26 މާޗް 2024 - 08:07

ބާރު އަޑުފަށްގަނޑާއެކު ހުޅުވިގެން ދިޔައީ މައި ދޮރެވެ. އެއީ ފުޅާމިނުގައި 12 ފޫޓް އަދި އުސްމިނުގައި 20 ފޫޓު ހުރި ދޮރެކެވެ. ފަރުމާ ކޮށްފައިވަނީ ދަގަނޑުންނެވެ. ކޮންމެ ދުވަހަކު ތިން ފަހަރު އެ ދޮރު ހުޅުވައިލައެވެ. އެ ވަގުތު އެތެރޭގައި ބަންދު ވެފައި ތިބި އެންމެން އެއް ފަހަރާ އެ ދިމާލަށް ދުއްވައިގަނެއެވެ. އެކަކު އަނެކަކު ގަޔަށް ބޮލަށް އަރައިގެން ވެސް، ކޮންމެ މީހަކު ވެސް ބަލަނީ އެންމެ ކުރިޔަށް އެރޭތޯއެވެ.
ބޭރުގައި އޮންނަ ބޮޑު ވެހިކަލުން ކާނާ ޕެކްތައް ބަހަމުން ދެއެވެ. އެއީ އަހަންނަށް އާ މަންޒަރެއް ނޫނެވެ. ބައެއް ފަހަރު އަހަރެން އެތާކަށް ނުދަމެވެ. އެކަމަކު މާ ބޮޑަށް ހާންތި ވެއްޖެނަމަ އަހަރެން ވެސް އެ މީހުންނާ އެއްފަދައިން ދުއްވައިގަންނަން ޖެހޭ ފަހަރު އާދެއެވެ.
ބޭރުގައި ހުރި ފިނިއަށިގަނޑެއްގެ މަތީގައި އަހަރެން އޮތީ ގަދަ އަވީގައެވެ. މެދު އުޑުގައި ބަބުޅަމުންދާ އިރަށް ބަލަހައްޓައިގެންނެވެ. މިއީ އަހަރެންގެ ދުނިޔެއެވެ. މި ކެހިވެރި ދުނިޔެއަށް ވުރެ މި ތަން ވެސް މާ އަރާމޭ އަހަރެންގެ ހިތަށް އަބަދު ވެސް އަރައެވެ. މީގެ އެތައް އަހަރެއްގެ ކުރިން އަހަރެންގެ އަމިއްލަ ނަފްސު އަހަންނަށް ގެއްލިއްޖެއެވެ.
ކަމާލްއާ އިނދެގެން އަހަރެން ބަންގްލަދޭޝްއަށް ދިރިއުޅުން ބަދަލު ކުރީ މުޅި އާއިލާގެ ނުރުހުމުގައެވެ. އެހެންވެ، އެ މީހުންނާ އަހަރެން އެއްވެސް ގުޅުމެއް މިހާރަކު ނޯވެއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތަކަށް މިހާރަކު މާ ބޮޑު އަސަރުތަކެއް ނުކުރެއެވެ. މަންމައާއި ބައްޕައަށް އަހަރެން މަރުވެއްޖެ ކަމަށް ބުނި ފަހުން ރާއްޖެ ދާ ހިޔާލު މުޅިން ދޫކޮށްލީމެވެ.
ކަމާލްއަކީ އޯގާތެރިއެވެ. އިންތިހާއަށް އޭނާ އަހަރެން ދެކެ ލޯބިވެއެވެ. އަހަރެމެންނަށް ފާތިމާ ލިބުނު ފަހުން އަދި މިވީ އެންމެ ތިން މަހެވެ. ކަމާލްގެ ލޯބި އިތުރަށް އަހަންނަށް އޮހެމުންދެއެވެ. އަހަރެމެން ދިރިއުޅެނީ ވަކިންނެވެ. ކަމާލް ބުނާ ގޮތުން އޭނާ އަހަންނާ ކައިވެނި ކުރީ އޭނާގެ އާއިލާގެ ވެސް ނުރުހުމުގައެވެ. އެހެންވެ، ބަންގްލަދޭޝްގައި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަ ވެގެން ދާއިރު ވެސް ކަމާލްގެ އާއިލާގެ އެއްވެސް މީހަކު އަހަރެން ނުދެކެމެވެ.
