27 މާޗް 2024 - 08:10

ދުވަމުން ދިޔައިރު އަހަންނަށް މާނޭވާ ލެވެއެވެ. އުނަގަނޑާ ހަމައަށް ފައިބައިފައި އޮތް އަހަރެންގެ އިސްތަށިގަނޑު ވެސް ވަޔާ ވިހުރެމުން ދެއެވެ. ބައެއް ފަހަރު އެކަމާ އަހަންނަށް އުނދަގޫ ވެސް ވެއެވެ. ނަމަވެސް ދުވެލި މަޑުކޮށްލީ ބަނދަރުގައި ހުރި ބޮޑު ހިރުނދު ގަހާ އަރާ ހަމަވުމުންނެވެ.
ގަހުގައި އަތް ވިއްދާލުމަށްފަހު މޭގައި އަތް އަޅައިގެން ހުރެ، އަވަސް އަވަހަށް ނޭވާ ލީމެވެ. އޭރު "ސީހޯސް ބޯޓު" އޮތީ ފާލަމާ ކައިރި ކޮށްފައެވެ. އިއްޔެއަކީ ސްކޫލް ބަންދު ވީ ދުވަސް ކަމުން، ގިނަ އަދަދެއްގެ މީހުން މިއަދު ބޯޓުން ރަށަށް އައެވެ. އެހެންވެ، ފާލަން ކައިރިއަށް އޭރު ވެސް މީހުން އެއްވަމުން ދެއެވެ.
އެ ދިމާލަށް ބަލަން ހުއްޓާ، އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން ދާ ކުއްޖާ ފެނިއްޖެއެވެ. އަހުޒަމް ފެނުމާއެކު މިހާރު ހާދަ ފިރިހެންވަންތައޭ އަހަރެންގެ ހިތަށް އެރިއެވެ. ގްރޭޑް ހަތެއް ނިންމުމަށްފަހު އަހުޒަމް މާލެ ބަދަލުވީ ކިޔަވާށެވެ. އެންމެ ކުޑަ އިރުއްސުރެ އަހުޒަމްއަކީ އަހަރެންގެ ހިތުގެ ލޯތްބެވެ. އޭނާގެ ގެ ހުންނަނީ އަހަރެންގެ ގެއާ ޖެހިގެންނެވެ. އެހެންވެ، ރެޔާ ދުވާލު އަހަންނަށް ވަރަށް ގިނައިން އޭރު އަހުޒަމް ފެނެއެވެ. ނަމަވެސް އަހުޒަމް ހިތްހަމަ ނުޖެހިދާނެތީ ލޯބިވާ ވާހަކަ ބުނާކަށް ނުކެރުނެވެ.
މިއަދު އަހަންނަށް އަހުޒަމް މި ފެނުނީ އަހަރު ދުވަހުގެ އިންތިޒާރަކަށް ފަހުއެވެ. ކުއްލިއަކަށް އޭނާގެ އިސްކޮޅު ހުރީ ވަރަށް ބޮޑަށް ދެމިލައިފައެވެ. ހަމުގެ ކުލަ ކުރިއަށް ވުރެ އަލިވެފައި ހަށިގަނޑުގެ ރޫފައަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އަހުޒަމް ފެނުމުން ކުރިއަށް ވުރެ ބޮޑަށް އޭނަ ދެކެ ލޯބި ވެވިއްޖެއެވެ. އޭނާ ދެކެ ލޯބިވާ ވާހަކަ ބުނަން އެތައް ފަހަރަކު ހިތް އެދުނެވެ. ނަމަވެސް އަހުޒަމް އަހަންނާމެދު ދެކޭނެ ގޮތެއް ނޭނގޭތީ ކޮންމެ ފަހަރަކު ވެސް ބުނަން ފަސް ޖެހެވެނީއެވެ.
"ހޭ." ރާޔާގެ އަޑުން އަހަރެން ސިހުނެވެ.
ރާޔާއަކީ ކައިރި ރަށެއްގެ ކުއްޖެކެވެ. ސްކޫލް ބަންދު ވުމުން އޭނާ ވެސް މި ފަހަރު ޗުއްޓީ ހޭދަ ކުރަން މި ރަށަށް އައީއެވެ. އޭނާ ހުންނަނީ އަހަރެންގެ ގޭގައެވެ.
"އަހަރެން މިއައީ ސުހާ މާ ބާރަށް ދުވެފައި އަންނަ ތަން ފެނިގެން،" ރާޔާ ބުންޏެވެ.
