26 މާޗް 2024 - 11:00

މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުން އަންނަ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފަލާ އެކު މި ދަންނަވަނީ، ޗައިނާ ސަރުކާރުން ހިލޭ އެހީގައި، ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
"ޗައިނާގެ ޑެލިގޭޝަން ކަމާ ބެހޭ ޓީމް މިހާރު ރާއްޖޭގައި އެބަ އުޅޭ، އެ ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ކޮށް ނިމުމުން އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ."
މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އަޅާ، ބަޖެޓު ހިފެހެއްޓި ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.