ތުއްތު ފާތިމާ ނިންދަވަން އޮއްވާ، ބެލް ޖަހާލި އަޑު އިވުނެވެ. އަހަރެންގެ ފިރިމީހާ، ކަމާލް ފިހާރަ ބަންދުކޮށްފައި އައީކަން އަހަންނަށް އެނގުނެވެ. އޭނާ އާއްމުކޮށް ގެއަށް އަންނާނީ ދަންވަރު 12 ޖަހާއިރެވެ. ފާތިމާ އެނދުގައި ބޭއްވުމަށްފަހު ބޭރަށް ނިކުތީ ދޮރު ހުޅުވާ ހިތުން ކެތް މަދުވެފައި ހުރެއެވެ.
އެއީ ދެ ދޮރުފަތް ލީ ދޮރެކެވެ. ކުޑަކޮށް ކޮރެލުމަށްފަހު މަތީގައި ހަރުކޮށްފައި ހުރި ތަންޑު ނައްޓައިލީމެވެ. އަދި ހިނިތުންވެލަމުން ދޮރުފަތުގެ ދެ އަތްގަނޑުގައި ހިފައި ބާރު ބާރަށް އެތެރެއަށް ވާ ގޮތަށް ހުޅުވީމެވެ. އެއާއެކު އަހަރެންގެ ގައިގައި ލައިގަތީ ބިޔަ ބޮޑު އަންހެނެއްގެ ހަށިގަނޑެވެ. އާރެއް ބާރެއް ނެތް އެ މީހާއާ އެކު އަހަރެން ވެސް ގޭތެރެއަށް ވެއްޓުނެވެ.
ހަޅޭއްލަވަމުން އަހަރެން ތެޅެން ފެށީމެވެ. ގައިމަތީގައި އޮތް ބަރު އަންހެން މީހާގެ ދެ ކޮނޑުގައި ހިފައި ދުރަށް ޖައްސަން ވަރަށް މަސައްކަތް ކުރީމެވެ. އޭނާގެ ގައިދަށުން އަހަންނަށް ސަލާމަތް ވެވުނު އިރު އަހަރެން އޮތީ ވަރުބަލި ވެފައެވެ. ނަމަވެސް ބިރުގެންފައި ހުރި ވަރުން ތެދުވަން ނުކެރި އަހަރެން ދުރަށް ޖެހުނީ ތަޅުންގަނޑުގައި ކޫއްތެމުންނެވެ.
އެ މީހާ އޮތީ ހަބަރު ހުސްވެފައި ކަމެއް ނުވަތަ މަރު ވެފައި ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އޭނާ އޮތީ ބަންޑުންނެވެ. ބޮޑަށް ލަފާ ކުރެވެނީ މަރުވެފައި އޮތް ކަމަށެވެ. އޭނާއާ ކައިރި ވާކަށް އަހަންނަކަށް ނުކެރުނެވެ. ހޭވިފައިވާ އަހަރެންގެ ބޮލުގެ އިސްތަށިތައް އޭރު ވަނީ މުޅި މޫނުގައި ތަތްތެޅިފައެވެ. ފާރުގައި ލެނގިގެން އިނދެ އަހަރެން ރޮމުން ދިޔައީމެވެ.
ފިރިމީހާ ކޮބައި ހެއްޔެވެ؟ އޭނާ އައުން އެހާ ލަސްވަނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ރެޔަކު ވެސް ފިހާރަ ބަންދު ކޮށްފައި ކަމާލް މި ގަޑީގައި ގެއަށް އަންނާނެއެވެ. އަދިވެސް އޭނާގެ ހަބަރެއް ނުވެއެވެ. މަރުވެފައި އޮތް ގަބުރެއް ގޭގައި ބާއްވައިގެން އަހަރެން މިހެން އިންނަން ވީ ހެއްޔެވެ؟ މި އަންހެން މީހާ މިގޭ ދޮރުގައި ލައްކޮށްފައި ބަހައްޓާނީ ގައިމު ކޮންމެވެސް މީހެއް ނޫން ހެއްޔެވެ؟
ދެ އަތުން ބޮލުގައި ހިފަހައްޓައިގެން އަހަރެން އިނީ ތުރުތުރު އަޅާ ހާލުގައެވެ. ކުއްލިއަކަށް ސިހުނީ ގޭގެ ލައިން ފޯން ރިންގު ވާން ފެށުމުންނެވެ. އަވަސް އަވަހަށް ތެދުވެ، ފޯނާ ދިމާލަށް ދުއްވައި ގަތް ވަގުތު ދެ ފައި އޮޅި އަނގަ ވަތަށް ވެއްޓުނެވެ. ފޯނު ކެނޑެން ވާ އިރަށް އަހަރެން ބެލީ ތެދުވެ، އަނެއްކާ ވެސް އެ ހިސާބަށް ދެވޭތޯއެވެ.
