވުނީ އުނދަގޫތަކާ އެކުގައެވެ.
ކަރުގައި އަޅުވައިފައި އޮތް ކެމެރާއާއި އަތުގައި އޮތް ފޯނު ފިޔަވައި ޝާހިދުގެ އަތަކު އެކައްޗެއް ވެސް ނެތެވެ. ދުވެފައި ގޮސް މޯލްއެއްގެ ތެރެއަށް ވަނީ ރައްކާތެރި މާހައުލަކަށް ވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެއީ މީހުން ގިނަ ތަނަކަށް ވާތީ އޭނާގެ ހިތަށް ލިބިފައިވާ ބިރުވެރިކަން ކޮންމެވެސް ވަރަކަށް ކުޑަވިއެވެ.
އަނެއްކާ ވެސް ފޯނު ރިންގު ވެއްޖެއެވެ. އެއީ ހަމަ އެ ކޯލެވެ. ފޯނަށް ބަލަހައްޓައިގެން ހުއްޓާ ރިންގް ކެނޑިއްޖެއެވެ. ދެން އޭނާއަށް ލިބުނީ މެސެޖެކެވެ.
"ދަ ބީޗް މޯލްގެ ދެ ވަނަ ފްލޯގައެއްނު ތި ހުރީ؟" ޝާހިދު މެސެޖް ކިޔާލިއެވެ.
އެ ވަގުތު އެކި ދިމަދިމާލަށް އޭނާއަށް ނަޒަރު ހިންގައިލެވުނެވެ. އެ މީހުންނަށް އޭނާ ފެނުނީބާވައޭ ޝާހިދުގެ ހިތަށް އެރިއެވެ. ފާރަލައިގެން ވެސް މީހަކު އައި ކަމެއް އޭނާ ނުދެނަހުއްޓެވެ.
"ސީ ޔޫ ސޫން،" އަނެއްކާ ވެސް އެ މީހުންގެ މެސެޖެއް ލިބުނެވެ.
ޝާހިދަށް އެ މެސެޖް ދެ ތިން ފަހަރު ކިޔައިލެވުނެވެ. ސުވާލަކަށް ފަހު ސުވާލެއް ހިތުގައި އުފެދެމުން ދެއެވެ. ފުރަތަމަ ވެސް ގުޅައި ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނި ނަމަވެސް ޝާހިދު އެ މީހުންނަކަށް ނުފިލުނީހެވެ. އެ މީހުންގެ ވާހަކަ ހުރި ގޮތުން އެއީ ނުރައްކާތެރި ބައެއްކަން ޝާހިދަށް ވަރަށް ބޮޑަށް ގަބޫލު ކުރެވުނެވެ. ލިބުނު މެސެޖުން އޭނާ މާ ބޮޑަށް ހާސްވިއެވެ.
ލައިގެން ހުރި ސްވެޓާގެ ބޮލު ކޯރި، ބޮލުގައި އެޅުވުމަށްފަހު މޯލް ތެރެއިން ޝާހިދު ނިކުމެއްޖެއެވެ. އިރުކޮޅަކު ދޮރުމަތީގައި ހުރުމަށްފަހު، ކާރު ސްޓޭންޑާ ދިމާލަށް ހިނގައިގަތެވެ. އޭރު ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހާސް ވެފައެވެ.
ހަމަ އެ ވަގުތެވެ. ކާރު ސްޓޭންޑާ ހަމައަށް ނުދެވި އުޅެނިކޮށް ދުރުން އައި ކާރެއް އޭނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ޝާހިދު އެ ކާރަށް އެރީ އެކި ދިމަދިމާލަށް ބަލައިލަމުންނެވެ. އޭރު ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ.
ޝަހާދަތް އިނގިލިން ކަކުލުގައި ޖަހާލަ ޖަހާލަ ޝާހިދު އިނީ ގޮނޑީގައި ލެނގިލަން ވެސް ނުކެރިފައެވެ. އޭނާގެ ދެފައި މަޑަކުން ނުވެއް އޮތެވެ. ތުރުތުރު އަޅައެވެ. ހިތް ތެޅެނީ އިންތިހާއަށް ބާރަށެވެ. މާނޭވާ ލެވިލެވި އޭނާ އިނީ ވަރުބަލި ވެފައެވެ. ޝާހިދުގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޑްރައިވަރަށެވެ. ކާރުގެ މިސްރާބު ހުރީ އޭނާގެ ގެއަކަށް ނޫނެވެ. އެކަން ފާހަގަ ކުރެވުނު އިރު މާ ލަސް ވެއްޖެއެވެ.
