19 ފެބުރުއަރީ 2017 - 06:07

ބާވެގެން އެއްލާލާފައި އޮތް އޭ320 އެއާބަސް މަތިންދާބޯޓެއް އިންޑިއާގައި ރެސްޓޯރަންޓަކަށް ބަދަލުކޮށްފި އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ހޮސްޕިޓަލިޓީ ވިޔަފާރިކުރާ ކުންފުންޏަކުން ލޫދިއާނާގައި ތައްޔާރުކޮށްފައިވާ މި ރެސްޓޯރެންޓަށް އަންނަ ކަސްޓަމަރުންނަށް އާދަޔާޚިލާފު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ބޯޓުގެ އެތެރެ ވަނީ އަލުން ހަދައިފަ އެވެ.
ކުރިން އެއާ އިންޑިއާއިން ދުއްވި މި ބޯޓަށް ދީފައިވާ ނަމަކީ "ހަވާއީ އައްޑާ" އެވެ. މާނައަކީ އެއާޕޯޓެވެ. މިއީ 72 ގޮނޑީގެ ބޯޓެކެވެ.
މި ރެސްޓޯރެންޓްގައި ތައްޔާރުކުރަނީ ވެޖެޓޭރިއަން ނުވަތަ މަހުގެ ބާވަތްތައް ބޭނުން ކޮށް ހަދާ ކާނާ އެވެ. މި ރެސްޓޯރެންޓްގައި ކެފޭ އަކާއި ބޭކަރީއެއް އަދި 40 މީހުންނަށް ވަދެވޭ ހޯލެއް ހުރެ އެވެ.
ބޯޓުގައި ބަހައްޓާފައި ހުރި ފަރުނީޗަރު ފިޔަވައި ދެން ހުރި ހުރިހާ އެއްޗިއްސަކީ މަތިންދާބޯޓެއްގެ އަސްލު ސިފަތައް ހިމެނޭ ތަކެއްޗެވެ.