ފޯނު ނެގުމާއެކު އެކޮޅުން އިވުނީ ކަމާލްގެ އަޑެވެ. އޭނާގެ ވާހަކަ އެހާމެ އަވަހެވެ. ފިހާރައަށް ވަގަކު ވަދެ، ވައްކަން ކުރި ކަމަށް ބުންޏެވެ. އަދި ފުލުހުން އަންނާތީވެ އެހާ އަވަހަށް ގެއަށް ނުދެވޭނެ ކަމުގައި ވެސް އޭނާ ބުންޏެވެ. ކަމާލްގެ ވާހަކަ ނުނިމެނީސް އަހަރެން ރޮއިގަތީމެވެ. ނަމަވެސް އޭރު ފޯނު ކެނޑިއްޖެއެވެ. ފޯނުގެ އަތްގަނޑަށް ބަލައިލުމަށްފަހު ފިތްތަކަށް ބާރަށް ފިތައިގަތީމެވެ. ނަމަވެސް އެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ.
ބަންގްލަދޭޝްއަށް އައި ފަހުން އަހަރެންގެ އަތުގައި މޯބައިލް ފޯނެއް ނޯވެއެވެ. ގޭގައި ލޭންޑްލައިން ފޯނެއް ހުންނާތީ ހުރިހާ ހަރަދެއް ނުކުރެވޭނެ ކަމަށް ބުނެ މޯބައިލް ފޯން ބޭނުން ކުރަނީ ހަމައެކަނި ކަމާލްއެވެ. މިދިޔަ ހަފުތާ އެ ފޯނު ވެސް ހަލާކުވީއެވެ. އެހެންވެ، ފިހާރައަށް ގޮސް ކަމާލު އަހަންނަށް މުޅިން ވެސް ގުޅަނީ ފިހާރަ ފޯނުންނެވެ.
ރޮއިރޮއި އަހަރެން ވަރުބަލި ވެއްޖެއެވެ. ދުރުގައި އޮތް އެ މީހާގެ ހަށިގަނޑަށް ބަލަހައްޓައިގެން އިނދެ ތެދުވީމެވެ. އަދި ފަހަތަށް ޖެހެމުން ގޮސް ކޮޓަރިއަށް ވަދެ، ދޮރު ތަޅުލީމެވެ. އޭރު ވެސް ފާތިމާ އޮތީ ނިދައިފައެވެ. އަނެއްކާ ވެސް ފޯނު ރިންގުވާ އަޑު އިވިއްޖެއެވެ. ދުވެފައި ގޮސް ކޮޓަރިން ނިކުތް އިރު ވެސް އެ އަންހެން މީހާ އެ އޮތް ގޮތަށް އޮތެވެ. ލޮލުގެ ހިމަކޮޅުން އެ މީހާއަށް ބަލަމުން އަހަރެން ފޯނު ނަގައި ރޮއިގަތީމެވެ.
ކަމާލްއަށް ވުރެ ކުރިން މިފަހަރު ވާހަކަ ދައްކަން ފެށީމެވެ. ކަން ވީ ގޮތް ކިޔައިދިނުމާއެކު ކަމާލް ކަންބޮޑުވުން ފާޅު ކުރިއެވެ. އޭނާ އެދުނީ އަވަހަށް ގެއިން ނިކުމެގެން ދިޔުމަށެވެ. ފުލުހުންނަށް ރިޕޯޓު ކުރާނެ ވާހަކަ ވެސް ބުންޏެވެ. ނަމަވެސް ފިހާރަ ދޫކޮށްފައި މި ވަގުތު އޭނާއަށް ނާދެވޭނެ ކަން އަހަންނަށް އެނގުނެވެ. ފުލުހުން އައުމުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ހިތައި އަހަރެން ބޭނުންވީ އަވަހަށް ގެއިން ނިކުންނާށެވެ.