ކުޑަ ދޮރުން ބޭރު ބަލައިލި އިރު، ކާރު އޮތީ ނުބައި އެޑްރެހެއްގެ ކުރިމަތީގައެވެ. އެއްޗެއް ބުނާނެ ވަގުތެއް ޝާހިދަކަށް ނުލިބުނެވެ. ޝާހިދަށް ފެނުނީ ފަހަތަށް އެނބުރުނު ޑްރައިވަރުގެ އަތުގައި އޮތް ވަޅިއެވެ. އޭނާ އެދުނީ ކެމެރާ އާއި ފޯނު ދިނުމަށެވެ.
ޝާހިދު އިންކާރެއް ނުކުރިއެވެ. އެ ތަކެއްޗަށް ވުރެ ފުރާނަ މާ ބޭނުމެވެ. ކަރުގައި އަޅުވާފައި އޮތް ކެމެރާ ނަގައި، ފޯނާއެކު އޭނާގެ އަތަށް ދިނެވެ. އެއަށްފަހު ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރިއެވެ. ނަމަވެސް ކުއްލިއަކަށް ކާރުގެ ކުޑަ ދޮރު ހުޅުވައި ބަޔަކު އައިސް ދަމާފައި ޝާހިދު ނެރެފިއެވެ.
އެއީ ފަޅު ސަރަހައްދެކެވެ. އެތަނުގައި ހުރީ ހަދަން ފަށާފައި ހުރި އިމާރާތެކެވެ. ކާރުން އޭނާ ނެރެ، ދެއަތް ފުރަގަހަށް ގެންގޮސް ބާރުބާރަށް އެއްސީ، ކުޑަ ކަކޫ މައްޗަށް ތިރިކޮށްފައި އިނދެއެވެ. ޝާހިދުގެ ކުރިމަތީގައި ތިބީ ތިން ދިވެހިންނެވެ. އެ މީހުންގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ކޮންމެ މީހެއްގެ އަތުގައި ތޫނު ވަޅިއެއް އޮތެވެ.
ޝާހިދުގެ ފަހު ވަގުތުކޮޅު އަންނަނީ ކަމުގައި އެ ވަގުތު އޭނާ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ކުށަކީ ކޮބައިކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.
"އަހަރެން މި ތަނަށް މި ގެނައީ ކީއްވެ؟" ޝާހިދު ސުވާލު ކުރިއެވެ.
"ހާދަ އިނޮސެންޓު ގޮލަޔެކޭ،" ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކީ އެތަނުގައި ހުރި އެންމެ ބިޔަ މީހާއެވެ.
"އިނޮސެންޓުކަން އެނގޭނެ މި ބަލައިލީމަ،" އެކަކު ބުނެލިއެވެ.
ޝާހިދުގެ ކެމެރާ ހުޅުވައިގެން އެ މީހުން ކޮންމެ ވެސް އެއްޗެއް ބަލަމުން ދެއެވެ.
"ތާރީހު ބަލައްޗޭ،" ޝާހިދުގެ ގައިން ދޫ ކޮށްލުމަށްފަހު ދެން ހުރި މީހާ ވެސް ކެމެރާ ބަލަން ހިނގައްޖެ އެވެ.
އިރުގަނޑެއް ވަންދެން އެ މީހުން ކެމެރާ ބަލައިފިއެވެ. އޭގައި އޮތީ އެންމެ މެމޮރީ ކާޑެއް ކަމުގައި ބުނެ، ޝާހިދާ ދިމާލަށް އެ މީހުން ބަލައިލިއެވެ. ރުޅިވެރިކަމާ އެކުގައެވެ.
"ކޮބާ އެ ވީޑިޔޯ؟" ޝާހިދާ ދިމާލަށް ހިނގައިގަންނަމުން އެތަނުން މީހަކު ބުންޏެވެ.
ރުޅިވެރިކަމާއެކު ބަލަހައްޓައިގެން ތިބި އެ ތިން މީހުންގެ މޫނަށް ޝާހިދުއަށް ބަލައިލެވުނީ ހައިރާންކަމާ އެކުއެވެ. އާގަންނަމުން އޭނާއަށް ބުނެވުނީ ކޮން ވީޑިއެއްތޯ އެވެ. ހަމަ އެ ވަގުތެވެ. ވޫސް ލައިފައި އައިސް އެންމެ ބިޔަ މީހާ އޭނާގެ ކަރުގައި ވަޅި ޖައްސައިފިއެވެ. ބިރުން ގޮސް ޝާހިދުގެ ދެ ލޮލުން ކަރުނަ ފައިބަން ފަށައިފި އެވެ.