އަހުޒަމްގެ ވާހަކަ އަހަރެން އެއްވެސް މީހެއް ގާތު ބުނާކަށް ބޭނުމެއް ނޫނެވެ. ހިތުގައި އޮތީ މި ފަހަރު ސީދާ އަހުޒަމް ގާތުގައި ބުނާށެވެ. އެހެންވެ ރާޔާއަށް ވެސް އެކަން އޮޅުވައިލީމެވެ. ބޯޓުން މާ ގިނަ މީހުން އަންނަ ފަހަރެއްކަމުން ބަލައިލަން އައީ ކަމުގައި އަހަރެން ބުނީމެވެ.
އަހުޒަމް ފެނުނު ފަހުން އަހަރެންގެ އުޅުމަށް ބަދަލުތައް އަންނަން ފެށިއެވެ. އަހަންނަކީ ރީތި ކުއްޖެއް ނޫނެވެ. ނަމަވެސް ހުތުރެކޭ ވެސް ނުބުނެވޭނެއެވެ. މިހާރަކަށް އައިސް ގެއިން ނިކުންނަ ކޮންމެ ފަހަރަކު ލޯގަނޑު ކުރިމަތީ ހުއްޓި، ފަރި ބަލައިލެވެއެވެ. ބޮލުން އިސްތައްޓެއް ވެސް ހިއްލިފައި ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. މޫނުގައި ހުންނަ މެދުމިނެއްގެ ދޮންކަން އިތުރަށް އަލި ކޮށްލުމަށްޓަކައި ފުށް މާ ވެސް ދެ ކޮލުގައި ޖަހާލެވެއެވެ.
ހަވީރުގެ ވަގުތެވެ. ރާޔާ އުޅެނީ ފެންވަރާށެވެ. ބޭރު ޖޯއްޔަށް އަހަރެން ނިކުތީ އެކަންޏެވެ. އިރުއިރުކޮޅުން އަހުޒަމްގެ ގޭ ދޮރާ ދިމާލަށް ބަލައިލެވެއެވެ. އޭނާ ނިކުމޭތޯއެވެ. އޭނާ ފެނުމުން އަހަރެންގެ ހިތަށް އުފާވެރިކަން ލިބެއެވެ.
ކުއްލިއަކަށް އަހަންނަށް ފެނުނީ ދޮރުމަތީގައި ހުރި އަހުޒަމެވެ. ލައިގެން ހުރީ އޮރެންޖް ކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެކެވެ. އަހަންނަށް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ. ކުއްލިއަކަށް ފެނުނީ އޭނާ އަހަންނާ ދިމާލަށް އަންނަ ތަނެވެ. އެ ވަގުތު އަހަރެންގެ ހިތް ލަދުން ގޮސް އޮޅިގަތެވެ. އެހާ ކައިރިން އޭނަ ފެނިއްޖެނަމަ ހިތަށް ސަމާލު ނުވެވިދާނެތީ އަހަރެން ބިރު ގަނެއެވެ.
"ސުހާ،" އޭނާ ގޮވާލިއެވެ.
އަހަންނަށް ފާހަގަ ކުރެވުނީ އެ އަޑުގައި ހުރި ބަރުކަމެވެ. މުޅިން އެހެން އަޑެކެވެ. އެހެންވެ، އަހަރެން ގާތަށް ކޮންމެވެސް ވަރަކަށް ހިނި އައެވެ.
"އަހަރެން ހީކުރީ އަހޫއަށް މިހާރު އަހަރެން ނުވެސް އެނގޭނެ ކަމަށް، މި ބުނީ، ހަނދާން ނެތިދާނެޔޭ،" އަހަރެން ބުނީމެވެ.
ލަދުން އިން ވަރުން އަހަންނަށް ވާހަކަ ދެއްކުނީ ލަދުރަކި ގޮތަކަށެވެ. އަހަންނާ އެއް ޖޯލި ދޫކޮށްލުމަށްފަހު އަހުޒަމް އިށީނދެއްޖެއެވެ. އެހެންވެ، އޭނާ އަހަންނާ ވާހަކަ ދައްކާ ހިތްވާކަން އަހަންނަށް އިހްސާސް ކުރެވުނެވެ.
"ދެން އަހަންނަށް ސުހާ އެނގޭނެ އެއްނު. ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެޔޭ،" ހީލަމުން އަހުޒަމް ބުންޏެވެ.
އަހަންނާ އެހާ ގާތްކޮށް އޭނާ ވާހަކަ ދެއްކީތީ އަހަރެން އުފާ ކުރީމެވެ. ނަމަވެސް ދައްކާނެ ވާހަކައެއް ނޭނގިފައި އަހަންނަށް އިނދެވުނީއެވެ.
