27 މާޗް 2024 - 13:46

ސަލްމާން ހާންގެ އެންމެ ހަގު ކޮއްކޮ އަދި އެކްޓަރު ސޮހައިލް ހާން އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސޮހައިލް އޭނާގެ ދެ ކުދިންނާ އެކު ރާއްޖެ އަށް ފުރީ މިއަދު އެވެ. އޭނާ ފުރަން މުމްބާއި އެއާޕޯޓަށް ގޮސް ހުއްޓާ ފެންނަ ވީޑިއޯތައް ވެސް ޕަޕަރާޒީން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އޭނާ ޗުއްޓީ ހޭދަކުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.
ސޮހައިލް އަކީ އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުން ގޯސްވި ފަހުން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައި ކަމަށް ރިޕޯޓްކޮށްފައިވާ އިންޑިއާގެ ފުރަތަމަ ސެލެބްރިޓީ އެވެ.
ސޮހައިލް ވަނީ 2017 ވަނަ އަހަރު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އައީ އޭނާގެ ކުރީގެ އަންހެނުން ސީމާ ސަޖުދެއާ އެކު އެވެ.
ލަކްޝަދީޕްގެ ޓޫރިޒަަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކާ ހެދި، ރާއްޖެ ހޫނުފެނަށް ވެއްޓުނެވެ.
އެ މައްސަލާގައި އިންޑިއާގެ ވަރަށް ގިނަ ސްޓާރުން ވަނީ ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައިފަ އެވެ.
އޭގެ ފަހުން ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓްގެ ގޮތުގައި އޮތް އިންޑިއާ މިހާރު ވަނީ ހަވަނަ އަށް ވެއްޓިފަ އެވެ. މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންޑިއާ އިން ރާއްޖެ އައީ 31،649 ޓޫރިސްޓުންނެވެ.