26 މާޗް 2024 - 13:28

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ، މާލެ ސަރަހައްދުގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ރޯދަ މަސް ފެށުނު ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ވައްކަމުގެ 101 މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާ އާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވުމެވެ. މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ފުލުހުންނަށް މާލެ ސަރަހައްދުން ހުށަހެޅިފައި ވަނީ ވައްކަމުގެ 15 މައްސަލަ އެވެ.
އެއީ މާލެއިން ކުރި ވައްކަމުގެ 79 މައްސަލަ އާއި ހުޅުމާލެއިން ކުރި ވައްކަމުގެ 22 މައްސަލައެކެވެ. މާލެ ސަރަހައްދުން ވައްކަން ކޮށްފައި ހުރީ ރޭގަނޑު އެވެ.
މި ރޯދަ މަހު ހިނގާފައިވާ އެކްސިޑެންޓްތަކުގައި ވެސް އެކި މީހުންނަށް އެކި އަނިޔާތައް ލިބި، އުޅަނދުފަހަރަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ.
އެ މުއްދަތުގައި ހިނގި އެކްސިޑެންޓްގެ 86 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، އެއީ މާލޭގައި ހިނގި 48 އެކްސިޑެންޓާއި ހުޅުމާލޭގައި ހިނގި 38 އެކްސިޑެންޓެވެ. އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައި ހުރީ ހަވީރު ވަގުތު އެވެ.
ބްރިޖް އަދި ހައިވޭ އެކްސިޑެންޓްގެ ނުވަ މައްސަލަ ވެސް ޕޮލިހަށް ރިޕޯޓުކޮށްފައިވެ އެވެ.
ފޭރުމުގެ 20 މައްސަލައެއް ހުށަހަޅާފައި ވާއިރު އެއީ މާލެ ސަރަހައްދުން ރިޕޯޓުކުރި 16 މައްސަލަ އާއި ހުޅުމާލެ ސަރަހައްދުގެ ހަތަރު މައްސަލަ އެވެ.
އޭގެ އިތުރުން މަނާ ގަޑިތަކުގައި ދުއްވައިގެން 63 މީހަކު ޕޮލިހުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.