"ސުހާ، ސުހާ، މަންމަ އެބަ ގޮވާ،" ފަހަތުން އިވުނީ ރާޔާގެ އަޑެވެ.
އަހަރެން ފަހަތް ބަލައިލީމެވެ. ފެންވަރައިގެން ނިކުތް ގޮތަށް ރާޔާ ހުރީ ދޮރު މަތީގައެވެ. އަހަރެން ބޯ ޖަހާލުމާއެކު ރާޔާ އެނބުރި ގެއަށް ވަދެއްޖެއެވެ.
"ކާކު އެއީ؟" އަހުޒަމް ބުންޏެވެ. އޭނާގެ މޫނުމަތީގައި ކޮންމެ ވެސް ވަރެއްގެ ހައިރާންމެއް ހުއްޓެވެ.
"މި އަތޮޅު ރަށެއްގެ ކުއްޖެއް. މަންމަ ފްރެންޑެއްގެ ދަރިއެއް،" އަހަރެން ބުނީމެވެ.
އެ ވަގުތު އޭނާ ހީލިއެވެ. އޭގެ ފަހުން ދެ ފަހަރަކު އަހުޒަމް ފަހަތް ބަލައިލިކަން ފާހަގަ ކުރެވުނެވެ. ފަސް އެނބުރި ބަލަން ފެށުމުން އަހަރެންގެ މޭ ފާޑަކަށް ތެޅިގަތެވެ. އޭނާއަށް ރާޔާ ރީތި ވީ ބާވައޭ ވެސް ހިތަށް އެރިއެވެ.
"ޔޫ ގެ މަންމަ ދެންމެ ބަލައިލައިފި." އަހުޒަމް ބުންޏެވެ.
އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނީ ދެނެވެ. އޭނާ އެ ހޯދީ ރާޔާ ނޫންކަން ޔަގީން ކުރެވުނެވެ.
ރޭގަނޑުގެ ވަގުތެވެ. އަހަރެން އިނީ ބޭރަށް ދާ ހިތުންނެވެ. ނަމަވެސް ރޭގަނޑު ބޭރަށް ފޮނުވާކަށް މަންމަ އެއްބަހެއް ނުވާނެއެވެ. އަބަދު ވެސް ބޭރަށް ދާން ޖެހޭނީ މަންމައާ އެކުއެވެ. ނަމަވެސް މިރޭ ބަނދަރުމަތީގައި އޮންނަ ބީޗް ވޮލީ ކުޅޭ ތަނަށް ދާން އަހަރެން ކޮންމެހެން ވެސް ބޭނުމެވެ. އެއީ އެ ތަނަށް އަހުޒަމް ވެސް ދާނެކަން އަހަންނަށް ޔަގީން ވާތީއެވެ.
އަހަރެން ދާން ބޭނުންވަނީ އެކަންޏެވެ. ނަމަވެސް މަންމަ، އަހަރެން އެކަނި ބޭރަށް ނުފޮނުވާނެކަން މިއީ ރޭގަނޑު ފަދައިން އަހަންނަށް ޔަގީން ކުރެވުނެވެ. އެހެންވެ، ރާޔާއާ ދެ މީހުން ވެގެން މަންމަ ރުއްސީމެވެ. މަންމަ އެދުނީ 10 ޖެހުމުގެ ކުރިން ގެއަށް އައުމަށެވެ. އަހަރެމެން ނައްޓައިލީ އެކަމަށް އެއްބަސް ވެގެންނެވެ.
ބަނދަރަށް ގޮސް، މީހުންތަކުގެ ތެރެއިން އަހަރެން ބެލީ އަހުޒަމް ފެނޭތޯއެވެ. އޭރު ވެސް ރާޔާ ހުރީ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭނާއަކީ ރަށުން ބޭރު ކުއްޖެއް ކަމުން ރަށުގައި އުޅޭ އަހަރެމެން ފުރައިގެ ފިރިހެން ކުދިން އޭނާއަށް ބަލާކަން އަހަންނަށް ވެސް ފާހަގަ ކުރެވުނެވެ. ރާޔާއަކީ އަހަންނަށް ވުރެ އެތައް ގުނައެއް ރީތި ކުއްޖެއެވެ. ހެދުން އަޅަނީ ވެސް ޒަމާނާ އެއްގޮތަށެވެ. އޭނާގެ ރީތި ކަމުން ބައެއް ފަހަރު އަހަރެންގެ ހިތުގައި ވެސް ހަސަދައިގެ ޓަކި ޖަހައެވެ.
