26 މާޗް 2024 - 08:05

ބޮލީވުޑްގެ ތަރި ތާޕްސީ ޕަންނޫ ވަރަށް ސިއްރުން ކައިވެނިކޮށްފި އެވެ.

ތާޕްސީ ކައިވެނިކުރީ އޭނާ މިދިޔަ 10 ވަރަކަށް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ޑެންމާކްގެ ބެޑްމިންޓަން ކުޅުންތެރިޔާ މެތިއަސް ބޯއާ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން ކައިވެނިކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ހަފުލާތައް ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
ހަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ރައްޓެހިންގެ ތެރެއިން އެންމެ ގާތް މީހުން ބައިވެރިކުރި އެ ކައިވެނީގެ ހަފުލާ ބޭއްވީ އިންޑިއާގެ އުދޭޕޫރުގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް މި ކައިވެންޏާ ބެހޭ ގޮތުން އެ ދެމީހުން ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. ތާޕްސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް މި ކައިވެނީގެ ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
މި ކައިވެނި ސިއްރު ކުރީ މީޑިއާގެ ސަމާލުކަން އެ ދެމީހުން އެއްވެސް ވަރަކަށް ބޭނުންނުވާތީ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
އެ ހަފުލާއަށް ބޮލީވުޑްގެ މާ ބައިވަރު ތަރިން ވެސް ނުދާ ކަމަށްވެ އެވެ. ހަމައެކަނި ދިޔައީ ތާޕްސީއާ ގާތް ގުޅުމެއް ބާއްވާ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް އާއި ޕްރޮޑިއުސަރު ކަނީކާ ދިލަންއާ އޭނާގެ ފިރިމީހާ އަދި ރައިޓަރު ހިމަންޝޫ ޝަރުމާ އެވެ.