ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް
ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނަސް އެކަން ހިނގީ ޗެކް ޕޮއިންޓަކުން ސައިކަލް ހުއްޓަން އެންގުމުން ފިލައިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލުން ވެއްޓިގެން ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.

ފުލުހުން އެހެން ބުނެފައިވަނިކޮށް އެ ކުއްޖާ ސައިކަލުން ވެއްޓޭތަން ފެންނަ ވީޑިއޯ ވަނީ އާންމުވެފަ އެވެ. އަދި، ޕޮލިސް ސްޓޭޝަން ތެރޭގައި ކުއްޖާގެ އާއިލާއާ ފުލުހަކު ޒުވާބުކޮށް ބޭއަދަބީ ބަހުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ. ކުއްޖާ ވެއްޓޭތަން ފެންނަ ވީޑިއޯގައި ފުލުހަކު ސައިކަލާ ދިމާލަށް އަތް ހިއްލާ ތަނާއި ސައިކަލް ކޮންޓްރޯލުން ނެއްޓި ވެއްޓޭތީ ފެނެ އެވެ. ފުލުސް މީހާ އަތް ނަގަނީ ސައިކަލް ހުއްޓަން އެންގުމުގެ ގޮތުން ކަމެއް ނުވަތަ އެހެން ބޭނުމެއްގައި ކަމެއް ސާފުކޮށް އެ ވީޑިއޯއަކުން ނޭނގެ އެވެ.

ސައިކަލު ގޮސް ވެއްޓުމާ އެކު އޭގައި ދިޔަ މީހުން ވަގުތުން ތެދުވެ އެވެ.

މިކަންކަމާ ގުޅިގެން އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިޔަސް މިހާތަނަށް މިކަމުގައި ވަކި ފިޔަވަޅެއް އަޅާފައިވާ ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.

ފުލުހުން ބުނެފައިވަނީ ވެއްޓުނު ސައިކަލު ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށާއި އަދި އެ ހާދިސާގައި އަނިޔާވުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.