"ކަލެޔަކަށް ހަމަ މި ކެމެރާއިން އެ ވީޑިޔޯއެއް ނުދެކެންތަ؟ ކަލެއެއް ނޫންތަ އެ ވީޑިޔޯ ކުރީ؟ މާ މޮޅުކަމެއް ކޮށްގެން ފިލައިގެން އުޅެވޭނެ ކަމަށްތަ ހީކުރީ؟ މީނަ ހިތުން މީނައަކީ ހީރޯއެކޯ،" މަލާމާތުގެ ރާގަކަށް އޭނާ ބުންޏެވެ.
"އަހަންނަކަށް ނޭނގެ ތި ކިޔާ އެއްޗެއް. އަހަރެންގެ ކެމެރާގައި ހުރި ހުރިހާ އެއްޗެއް ތި މީހުން ރަނގަޅަށް ބަލައިބަލަ،" ޝާހިދު ބުންޏެވެ.
ޔަގީންކަމާއެކު ޝާހިދު އެހެން ބުނުމުން އެ މީހުން އަނެއްކާ ވެސް ކެމެރާ ބެލިއެވެ. އަދި ޝާހިދުއާ ދުރަށް ޖެހިލުމަށްފަހު، ކޮންމެ ވެސް މީހަކަށް ގުޅައިފިއެވެ.
ކުޑަ އިރުކޮޅެއް ފަހެވެ. އެ މީހުން އައިސް ޝާހިދު ގާތު އެދުނީ ލައިގެން ހުރި އެއްޗެހި ބޭލުމަށެވެ. ޝާހިދު އެކަމަށް އިންކާރު ކުރި އެވެ. ނަމަވެސް ވަޅިން ބިރު ދައްކައި އޭނާއަށް އެކަން ކުރުމަށް އެ މީހުން މަޖުބޫރު ކުރުވިއެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ޗެކު ކުރުމަށްފަހު ޝާހިދުއަށް އެއްޗެހި ލާނެ ފުރުސަތު ދިނެވެ.
"ނެތް އެއްވެސް ހެއްކެއް،" ފޯނުން ވާހަކަ ދައްކަމުން އެ ތަނުން އެކަކު ބުނި އަޑު ޝާހިދުގެ ކަންފަތުގައި ޖެހުނެވެ.
"މަރާލަން ވީތަ؟" ދެން އިވުނު ޖުމްލައިން ޝާހިދު ދިޔައީ ތުރުތުރު އަޅައިގަނެގެންނެވެ. ފުރަތަމަ ވެސް ހަނދާންވީ މަންމައާއި ބައްޕަ މަތިންނެވެ.
ތިން މީހުން އައިސް ޝާހިދުގެ ކުރިމަތީ ހުއްޓުނެވެ. އެ މީހުން އެ އުޅެނީ އޭނާ މަރާލަން ކަމުގައި ހިތާ، ޝާހިދު ހުރީ އިންތިހާއަށް ބިރުގެންފައެވެ. އޭނާގެ ވަގުތު ޖެހުނީއޭ ވެސް އެއްފަހަރު ހިތަށް އެރިއެވެ. ބައެއްގެ އޯޑަރަށް މަރާލަން އުޅެނީ ކަމުގައި ޝާހިދުއަށް ހީ ކުރެވުނެވެ.
ނަމަވެސް އެ މީހުން ޝާހިދުއަށް މިނިވަންކަން ދިނެވެ. އޭނާގެ ފޯނާއި ކެމެރާ ވެސް ދިނެވެ. އަވަސް އަވަހަށް ޝާހިދު އެ ތަނުން ނިކުތެވެ. މަގު އަރީގައި ހުއްޓި ދެ ޖީބަށް އަތް ޖަހާލީ ހިނިތުން ވުމާއެކުގައެވެ. އަދި ކެމެރާގައި ތުންފަތް ޖައްސާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެ ވަގުތު އޭނާގެ ސިކުނޑީގައި ކުޅެލީ މީގެ އިރުގަނޑެއް ކުރިން އޭނާގެ ސިކުނޑީގައި ރޭވި ރޭވުމެވެ. އެއީ މޯލް ތެރެއިން އޭނާއަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ހަނދާނެވެ. އަދި އެއީ ދިރި ހުރުމަށްޓަކައި މާތްﷲ އޭނާއަށް ލެއްވެވި ނަސީބުގެ ވަގުތުކޮޅެކެވެ.