އަހަރެމެން ދިރިއުޅޭ ގެއާ އެންމެ ކައިރީގައި ހުންނަ ގެއަށް ވެސް އަހަންނަށް ދެވޭނީ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނިޓުންނެވެ. އެ ގޭގެ މީހުންނަކީ ކޮންމެވެސް ވަރަކަށް ފެނި ދެނިވި އުޅޭ ބައެއް ކަމުން އެ މީހުންނަށް އަހަރެން އެނގޭނެއެވެ. އެކަމަކު އެ ދަންވަރު ނިކުމެގެން ދާން އަހަރެން ހުރީ ޖެހިލުން ވެފައެވެ.
"ފާތިމާ ގޮވައިގެން މި ގަޑީގައި ނުނިކުންނައްޗޭ. އެ ގޭ މީހުން ގޮވައިގެން އަވަހަށް އެނބުރި ގެއަށް އާދޭ. އަހަރެން ފުލުހުން ފޮނުވާނަން،" ކަމާލް ބުންޏެވެ.
އަހަރެން ގާތު ހަމަޖެހިގެން ހުރުމަށް ވެސް އޭނާ އެދުނެވެ. އަހަރެން އިސްކަން ދިނީ ކަމާލް ބުނި ގޮތަށް ކަންތައް ކުރެވޭތޯއެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށް ފަހު ވެއްޓިފައި އޮތް މީހާއަށް ބަލައިލެވުނީ ޖެހިލުންވެ ހުރެއެވެ. ދޮރުން ނިކުމެގެން ދެވޭނީ އެ މީހާ ހުރަސް ކޮށްފައި ކަމުން އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދެއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކައިރި ކައިރީގައި އަޅަމުން ގޮސް އަހަރެން ދުއްވައިގަތީމެވެ. ބޭރަށް ނިކުމެ، ދެ ދޮރުފަތް ލައްޕައިލީ މީހަކަށް އެ މީހާ ފެނުނަ ނުދިނުމަށެވެ.
އަވައްޓެރިޔާގެ ގޭގެ ދޮރުގައި ތަޅައިގަތުމާއެކު ދޮރު ހުޅުވީ އެ ގޭ ބޭބެއެވެ. އެއީ ދެބައި އުމުރުގެ މީހެކެވެ. ބަންގްލަދޭޝް ބަހުން ވާހަކަ ދައްކަން ނޭނގޭތީ އަތުގެ އިޝާރާތާއެކު އަހަރެން އެދުނީ އަހަންނާއެކު ގެއަށް އައިސް ދިނުމަށެވެ. އެ ވަގުތު ބޭބެ ވެސް އެ ރަށު ބަހުން ވާހަކަ ދެއްކީ އިޝާރާތް ކުރަމުންނެވެ. ވެގެން އުޅޭ ގޮތް އޭނާ ވެސް އަހަނީއެވެ. ނަމަވެސް ފާތިމާ އެކަނި ގޭގައި އޮންނާނެތީ ލަސް ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އާދޭސް ކޮށްފައި އައިސް ދިނުމަށް އެދުނީމެވެ.
ގޭގެ ދޮރުގެ އެއް ފަޅި ހުޅުވިފައި ހުރި ތަން މާ ދުރުން އަހަންނަށް ފެނުނެވެ. އެއާއެކު ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ. ފުލުހުންނާއެކު ކަމާލް އައީ ކަން ޔަގީން ކުރެވުނެވެ.
ގޭގެ އޮޅިގަނޑު މައްޗަށް އަރައި ދޮރުން އެތެރެ ވެވުނު ގޮތް ވެސް އަހަންނަކަށް ނޭނގެއެވެ. ފަހަތުން އައިސް އެ ބޭބެ ވެސް ވަނެވެ. އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މަރުވެފައި އޮތް މީހާ މިހާރު އެތާކު ނެތެވެ. އިންތިހާއަށް ދެ ލޯ ބޮޑު ކޮށްގެން ހުރެ އަހަރެން މުޅި ގެއަށް ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ވެސް ނެތެވެ. އޭރު ބޭބެގެ މޫނުމަތިން ވެސް ފެންނަނީ ހައިރާން ކަމެވެ. އަދި އަހަރެން އޭނާ ގެނައި ބޭނުމަކީ ކޮބައިބާވައޭ އަހާ ކަހަލައެވެ.