ކުއްލިއަކަށް ފަހަތުން އަހަރެންގެ ނަމުން އަހުޒަމް ގޮވާލި އަޑު އިވުނެވެ. އޭނާ ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާ ފެނުމާއެކު އަހަރެންގެ ހަށިގަނޑުގައި ދައުރު ވަމުންދާ ލޭ ހަލަބޮލި ވެއްޖެއެވެ. ހިތުގެ ހިނގުން އަވަސްވެ އަތް ފައި ފިނި ވެސް ވެއްޖެއެވެ. ރާޔާގެ އަތުން ދޫ ކޮށްލުމަށްފަހު އަހަރެން އަހުޒަމްއާ ދިމާލަށް ހިނގައިގަތީމެވެ. އެތާ އެ ހުރީ ކާކުތޯ ސުވާލު ކުރަމުން ރާޔާ އަހަރެންގެ ފަހަތުން ހިނގައިގަތެވެ.
"އެއީ ގެ ކައިރި ކުއްޖެއް، މިހާރު އުޅެނީ މާލޭގައި،" އަހަރެން ބުނީމެވެ.
"ހާދަ ލޯބި ބިޓެކޭ،" ރާޔާ ބުންޏެވެ.
އަހުޒަމްއާ ދިމާލަށް ރާޔާ އެހެން ބުނާ އަޑު އަހަން ކުޑަކޮށް އަހަންނަށް އުނދަގޫ ވިއެވެ. ނަމަވެސް ރައްދެއް ނުދެމެވެ. އިވޭ ކަމަކަށް ވެސް ނަހަދަމެވެ. އަހަރެމެން ގޮސް އަހުޒަމް ގާތު ހުއްޓުނީމެވެ.
އެއާއެކު ރާޔާ އަހުޒަމްއަށް ހައި ޖަހާލިއެވެ. ރާޔާއަކީ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ ކުއްޖެކެވެ. އޭނާ ވާހަކަ ނުދައްކާނެ ކަމަށް މަގެއް މަތިން ބުޅަލެއް ވެސް ދާނެ ކަމެއް ނެތޭ އަބަދު ވެސް އަހަރެން އޭނާއާ ދިމާލަށް ބުނަމެވެ.
"މިހާ ރީތި ރަށެއް ދޫކޮށްފައި ކީއްވެތަ މާލެ ދިޔައީ؟" ރާޔާ އެހިއެވެ.
ދައްކާނެ ވާހަކައެއް ނޭނގި ހުއްޓާ، ރާޔާ އަހުޒަމްއާ ވާހަކަ ދައްކަން ފެށިއެވެ. ރާޔާގެ ސުވާލުން އަހުޒަމް ވެސް ޖަހާލީ ހިނިގަނޑެކެވެ.
"ރަށް އެކަނިތަ ރީތީ؟ މިރަށުގައި އުޅޭ ކުދިން ހަޑިތަ؟" އަހުޒަމް ބުންޏެވެ.
އަހަންނަށް ހީވީ އެއީ އަހަންނަށް އެއްލި ބަހެއް ހެންނެވެ. ތުންފަތުގައި ދަތް އަޅާލަމުން އަހަންނަށް އިސްޖަހާލެވުނެވެ. އަދި ކަންފަތާ ދިމާލުން މޫނު މައްޗަށް ފައިބައިފައިވާ އިސްތަށިކޮޅު ކަންފަތު ބުޑަށް ޖައްސާލުމަށްފަހު އަހުޒަމްއަށް ބަލައިލީމެވެ. އޭރު އޭނާ ވެސް ހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ.
"ނޫނޭ، ތީނަ ވެސް ހާދަ ރީއްޗޭ،" ރާޔާ ބުނެލީ ހެމުންނެވެ.
ރާޔާގެ ސަކަ މިޒާޖު އަހުޒަމްއަށް ކަމުދިޔަ ހެން އަހަންނަށް ހީވިއެވެ. އަހަންނަށް ވުރެ ބޮޑަށް އެ ދެ މީހުން މާ ގަދަޔަށް ހެޔެވެ.
"އަހަރެން؟ މަ ތަ؟ މަ ނުވާނެ ރީއްޗެއް، ދޯ ސުހާ؟" ދެ ޖީބަށް އަތް ޖަހާލަމުން އަހުޒަމް ބުންޏެވެ.
ކުއްލިއަކަށް އަހުޒަމް އަހަންނާ ސުވާލު ކުރުމުން އަހަންނަށް ހުރީ ޖަވާބު ދޭން އުނދަގޫ ވެފައެވެ.