"ސީ ޔޫ ސޫން،" އަނެއްކާ ވެސް އެ މީހުންގެ މެސެޖެއް ލިބުނެވެ.
"ސީ ޔޫ ސޫން، ވީޑިޔޯ ހިފައިގެން ފިލައިގެން ނޫޅެވޭނެ." ހިތާހިތުން ޝާހިދަށް މެސެޖްގެ ފަހުބައި ކިޔައިލެވުނެވެ.
އެ ވަގުތު އޭނާގެ ކެމެރާއާ މެދު ސުވާލު އުފެދުނެވެ. އެ މީހުން އެ ދައްކަނީ ކޮން ވީޑީޔޯއެއްގެ ވާހަކަ ބާވައެވެ؟ ކެމެރާއަށް ބަލަހައްޓައިގެން ހުރެ އޭނާ ހިނގައިގަތީ އެންމެ ކައިރީގައި ހުރި ފާހާނާބަރި އާ ދިމާއަށެވެ. ފާހާނާއަށް ވަދެ އޭނާ އަވަސް އަވަހަށް ކެމެރާ ހުޅުވައިލިއެވެ.
ޝާހިދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކެމެރާގެ ކުޑަކުޑަ ސްކްރީނުން ފެންނަމުން ދާ މަންޒަރުންނެވެ. އޭނާއަށް ހަށިގަނޑު ތެދުކޮށްލެވުނެވެ. އޭރު ދުވަހަކު ވެސް ނުތެޅޭހާ އަވަހަށް ހިތް ތެޅެމުން ދެއެވެ. ހިންދިރުވާލުމަށްފަހު، އެ ވީޑިޔޯ ތިން ވަނަ ފަހަރަށް އޭނާ ޕްލޭ ކުރިއެވެ.
ގުލްޝަން އިޑީ މަރާލާ ވީޑިޔޯ އޭނާގެ ކެމެރާގައި އޮންނަން ވީ ކީއްވެ ހެއްޔެވެ؟ ގައިމު ވެސް އެއީ އޭނާއަށް އެނގިގެން ވީ ކަމެއް ނޫނެވެ. އިޑީ މަރާލި މީހާގެ މޫނު، އޭނާއަށް ޒޫމް ކޮށްލެވުނީ ތުރުތުރު އަޅާ އަތަކުންނެވެ. އެ ވަގުތު ލިބުނު ކުއްލި ސިހުމައިގެން ބާރުބާރަށް ދެ ލޯ މަރައިލެވުނެވެ. ވެއްޓުނީ ބޮޑު އަނދަވަޅަކަށް ކަން ޔަގީން ކުރެވުނެވެ. ދެން ސަލާމަތް ނުވާނެކަން ވެސް އޭނާއަށް އެނގުނެވެ.
ކަން ވީ ގޮތް ވެސް ޝާހިދުއަށް އެނގިއްޖެއެވެ. ފޭސް ޓޫ އަށް އޭނާ ދިޔައީ އިރުއޮއްސޭ މަންޒަރު ފޮޓޯ ނަގާށެވެ. ނަމަވެސް ވިއްސާރައި ޖެހި ހަދަން ފަށާފައި ހުރި އިމާރާތެއްގެ ތެރެއަށް ވަންނަން އޭނާއަށް މަޖުބޫރުވީއެވެ. އޭރު ސައިކަލް ހުރީ މާ ދުރުގައެވެ. އިމާރާތުގެ ތެރޭގައި ހުރި ތާންގީއެއްގެ މަތީ ކެމެރާ ބޭއްވުމަށްފަހު، ޝާހިދު ބޭރަށް ދިޔައީ ސައިކަލާ ދިމާލަށެވެ.
ނަމަވެސް އޭނާ ސައިކަލަށް އެރުމާއެކު އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން އައިސް ވެއްޓުނީ އޭނާގެ ސައިކަލް ބުޑަށެވެ. ވެއްޓުނު އަންހެން ކުއްޖާ ނަގައިދިނުމުގައި އޭނާ އެހީތެރިވެދިނެވެ. އެހެންވެ، ކެމެރާ ބަލައި އެނބުރި އާދެވުނީ ކުޑައިރުކޮޅެއް ފަހުންނެވެ. ކެމެރާ ހިފައިގެން ނިކުމެ އިމާރާތުގެ ދޮރު މަތީގައި އޭނާ މަޑުކޮށްލިއެވެ. އަދި ކެމެރާ ދަބަހަށް ލީ ވެސް އެތާ ހުރެއެވެ.
