25 މާޗް 2024 - 23:04

އަންނަ މަހުގެ 21ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ.
އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފައި މި ވަނީ ކުރިން މި މަހުގެ 17 ގައި ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމުން ވޯޓްލުމުގެ ހައްގު ލިބުނު އިތުރު 560 މީހުންނާ އެކު އެވެ.
އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 284،663 އެވެ. އެއީ 145,302 ފިރިހެނުންނާއި 139,361 އަންހެނުންނެވެ.
މި އަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ރާއްޖެއިން ބޭރުގައި ބަހައްޓަން އިއުލާންކުރި ހަ ވޯޓު ފޮއްޓަކަށް، ވޯޓުލާން 1،338 މީހުން ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅި އެވެ. ނަމަވެސް، 100 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްގެން ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރާއި ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.
އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވަނީ މެލޭޝިއާގައި ވޯޓުލާށެވެ. އެ ގައުމުގައި ވޯޓުލާން 702 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.