ރާއްޖެ، ލަންކާ، އިންޑިއާ އަދި އިޓަލީގެ އެކްޓަރުންނާ އެކު ސީޒަން ފިލްމެއް ހަދަނީ
ރާއްޖެ، ލަންކާ، އިންޑިއާ އަދި އިޓަލީގެ އެކްޓަރުންނާ އެކު ސީޒަން ފިލްމެއް ހަދަނީ

"ކައުޝި" ގެ ނަމުގައި އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން ހަދާ ފުރަތަމަ ސިންގަޅަ ފިލްމްގެ ޝޫޓިން މިހާރު މި ވަނީ ނިންމާލައިފަ އެވެ.

ރާއްޖެ، ލަންކާ، އިންޑިއާ އަދި އިޓަލީގެ އެކްޓަރުންނާ އެކު ސީޒަން ފިލްމެއް ހަދަނީ
ރާއްޖެ، ލަންކާ، އިންޑިއާ އަދި އިޓަލީގެ އެކްޓަރުންނާ އެކު ސީޒަން ފިލްމެއް ހަދަނީ

އެ މަސައްކަތް ނިންމައިލުމަށް ފަހު، އޭނާ މިހާރު ވަނީ އަނެއްކާވެސް ބޮޑު ޕްރޮޖެކްޓެއްގެ ވާހަކަ ދައްކައިފަ އެވެ. "ކައުޝި" ހެދީ މުޅިން ވެސް ލަންކާ އެކްޓަރުން ބޭނުންކޮށްގެން ކަމަށް ވިޔަސް، އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ މަސްހުނި ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ.

ލަންކާގައި ހުރެ ފޯނުން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ސީޒަން ވަނީ އޭނާ ދެން ޑައިރެކްޓް ކުރާ ފިލްމަކީ ރާއްޖޭގެ އެކްޓަރުންނާ އެކު، ލަންކާ، އިންޑިއާ، އިޓަލީގެ އެކްޓަރުންތަކެއް ފެނިގެން ދާނެ ފިލްމެއްކަން ކަށަވަރުކޮށް ދީފަ އެވެ.

"މީގެ ތެރެއަށް އަދި އެބަ ވިސްނަން އިތުރު ގައުމެއްލާން. އެކަމާ ގުޅޭ މަޝްވަރާތައް އެބަދޭ. އެކަމަކު އެއީ ކޮން ގައުމެއް ކަމެއް ބުނަން އަދި ދަތި." ސީޒަން ބުންޏެވެ.

އޭނާ ބުނީ ބޭރު ގައުމުތަކެއްގެ އެކްޓަރުންނާ އެކު ދިވެހި އެކްޓަރުންނަށް މި ފިލްމުގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މީގެ ނުވަދިހަ ޕަސަންޓް ޝޫޓް ވެސް ކުރާނީ ރާއްޖޭގައި. އަނެއް ދިހަ ޕަސަންޓް ބޭރުގައި ނަގާނީ. ފިލްމުގެ ކޮންސެޕްޓް މިހާރު ޑިވެލޮޕް ކުރަމުން މި އަންނަނީ،" މިދިޔަ އަހަރު "ވަފާތެރި ކެހިވެރިޔާ" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އެހެންވެ އޭގެ ތަފުސީލަކަށް އަދި ދެވޭކަށް ނެތް."

އެހެން ނަމަވެސް ސީޒަން ދޭ ޔަގީން ކަމަކީ މި ފިލްމް އެއްގޮތަކަށް ވެސް އާދައިގެ އެއްޗެއް ނުވާނެ ކަމެވެ.

"ގައިމު ވެސް ވަރަށް ތަފާތު ފިލްމަކަށް މީތި ވާނެ. މި އަހަރުގެ ތެރޭގައި މީގެ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "ބޭރުގެ ކާސްޓުންތަކެއް އުޅުނަސް މިއީ ހަމަ ދިވެހިން ހަދާ، ދިވެހި ފިލްމެކޭ އަހަރެން ބުނާ ހިތްވަނީ."