ކަން ވީ ގޮތް ޝާހިދުއަށް މުޅިން ކަށަވަރު ކުރެވުނެވެ. އެ މަގުގައި ހުރި ސީސީޓީވީ ފުޓޭޖްތަކަށް ޝާހިދުގެ މަންޒަރުތައް ރެކޯޑު ކުރެވުނީއެވެ. ކެމެރާ އޮތީ ވަންނަ ދޮރު ކައިރީގައި ހުރި ތާންގީއެއް މަތީއެވެ. އިޑީ މަރާލައިފައި ވަނީ ކޮޓަރިއެއްގެ ތެރޭގައެވެ. ޝާހިދަށް ކެމެރާ ބޭއްވުނު އިރު ކެމެރާގެ ލެންސް އޮތީ ކުޑަ ދޮރާ ދިމާލަށެވެ. ކެމެރާ ވީޑިޔޯއަށް ޖެއްސިފައި އޮތް ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ.
ދެ ވަނަ މެމޮރީ ކާޑަށް އެ ވީޑީޔޯ ފޮނުވާލުމަށްފަހު އޭނާ އަވަސް އަވަހަށް އެ މެމޮރީ ކާޑު ނެގިއެވެ. އެ މެމޮރީ ކާޑު އޭނާ ވައްޓައިލީ ފްލެޝްޓޭންކް ތެރެއަށެވެ. އެ ކާޑު ރައްކާކުރާނެ އެންމެ ރަނގަޅު ތަނަކަށް އޭނާއަށް ވިސްނުނީ އެ ތަނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފާހާނާއިން ނިކުމެ ޝާހިދު ބޭރަށް ހިނގައިގަތެވެ. ޝާހިދުގެ ފޯނު ޓްރެކް ކޮށްގެން އޭނާގެ ލޮކޭޝަން އެ މީހުން ބަލާނެކަން އޭނާއަށް އެނގުނެވެ.
މޯލްއިން ނިކުތް ވަގުތު އޭނާއާ ދިމާލަށް އައި ކާރަކީ ވެސް އެ މީހުންގެ ކާރެއްކަން ޝާހިދުއަށް ވިސްނުނެވެ. އެ ކާރަށް އޭނާ އެރީ ހެކި ނައްތާލުމަށްފަހު ޔަގީން ކަމާ އެކުގައެވެ.
ވަކި ހިސާބަކަށް ހިނގާފައި އައިސް ޝާހިދު ކާރަކަށް އެރީ މޯލްއަށް ދާށެވެ. ބަންދު ކުރުމުގެ ކުރިން އޭނާއަށް އެ ތަނަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ތެޅެމުން ފޮޅެމުން ގޮސް އޭނާ ފާހާނާއަށް ވަނެވެ. ހާސް ހިތަކައިގެން ޝާހިދު ފްލެޝްޓޭންކް މަތިގަނޑު ނަގައި ބަލައިލިއެވެ. ފުނުގައި އޮތް މެމޮރީ ކާޑު ފެނި، އޭނާއަށް ހިނިތުން ވެލެވުނެވެ.
މޯލްއިން ނިކުތް އިރު ޝާހިދުގެ ދެ ލޮލުގައި ވަނީ އާދަޔާ ހިލާފު ބެލުމެކެވެ. އިޑީ މަރައިލި ސަބަބު އޭނާއަށް ނޭނގުނަސް ލަފާ ކުރެވެނީ ފައިސާގެ މައްސަލައެއް ކަމެވެ. އިޑީއަކީ އެ މިނިސްޓަރާ ބޮޑު ގުޅުމެއް އޮންނަ މީހެކެވެ. ސަރުކާރާ ގާތް މީހެކެވެ.
މި އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވާނެއެވެ. ޝާހިދު މިހާރު އިންތިޒާރު ކުރަމުން ދަނީ އެ ވަގުތަށެވެ. އެ ދުވަހުން އޭނާ އަދި އެ މެމޮރީ ކާޑުގެ ބޭނުން ހިފާނެއެވެ. ގުލްޝަން އިޑީއަށް އިންސާފު ހޯދައިދޭން ޖެހިލުމެއް ނެތި އޭނާ ނިކުންނާނެއެވެ. އެ އަޒުމާއެކު މުށުތެރެއަށް މެމޮރީ ކާޑު ލައި އޭނާއަށް މުށް ބާރު ކޮށްލެވުނެވެ.
ނިމުނީ