25 މާޗް 2024 - 12:25

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ސްކޫލު، މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން މިހާރު ކިޔަވަމުންދާ ދެ އިމާރާތް ދުރުވެ، ކުދިން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖީދިއްޔާ ސްކޫލަކީ އޭޕްރިލް 19، 1927 ގައި މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައި ކިޔަވައިދޭން ފެށި މަދަރުސާއެކެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލަށް ގަރުނެއް ފުރެން ބާކީ އޮތީ ތިން އަހަރެވެ.

އެ ސްކޫލުގައި ފުރަތަމަ ކިޔަވައިދޭން ފެށިފަހުން އިތުރު ދެ އިމާރާތް އެޅި އެވެ. ބާ އިމާރާތަށް 90 އަށްވުރެ ގިނަ އަހަރުވެފައި ވާއިރު 1997ގައި އެހެން އިމާރާތެއް އަޅައި ދެ އިމާރާތް ގުޅުވާލި އެވެ. ދެ އިމާރާތް ގުޅުވާލީ އިމާރާތްތައް ގުޅޭ ހިސާބުން ދަގަނޑު އަޅައި ކޮންކްރީޓްކޮށްގެންނެވެ.

ޖުމްލަ 1،500 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލުގެ ބެލެނިވެރިޔަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ދަރިވަރުން ގޮވައިގެން ސިޑިން މައްޗަށް އަރާއިރު، ދެ އިމާރާތް ގުޅުވާލި ހިސާބުގައި އަބަދުވެސް ރެނދެއް އިންނަ ކަމަށެވެ. ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފާހަގަވީ އެ ރެނދު ކުއްލިއަކަށް ބޮޑުވެ، ދުރުވެފައި ހުރި ތަން ކަމަށް އެއް ބެލެނިވެރިޔަކު ބުންޏެވެ.
"ކުރިން [ރޯދަމަހުގެ ކުރިން] ބެލެނިވެރިން އަރާނެ ކުދިން ގޮވައިގެން މައްޗަށް. މިހާރު [ރޯދަ މަހު] ބެލެނިވެރިން މައްޗަށް ނާރާތީހެން ހީވަނީ އެހާ ގިނަ ބެލެނިވެރިންނަށް އެކަން ފާހަގަ ނުވަނީ. އެކަމަކު އަޅުގަނޑަށް ފާހަގަވި ވަރަށް ބޮޑަށް ހަމަ،" އޭނާ ބުންޏެވެ.
ސްކޫލަށް އެކަން ފާހަގަ ވެގެން މިހާރު ހުރީ އެ ސަރަހައްދުގައި ދާ ޖަހައި ބަންދު ކޮށްފަ އެވެ. ނަމަވެސް އެއީ ކުދިންނަށް ހުރި ނުރައްކަލެއް ކަމަށް އެ ބެލެނިވެރިން ބުންޏެވެ.
"ކުއްލިއަކަށް ހަމަ އެ ރެނދު މި ބޮޑުވީ. ގާތްގަނޑަކަށް ތިން އިންޗި އަށް ރެނދު ބޮޑުވެއްޖެ. ދެ އިމާރާތުގެ ކުދިން ވެސް ފައިބަން ބޭނުން ކުރަނީ އެއް އިމާރާތުގެ ސިޑި. އެހެންވެ ކުދިންނަށް ވަރަށް ނުރައްކާ މިކަމުން،" ބެލެނިވެރިއަކު ބުންޏެވެ.
މި މައްސަލައާ ގުޅިގެން މަޖީދިއްޔާ ސްކޫލަށް ގުޅުމުން އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވަނީ އެކަމާ ބެހޭ މައުލޫމާތު ހޯދަން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުމަށް އެދިވަޑައިގެންފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ބެހޭ ގޮތުން އަދި މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ. މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބެ އެވެ.
އެކަމަކު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ ދެ އިމާރާތުގެ ތެރެއިން ފަހުން އެޅި އިމާރާތް "ކުޑަކޮށް އަރި އަޅާލައިފައިވާ" ކަން ފާހަގަވެފައިވާ ކަމަށާއި އެކަން މިނިސްޓްރީގެ ސަމާލު ކަމަށް އައިސް، އެކަމަށް މިނިސްޓްރީގެ ޓީމެއް ވެސް ދިޔަ ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހު އެކަން އަޅުގަނޑުމެންނަށް އެނގިގެން ބަލައިފިން. އޭގެ ތަފުސީލު ރިޕޯޓެއް އެކުލަވާލަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ބެލެނިވެރިން ބުނަނީ އިމާރާތް ދުރުވާން ފެށީ ސޯސަން މަގުގައި ޓާޓާ ފްލެޓްތައް އަޅަން ޑީވޯޓަރިންގެ މަސައްކަތް ކުރިއިރު ކަމަށެވެ.