ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ
ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ

މުދާ އަރުވައި ބަރާކޮށްފައި އޮތް ކާގޯ ބޯޓެއް އެމެރިކާގެ ބަލްޓިމޯގެ މުހިންމު ބްރިޖެއްގައި ޖެހި، އެ ބްރިޖް ވެއްޓުމުގެ ސަބަބުން އެ ގައުމުގެ އެންމެ ބާރުބޮޑު އެއް ބަނދަރު ބަންދުވެއްޖެ އެވެ.

ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ
ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ

ފްރަންސިސް ސްކޮޓް ކީ ބްރިޖް ވެއްޓުނީ ކާގޯ ބޯޓުގެ ކޮންޓްރޯލް ގެއްލުމުން އެ ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ދަނިކޮށް ބްރިޖްގެ ތަނބެއްގައި ޖެހުމުންނެވެ. މި ހާދިސާގައި ވަނީ، އެ ވަގުތު ބްރިޖްގެ މަރާމާތެއް ކުރަން އުޅުނު ހަ މީހަކު ގެއްލިފަ އެވެ.

ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ
ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ

މެރީލޭންޑްގެ ގަވަރުނަރު ވެސް މޫ ވިދާޅުވީ މި ހާދިސާގައި ގެއްލުން ކުޑަކުރެވުނީ ބޯޓަށް މައްސަލައެއް ދިމާވެ ކޮންޓްރޯލް ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުމާ އެކު، އެ ސަރަހައްދުގެ އިދާރާތަކު ބްރިޖުން ވެހިކަލްތައް ހުސްކޮށް އެތަން ބަންދުކުރުމުން ކަމަށެވެ. އެއީ ރޭގަނޑުގެ ވަގުތެކެވެ.

"މިއީ ހަމަ ބަތަލުންތަކެއް. އެ މީހުން ވަނީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ ގަޑިން މެންދަމު 1:30 ގައި މި ހާދިސާ ހިނގި މަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި ކޮންޓްރޯލް ނުވެ ބާރު ސްޕީޑުގައި ދިޔަ ބޯޓު ބްރިޖްގެ ދަށުން ދިއުމުގެ ބަދަލުގައި ގޮސް ޖެހުނީ ސަޕޯޓްގެ ގޮތުގައި ޖަހާފައިވާ ތަނބުތަކުގެ ތެރެއިން ތަނބެއްގަ އެވެ.

ބޯޓު ޖެހުމާ އެކުއެކީހެން، 1977 ވަނަ އަހަރުގެ މި ބްރިޖް ރޫޅި ބައިބަޔަށް ވެއްޓުނީ އެވެ.

މި ހާދިސާގައި މީހުން ގެއްލުނު ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެ އެވެ. ވެރިރަށް ވޮޝިންޓަންގެ އުތުރުގައި އޮންނަ އެންމެ ބާރުބޮޑު އެއް ބަނދަރަށް ދެވެން އޮންނަ ކޯރުގައި ހަދާފައިވާ ބްރިޖް ވެއްޓުނު ހިސާބު ޑައިވަރުންނާއި ރެސްކިއު ޓީމުތަކުން އަންނަނީ ބަލަމުންނެވެ. އެހެންވެ މިހާރު ވަނީ އެ ބަނދަރު ވެސް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.

އެފްބީއައި އާއި އެހެން އިދާރާތަކުން ވެސް ބުނީ މި ހާދިސާ އަކީ ޓެރަރިޒަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

"ތަހުގީގުގެ މިހާ ހިސާބަށް އެނގިފައިވަނީ މިއީ އެކްސިޑެންޓެއް ކަމަށް،" ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ބްރިޖްގެ ހާލަތު ދަށްވެގެން ދިމާވި ކަމެއް ވެސް ނޫން ކަމަށާއި ބްރިޖްގެ ސަލާމަތީ ކަންކަން ހުރީ ފުރިހަމައަށް، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.

ބޯޓުގެ ވެރިފަރާތާ ހަވާލާދީ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބޯޓު ކޮންޓްރޯލް ނުވުމުން އެންމެ ފަހު ވަގުތު ފަޅުވެރިން ވަނީ ނަގިލި ވެސް ވައްޓާލައިފަ އެވެ. އެކަމަކު ވެސް ބޯޓު ހުއްޓޭ ގޮތް ނުވެ ބްރިޖްގައި ޖެހުނީ އެވެ. -- އޭއެފްޕީ