"ސުހާ ނުބުނާނެ އެއްޗެކޭ. މީހަކު އައިސް އޭނަ ރޮލާ ކެޔަސް،" މިފަހަރު ވެސް ރާޔާ އަހަރެމެން ހެއްވާލައިފިއެވެ.
"ހާދަ ލާނެތް ކުއްޖެކޭ." އަހުޒަމް ބުންޏެވެ.
މި ފަހަރު އަހަންނަށް ވެސް ހެވުނެވެ. ރާޔާގެ ސަބަބުން އެތައް ފަހަރަކު އަހުޒަމްއަށް ވެސް ހޭން ޖެހުނެވެ. ވަގުތު ދިޔަ ގޮތް ނޭނގުނެވެ. ގަޑި ބަލައިލި އިރު 10 ޖަހަނީއެވެ. ގެއާ ދިމާލަށް މިސްރާބު ޖެހީ ތިން މީހުން އެކުގައެވެ. މެދުގައި ހުރީ އަހަންނެވެ. ރާޔާ އާއި އަހުޒަމް ހުއްޓާނުލައި ވާހަކަ ދައްކަމުން ދެއެވެ. ގެއަށް ދެވެން ދެން ވެސް އަހަރެން އަހުޒަމްއަށް ބެލީ ވަގު ލޮލުންނެވެ.
ޖެހިގެން އައި ރެއެވެ. ގޭ ދޮރުމައްޗަށް ނިކުމެލީމެވެ. އޭރު އަހުޒަމް ހުރީ އެ ގޭ ދޮރުމަތީއެވެ. އަހަރެން ފެނުމާއެކު ބާރުބާރަށް އަހަންނާ ދިމާލަށް އަތުވެއްޖެއެވެ. އެކަން ވީ އަހަންނަށް ލިބުނު ބޮޑު އުފަލަކަށެވެ.
"މިރޭ... އެކަނިތަ؟" ގެއަށް ނަޒަރު ހިންގާލަމުން އޭނާ ސުވާލު ކުރިއެވެ.
ތިން ފޫޓަށް ރާނާފައި ހުރި ވަށާފާރު މަތީގައި އޭނާ އިށީނދެލިއެވެ. އަހަރެން ހުރީ ފާރުގައި ލެނގިލައިގެންނެވެ.
"ހޫމް، އެކަނިވެރިން އަބަދު ވެސް އުޅޭނީ އެކަންޏެއްނު،" އަހަރެން ބުނީމެވެ.
"ސުހާ ތިހެން ބުނީމަ އަހަރެން ކިހިނެއް ގަބޫލު ކުރާނީ؟ ހަމަ އަސްލު ވެސް ބުނެބަލަ. ބިޓެއް ނުނަގަންތަ؟" އޭނާ އެހިއެވެ.
ޝައުގުވެރިކަމާއެކު އަހުޒަމް ސުވާލު ކުރަން ފެށުމުން އަހަރެން އިތުރަށް ގަޔާވިއެވެ. އެހާ ވަރުން އަހަރެންގެ ބިޓެއް ހުރޭތޯ ބަލަންވީ ކީއްވެ ބާވައޭ ހިތަށް އެރިއެވެ. ތުއި ގޮތަކަށް ހޫމް އަޅުވާލީމެވެ. އެއާއެކު އޭނާ ހެވިފައި އިނދެ ބަލައިލީ ދުރަށެވެ.
"ރައްޓެހިވާން ވެސް ކުއްޖަކު ނާހާތަ؟" އަނެއްކާ ވެސް އަހުޒަމް އެހިއެވެ.
މި ފަހަރު ވެސް އަހަރެން ބޯ ޖަހާލީމެވެ. ހަމަ އެ ވަގުތެވެ. އަހުޒަމްގެ މަންމަ އޭނާއަށް ކާން އައުމަށް ގޮވާ އަޑު އިވުނެވެ. ފާރު މަތިން ފުންމާލުމަށްފަހު އަހުޒަމް އަހަންނަށް ބަލައިލިއެވެ. އެ ދެ ލޮލުގެ ތެރެއަށް ފީނައި ގަނެފާނަމޭ އަހަރެން ހިތަށް އެރިއެވެ. އޭރު އޭނާގެ ގައިން ދުވާ މީރު ވަހުން އެ ހަށިގަނޑުގައި ބައްދާލަން ހިތް އެދެމުން ދިޔައެވެ.
"މިރޭ... ރާޔާ ނެތީތަ؟" އަހުޒަމް ބުންޏެވެ.