އޭރު ވެސް ސިކުނޑީގެ ކަނެއްގައި ފާތިމާ އިނެވެ. އެހެންވެ، ދަރިފުޅު ހޭލައި އޮތްތޯ ބަލައިލަން ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފާތިމާ މިހާރަކު ނެތެވެ. އަހަންނަށް މުޅި ކޮޓަރި ތެރޭގައި އެނބުރެން ފެށުނެވެ. އެއާއެކު ބޭބެ ވެސް އައިސް ކޮޓަރި ދޮރު މަތީ ހުއްޓިއްޖެއެވެ. ބާރަށް ހަޅޭއްލަވަމުން ފާތިމާއަށް ގޮވަމުން ގޮސް އަހަންނަށް ތިރި ވެވުނެވެ. އެ އަންހެން މީހާ މަރު ނުވަނީ ހެއްޔެވެ؟ އަނެއްކާ އަހަރެންގެ ދަރިފުޅު ގޮވައިގެން އޭނާ ފިލީ ހެއްޔެވެ؟
އިރު އެރި އިރުގައި ވެސް ބޭބެ ހުރީ އަހަރެންގެ ގޭގައެވެ. ތަނެއްގައި އިށީންނަން ވެސް ނޭނގި އަހަރެން ހުރީ ކަމާލްގެ އިންތިޒާރުގައެވެ. ކަމާލް އަދިވެސް ނާދެއެވެ. އޭނާއަށް ވީ ގޮތެއް ބަލަން ވެސް އަހަރެން މިހާރު ބޭނުން ވެއްޖެއެވެ. ފުލުހުން ގޮވައިގެން އަންނާނެ ކަމަށް ބުނެ، އޭނާ ނައީ ކީއްވެ ހެއްޔެވެ؟ ފިހާރައިގައި ހުންނަ ފޯނަށް އަދިވެސް ނުގުޅެއެވެ.
ދެރަވެފައި ހުރެ ބޭބެ އެނބުރި ގެއަށް ދިޔައީ އަހަރެންގެ އެދުމުގެ މަތިންނެވެ. ކަބަޑުން ވޮލެޓް ނަގައި ޖީބަށް ލީމެވެ. މަގުމަތިން ދުއްވާ އެއްޗަކަށް އަރައި ކަމާލްގެ ފިހާރައަށް ދިޔައިރު ވެސް އަހަރެންގެ ދެ ލޮލުން ކަރުނަ ނުހިކެއެވެ. އެ ހިސާބަށް ދެވުމާއެކު އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ފިހާރަ ހުރީ ބަންދު ކޮށްފައެވެ. އެއްވެސް މީހަކު އެތާކު ނެތެވެ. އަހަންނަށް ބޮޑު ނޭވާއެއް ދޫކޮށްލެވުނީ އިތުރަށް ކަންބޮޑުވެ ހުރެއެވެ. ކަމާލް ވީ ކޮންތާކު ބާވައޭ ހިތަށް އެރިއެވެ. އޭނާ ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟
އަހަރެން އަނެއްކާވެސް އެނބުރި އައީ ގެއަށެވެ. ގެއަށް ވަނުމާއެކު އަހަންނަށް ލިބުނީ މާ ބޮޑު ހައިރާން ކަމެކެވެ. މުޅި ގެ އޮތީ އެ ފުށްމިފުށަށް ޖަހައިފައެވެ. ތަޅުނުލައި ދެވުނު ކަން ހަނދާންވީ ދެނެވެ. މޭޒާއި ގޮނޑިތައް ފިޔަވައި ހަމަ އެކައްޗެއް ވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮޓަރީގެ ހާލަތު ވެސް އެފަދައެވެ. ނަމަވެސް އަހަންނަށް ފާހަގަ ކުރެވުނު އެއް ކަމެއް އެބައޮތެވެ. ސާމާނު ވަގަށް ނެގި ބަޔަކު އަހަރެންގެ އެއްވެސް އެއްޗެއް ގެންގޮސްފައެއް ނެތެވެ. އެކަމަކު އަލަމާރީގައި ކަމާލްގެ އަންނައުނު ގަނޑެއްހައި ހިސާބު ވެސް ނެތެވެ.
