28 މާޗް 2024 - 08:18

ވައިކުޑައިގައި ހަރުކޮށް ޣައްޒާއަށް އެމެރިކާއިން ދޫކުރި އެހީގެ ތަކެތި ހޯދަން އުޅުމުގެ ތެރޭގައި 18 މީހަކު މަރުވި ހާދިސާއަށް ފަހު އެކަން އެގޮތަށް ނުކުރަން ހަމާސް ޖަމާއަތުން އެދުނަސް، އެގޮތަށް އެހީ ފޮނުވުން ކުރިއަށް ގެންދާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ވައިކުޑައިގައި ފޮނުވި ބައެއް އެއްޗެހި މީހުންގެ ގައިގައި ޖެހިގެންނާއި މީހުން ތޮއްޖެހިގެންނާއި މޫދަށް ވެއްޓުނު އެއްޗެހި ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން ވެސް މީހުން މަރުވި ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. އެހެންވެ ހަމާސް އިން ބުނީ މިގޮތަށް އެހީ ފޮނުވަން އުޅުމަށް ވުރެ، ޣައްޒާއަށް އެހީ ހިފައިގެން އައިސް ތިބި ޓްރަކްތައް ވަނުމުގެ ހުއްދަ އިޒްރޭލުން ދިނުން މާ ރަނގަޅުވާނެ ކަމަށެވެ.
ޣައްޒާގައި ހައިހޫނުކަން ބޮޑުވެ ކުޑަކުދިން ބަނޑަށް މަރުވަމުން ދާއިރު ވެސް އިޒްރޭލުން ދަނީ އެހީއަށް ހުރަސްއަޅަމުންނެވެ. އެހެންވެ، އާންމުވެގެންވާ ހައިހޫނުކަމެއް ކުރިމަތިވުމުގެ ބިރު އޮތުމުން ޔުނިސެފުން ވެސް ވަނީ އެހީ ފޯރުކޮށްދެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި ޖޯޑަން، މިސްރު، ޔޫއޭއީ އަދި ޖަރުމަނުން ފޮނުވި އެހީގެ ތަކެތި ވައިގެ މަގުން ޣައްޒާގެ އެކި ހިސާބުތަކަށް އަޅަމުން ދިޔައިރު ގިނަ އަދަދެއްގެ މީހުން އެ ހޯދަން ހާސްކަމާ އެކު އުޅެމުން ދިޔަ އެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ ޣައްޒާގެ މަގުތަކަށް ފޯރާ ގޮތަށް އެހީ އެއާޑްރޮޕް ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށާއި އެހީ ފޮނުވުން ނުހުއްޓާނެ ކަމަށެވެ. މިގޮތަށް އެހީ ފޮނުވުމަކީ އެހީ ފޯރުކޮށްދޭ އެކި ގޮތްގޮތުގެ ތެރެއިން އެއް ކަންތައް ކަމަށް ވެސް އެމެރިކާއިން ބުންޏެވެ. -- އޭއެފްޕީ