"އެބައިން ބަތް ކާން." އަހަރެން ޖަވާބު ދިނީމެވެ.
"އެހެންތަ؟ އޭނަ ވަރަށް މަޖާ ދޯ، މިރޭ ވާނެ މި ޖޯއްޔަށް ނިކުމެލަން. މަޖާ ކޮށްލަން،" އަހުޒަމް ބުންޏެވެ.
ރާޔާގެ ވާހަކަ އަހުޒަމް އެ އެހީ އޭނަ ސަކަރާތް ޖަހާތީ ކަމަށް ވެދާނެޔޭ ހިތަށް އެރިއެވެ. އެހެންވެ ކުޑަކޮށް ހިތަށް ހަމަޖެހުން ލިބުނެވެ. އަހަރެން ހިނިތުން ވެލުމާއެކު ކާން ދަނީ އޭ ބުނެ އޭނާ ހިނގައްޖެ އެވެ.
ކިޔަން އޮތް ފޮތް ތިރިކޮށްލީ ބޭރުން އައިސް ރާޔާ ވަނުމުންނެވެ. އޭނާގެ ކަންފަތާ ދިމާލުގައި ޖަހާފައި އިން ރަތްކުލައިގެ ފިނިފެންމާ ފެނި، އަހަރެން ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. އަދި ބޮލުގައި މާ ޖަހަން ތިޔައީ ކުޑަކުއްޖެއްތޯ އެހީމެވެ. އެއާއެކު އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު ބޮލުގައި އިން މާ ނެގިއެވެ. ހިނި އައިސް އޮވެ އަހަރެން ދިޔައީ އެ މަންޒަރު ބަލަމުންނެވެ.
މޭޒުމަތީގައި އޮތް އޭނާ ކިޔަން ގެންގުޅޭ ވާހަކަ ފޮތުގެ ތެރެއަށް އެ މާ ލުމަށްފަހު އޭނާ އަހަންނަށް ބަލައިލިއެވެ.
"ބައެއް ހަނދާންތައް ޖެހޭނެ މިހެން ވެސް ރައްކާ ކުރަން." ރާޔާ ބުންޏެވެ.
އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން ފެނި އަހަރެން ތެދުވީމެވެ.
"ބައެއް ހަނދާންތަކަކީ ހިތުގައި ބިންވަޅު ނެގިފައި ހުންނަ ހަނދާންތަކެއް. ތި ގޮތަށް ފެންނާކަށް ނުހުންނާނެ." އަހަރެން ބުނީމެވެ.
އޭރު އޭނާ ހުރީ ވާހަކަ ފޮތް މޭގައި ޖައްސާލައިގެންނެވެ. އޭނާ އެ ހަނދާން ކުރަނީ ކޮން ކަމެއްތޯ އަހަންނެއް ނުބަލަމެވެ. އަހަރެން ދެކޭ ގޮތުގައި ޒާތީ ކަންކަމަކީ އެކަކު އަނެކަކަށް ހާމަ ކުރަން ޖެހޭ ކަންކަމެއް ނޫނެވެ.
ޖެހިގެން އައި ދުވަހެވެ. އާދައިގެ މަތިން ހަވީރު ރީތި ވެގެން އަހަރެން ޖޯއްޔަށް ނިކުތީމެވެ. ބޮލުގައި ރިއްސާތީ ރާޔާއަށް އޮތީ ނިދިފައެވެ. ފަހަކަށް އައިސް އަހުޒަމް ވެސް އަހަރެމެންނާއެކު ޖޯއްޔަށް އާދެއެވެ.
އުޑުމަތީގައި ހެދިފައި ހުރި ބޯ ވިލާތަކަށް ބަލަން އަހަރެން އޮތީމެވެ. އަހުޒަމް ފުރުމުގެ ކުރިން އޭނާދެކެ ވާ ލޯބި އިޒްހާރު ކުރަން އަހަރެން ބޭނުމެވެ. އެންމެ ކުޑައިރުއްސުރެ ލޯބިވާ ވާހަކަ ބުނަން ވެސް ބޭނުމެވެ.
"މިއަދު ސުހާ އެކަނިތަ؟ ރާޔާ ކޮބާ؟" އަހަރެން ސިހުނީ އަހުޒަމްގެ އަޑުންނެވެ.
އޭނާ އައިސް ޖޯލީގައި އިށީނެވެ. އަހަރެން އަވަސް އަވަހަށް ހަމަޖެހިލީމެވެ. އޭރު އަހުޒަމްގެ ނަޒަރު ހުއްޓިފައި ހުރީ ގެއާ ދިމާލަށެވެ.