ދޮރުފަތް ލައްޕާލުމަށްފަހު އަލަމާރީގައި ލެނގިލެވުނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން އަހަންނަށް އިހްސާސްވާން ފެށިއެވެ. ހިތުގައިވާ ބިރުވެރިކަން އޭރު ވެސް ފިލައިގެން ނުދެއެވެ. އަނެއްކާވެސް އަހަރެން އެ ގެއިން ނިކުމެއްޖައީމެވެ. މި ފަހަރު ވެސް އަހަރެން ދިޔައީ އަވައްޓެރި ބޭބެގެ ގެއަށެވެ.
އެ ވަގުތު އެގޭގައި ބޭބެގެ ދަރިޔަކު އައިސް ހުއްޓެވެ. އެހެންވެ އަހަރެން އޭނާއާ އިނގިރޭސި ބަހުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. އަހަރެން އެދުނީ ކަމާލްގެ މަންމަގެ ގެއަށް އަހަރެން ގެން ގޮސް ދިނުމަށެވެ.
ބޭބެގެ އެހީގައި އަހަންނަށް އެގޭ އެޑްރެސް ލިބުމުން އެ ގެއަށް ދާން މިސްރާބު ޖެހީމެވެ. ހުރިހާ ކަމެއް ވެސް އަހަރެން ކުރަމުން މި ދަނީ ލޯބިވާ ފިރިމީހާ އާއި ދަރިފުޅުގެ ހައްގުގައެވެ. އެހެންވެ، އަހަންނަށް އިތުރު ބާރެއް ލިބިފައިވާކަން އޭރު ވެސް ދިޔައީ އިހްސާސް ކުރެވެމުންނެވެ.
ދުރުގައި މަޑުކޮށްލި އޮޓޯއަށް ފައިސާ ދިނުމަށްފަހު އަހަރެން އެނބުރިލީމެވެ. ގޭގެ މައި ދޮރުގައި ލިޔެފައި އޮތީ އަވައްޓެރި ބޭބެ ބުނި ނަމެވެ. އަހަރެން އިރުކޮޅަކު ބޭރުގައި މަޑު ކުރުމަށްފަހު ގޮސް ބެލް ޖަހާލީމެވެ. އިސާހިތަކު ދޮރު ހުޅުވައިފިއެވެ.
އަހަންނަށް އަނެއްކާ ވެސް ލިބުނީ ސިހުމެކެވެ. ދޮރުމަތީގައި ހުރީ އަހަރެންގެ ގޭގައި މަރުވެފައި އޮތް އަންހެން މީހާއެވެ. އަހަންނަށް ޖެހެވުނީ ފަހަތަށެވެ. އޭރު ނޭވާ ހުރީ އަވަސް ވެފައެވެ. އެ އަންހެންމީހާ އަދިވެސް ލައިގެން އެ ހުރީ ހަމަ އެ ހެދުމެވެ. އަހަންނަށް އޮޅެންވީ އެއްވެސް ސަބަބެއް ނެތެވެ. އޭރު އަހަންނެކޭ އެއްފަދައިން އޭނާގެ މޫނުމަތިން ވެސް ނުތަނަވަސްކަމާއި ކަންބޮޑުވުން ފާޅުވަމުން ދެއެވެ.
ހަމަ އެ ވަގުތެވެ. އަހަރެންގެ ދަރިފުޅު ފާތިމާ ރޮއިގަތް އަޑު އިވުނެވެ. އެ ހިސާބުން އަހަންނަކަށް މަޑަކުން ނުހުރެވުނެވެ. އެތެރެއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓުވީ އެ އަންހެން މީހާއެވެ. އަހަރެން ހުއްޓުވަން އެއީ ކާކު ހެއްޔެވެ؟ ދަރިފުޅު ސަލާމަތުން ހުރިކަން އެނގުމުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިއްޖެއެވެ.
"ސަމްސިޔާ." ކަންފަތުގައި ޖެހުނީ ކަމާލްގެ އަޑެވެ.
ބޭއިހްތިޔާރުގައި އަހަންނަށް ކަމާލްގެ ނަމުން ގޮވުނެވެ. އޭރު ވެސް އަހަރެން ހުރީ ދޮރުމަތީގައެވެ. ދަރިފުޅު ދެކިލާ ހިތުން ކެތްމަދު ވެފައެވެ. އެ ވަގުތު ކަމާލް އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ނަމަވެސް އޭނާ އަހަންނަށް ބަލަމުން ދަނީ ނުދަންނަ މީހަކަށް ބަލާ ފަދަ ގޮތަކަށެވެ.