"އޭނަ މިއަދު ނުވެސް ފެނޭ." އަނެއްކާވެސް އަހުޒަމް ބުންޏެވެ.
"ބޮލުގައި ރިއްސާތީވެ އުޅެނީ. އެހެންވެ ނިދިފައި އޮތީ." އަހަރެން ބުނީމެވެ.
އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެ އަހުޒަމް ތެދުވެއްޖެއެވެ. އެ ވަގުތު މޫނު އުފުލައިލަމުން އޭނާއާ ދިމާލަށް އަހަންނަށް ބަލައިލެވުނެވެ.
"އަދި އެބަ ޖެހެޔޭ ގެއަކަށް ވަދެލަން." އަހުޒަމް ބުންޏެވެ.
ގަދަކަމުން އަހަރެން ހިނިތުން ވެލީމެވެ. އަހަންނަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާ ހިނގައްޖެ އެވެ. އަހަރެން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ދެ މީހުން އެކަނި ވަގުތުކޮޅެއް ހޭދަ ކޮށްލަން ލިބުމުން ވެސް އަހުޒަމް ދިޔައީއެވެ. ވެދާނެއެވެ. އަހަރެން އެހާ ވާހަކަ ނުދައްކާތީ އޭނާއަށް ވެސް ވާހަކަ ދައްކަން ނުކެރެނީއެވެ. އަހުޒަމްއާ މެދު ކުށްހީ ކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެހެންވެ، އެހެން ހިތައި އަހަރެން ހިތްހަމަ ޖައްސާލީމެވެ.
ބޭރުން އައިސް އަހަރެން ގެއަށް ވަތް އިރު ރާޔާ ހުރީ ކޮޓަރީގައެވެ. އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން މިއަދު ވަރަށް ތަފާތުކަން އަހަންނަށް އިހްސާސް ކުރެވުނެވެ. ސުވާލު އުފެދިފައި އިނދެ އަހަންނަށް އޭނާއަށް ބެލެމުން ދިޔައެވެ.
"ސުހާ، އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން،" ރާޔާ ބުންޏެވެ.
"ވާހަކައެކޭ؟" ހައިރާން ވެފައި އަހަރެން އެހީމެވެ.
"އަހަންނަކަށް ނޭނގެ ސުހާއަށް ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް،" ރާޔާ ބުންޏެވެ.
"ހޫމް، ދެން އެއްކަލަ ބަނދިފަތި. ރާޔާ ގޮސް މަންމައަށް ޝުކުރު އަދާ ކޮށްބަލަ. މަންމައެއްނު ރާޔާގެ ހުރިހާ ކަމެއް ވެސް ބަލަހައްޓަނީ. ފުރަން ކައިރިވީ ވަރަކަށް ތިޔަ ކަހަލަ ބަނދިތައް ކިޔާނެކަން އަހަންނަށް އެނގެޔޭ،" އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.
"ނޫނެކޭ، ސުހާއަށް އަދި މިކަމެއް ނޭނގޭނެ. ދެ ތިން ދުވަސް ވެއްޖެ މި ވާހަކަ ބުނަން އުޅޭތާ،" ރާޔާ ބުންޏެވެ.
އެނދުން ތެދުވެ، އޭނާ ތަންކޮޅަކަށް ހިނގާލިއެވެ. އޭރު އަހަރެން އިނީ ޖެހިލުންވެފައެވެ. އޭނާ ދައްކަން އުޅޭ ވާހަކައެއް ނޭނގި ބިރުގެންފައެވެ.
"އަހުޒަމް... އަހުޒަމް..." ރާޔާގެ ވާހަކަ ކުރިއަކަށް ނުދިޔައެވެ.
މޭ ގުޑައިގެން ވަރުން ފުންމައިގެން އަހަންނަށް ތެދުވެވުނެވެ. ބޮޑު ފިޔަވަޅުގައި ގޮސް ރާޔާގެ ކުރިމަތީގައި ހުއްޓި އޭނާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލައިލީމެވެ. އޭރު އެ މޫނުމަތީގައިވާ ލަދުވެތިކަން ފެނި އެއްވެސް ކަމެއް ރަނގަޅު ނޫންކަން އަހަންނަށް އެނގުނެވެ.
"އަހުޒަމް ކިހިނެއްވީ؟" އަހަރެންގެ ދެ ތުންފަތް ހަރަކާތް ކޮށްލިއެވެ. މަޑުމަޑުންނެވެ.
"އަހުޒަމް އަހަންނަށް ޕްރޮޕޯސް ކޮށްފި،" އަހަރެންގެ ގައިގައި ބައްދާލަމުން ރާޔާ ބުންޏެވެ.
އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ނާރުތަކުގައި ލޭ ހިނގުން ހުއްޓުނު ކަހަލައެވެ. ނޭވާ ހިނގާކަން ވެސް މިހާރު ޔަގީނެއް ނޫނެވެ. އަހުޒަމް ހަމަ އަސްލު ވެސް ރާޔާ ގާތު ރައްޓެހިވާން އެހީ ހެއްޔެވެ؟
"އަހަރެން ކީކޭތަ ބުނަންވީ؟ އަޅެ ބުނެބަލަ،" ރާޔާ އެހިއެވެ.
އޭނާގެ ވާހަކަތަކާއި އަމަލުތަކުން އޭނާ ބޭނުންވަނީ އެއްބަސް ވާން ކަން އަހަންނަށް އެނގުނެވެ. އަހަރެން ހިނިތުންވެލީ ގަދަ ކަމުންނެވެ. އޭރު މޭގައި އޮތް ހިތް ވިރިގެން ފައިބަމުންދެއެވެ. އޭގެ ހޫނުން އެހެން ހުރިހާ ގުނަވަނެއް ފިހެމުންދާ ހެން ވެސް އަހަންނަށް ހީވެއެވެ. މުޅި ހަށިގަނޑުގައި ވޭން އަޅަން ފަށައިފިއެވެ.
"ބުނޭ..." ޖުމްލަ ފުރިހަމަ ނުކުރެވިގެން އަހަރެން ހިންދިރުވާލީމެވެ.
"އާނއެކޭ ދޯ ބުނަންވީ؟" ރާޔާ ބުންޏެވެ.
އޭނާ އަހުޒަމް ބޭނުން ވެފައި ވާވަރު އަހަންނަށް އެ މޫނު މަތިން ހާމަވިއެވެ.އަހަރެން ބޯ ޖަހާލީމެވެ. ފަސް ހަ ފަހަރަށް ބޯ ޖަހާލީމެވެ. އަދި ރާޔާގެ އަތުގައި ހިފަމުން އޭނާގެ ގައިގައި ބައްދައިގަތީ ދެ ލޮލަށް ޖަމާވި ކަރުނަތައް ސިއްރު ކުރުމަށެވެ.
މިރޭ އަހަރެން އައިސް މި އިނީ އަހަރެންގެ ހިތުގެ ލޯބިވެރިޔާއާއި އަހަރެންގެ ބެސްޓް ފްރެންޑްގެ އަލަތު ބައްދަލުވުމުގެ ދޮރު ފާރަވެރިއަކަށެވެ. އެ މީހުން ތިބީ ބަނދަރު މަގު ކޮޅުގައެވެ. އަހަރެން އިނީ ދުރުގައެވެ. ފަސްގަނޑު މަތީ އިށީނދެލައިގެން އިން އިރު އަހަންނަށް ރޮވެނީއެވެ. އެ ދިމާލަށް ނުބަލަން އިނަސް އިރުއިރުކޮޅުން ބަލައިލެވެއެވެ.
ހަނދުވަރުގެ ރިހި އަލިން އެ ދެ ޖިސްމު އެކަތިގަނޑަކަށް ވެފައި ތިބި ތަން އަހަންނަށް ފެނުނެވެ. ރާޔާ އިނީ އަހުޒަމްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އަހަރެންގެ ހިތަށް އެ މަންޒަރު ބަލަން ކެތެއް ނުވެއެވެ. ރާޔާގެ މަގާމުގައި އިންނަން އަހަރެން ހާދަ ބޭނުންވެއެވެ. އަހުޒަމްގެ އަތުގެ ފިރުމުންތަކަށް ހާދަ އެދެވެއެވެ. އެ ލޯބި ހާދަ ބޭނުމެވެ. ކޮންމެ ރެޔަކު ވެސް އަހަންނަށް މި ޖެހެނީ އެ މީހުންގެ ފާރަވެރިޔަކަށް ވެ އިންނާށެވެ. އެކަމުގެ ސަބަބުން އިތުރަށް އަހަރެންގެ ހިތް ވަނީ ފާރު ވެފައެވެ. ނަމަވެސް އަހުޒަމްގެ ލޯބި މުޅި އުމުރަށް އަހަރެންގެ ހިތުގައި ރައްކާ ކުރާނަމެވެ.
ނިމުނީ