"ކަމާލް. ކޮބާ އަހަރެމެންގެ ދަރިފުޅު؟ ކީއްވެ އަހަންނަށް ނޭނގި ދަރިފުޅު ގެނައީ؟ ކިހިނެއްތަ މި ވަނީ؟" އަހަރެން އެހީމެވެ.
އެ ވަގުތު ކަމާލްއާ ދިމާލަށް ދާން އަހަންނަށް ހިނގައިގަނެވުނެވެ. އޭނާގެ ހިމާޔަތް އިންތިހާއަށް އަހަރެން ހުރީ ބޭނުން ވެފައެވެ. އަނެއްކާވެސް އަހަރެން ހުއްޓުވީ އެ އަންހެން މީހާއެވެ.
"މަރުވެފައި އޮތީ މީނައޭ. ކަމާލް އެއްޗެއް ބުނެބަލަ. އަހަރެން ވަރަށް ބިރުގަނެޔޭ،" ރޮމުން ރޮމުން އަހަރެން ބުނީމެވެ.
"ތިއީ ކާކު؟ ކޮން ދަރިއެއްގެ ވާހަކައެއް ތި ދައްކަނީ؟ މިހުރީ އަހަރެންގެ އަންހެނުން. ފާތިމާއަކީ އަހަރެމެން ދެ މީހުންގެ ދަރިއެކޭ." ކަމާލް ބުންޏެވެ.
އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ކަމާލް އަހަންނާ އެކަހަލަ ސަމާސާއެއް ނުކުރާނެއެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަނީ ވަރަށް ދުރު ކަމެވެ. އޭނާ އެ ގޮތަށް ކަންތައް ކުރަންވީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ކަމަކީ ވެސް އޭނާގެ ރޭވުމެއް ހެއްޔެވެ؟ އޭނާ އަހަންނާ ކައިވެނިކޮށްގެން ގެނެސް، ދަރިޔަކު ލިބުނީމަ ދަރިފުޅު އަތުލައި އަހަރެން ބާކީ ކޮށްލީއެވެ. އެކަމަކުވެސް އަހަންނަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ކަމާލްއަކީ އެހާ ހަރު ހިތެއްގެ ވެރިއެއް ހެއްޔެވެ؟
"ތިއީ މޮޔައެއް."
އަހަރެންގެ ކަންފަތުގައި އަދިވެސް ކަމާލްގެ އެ ޖުމްލަ ހަރުލައިފައިވެއެވެ. އެ ދުވަހު އަހަންނަކީ މޮޔައެއް ކަމަށް ބުނެ އޭނާ އަހަރެން މޮޔައިންގެ މަރުކަޒަށް ފޮނުވައިލީ އެއްވެސް ރަހުމެއް ނެތިއެވެ. މޮޅު ޑްރާމާއެއް ކުޅުމަށްފަހު އޭނާ އަހަރެން މި މަޅީގައި ޖެއްސުވީއެވެ.
އަހަންނަކީ މޮޔައެއް ނޫނެވެ. ފުރިހަމަ މީހެކެވެ. ނަމަވެސް ސިކުނޑި ހަމަ ނުޖެހޭ މީހުންނާއެކު އުޅެއުޅެ އަހަރެންގެ ސިކުނޑި ވެސް މިހާރު މަސައްކަތް ކުރާ ހެން ހިއެއް ނުވެއެވެ. ތުއްތު ދަރިޔަކާއި މަޔަކު ވަކިކޮށް، އެއްލައިލީއެވެ. އަހަރެންގެ ހާލު ބަލައިލަން އަންނާނެ އެކަކު ވެސް ނެތެވެ. މަރުވަންދެން އަހަރެން އުޅެން މި ޖެހެނީ ބަންގްލަދޭޝްގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކަމުގައެވެ. އަހަންނަށް މިހާރު އަހަރެންގެ ނަފްސު ވެސް ވަނީ އޮޅިފައެވެ. އަހަންނަކީ ހުދު ކާކު ހެއްޔެވެ؟
ނިމުނީ