19 ފެބުރުއަރީ 2017 - 06:14

އައިޝްވަރިޔާ ރާއީ އާއި ސުޝްމިތާ ސެން މިސް އިންޑިއާގެ ފަޚުރުވެރި ތާޖަށް ވާދަކުރީ 1994 ވަނަ އަހަރު އެވެ. އެއީ މިސް ޔުނިވާސް އާއި މިސް ވޯލްޑްގެ ތާޖު އިންޑިއާއަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އޭރު، ބައިނަލްއަގުވާމީ ރީތީގެ މުބާރާތްތަކުން އެއް އަހަރަކު އިންޑިއާގެ ރީތީގެ ދެ ރާނީންނަށް މިގޮތަށް ތާޖު ލިބިފައެއް ނެތެވެ. އެއީ ސުޝްމިތާ ހޯދި މިސް ޔުނިވާސްގެ ތާޖާއި އައިޝްވަރިޔާ ހޯދި މިސް ވޯލްޑްގެ ތާޖެވެ. އޭގެ ފަހުން މި ރީތީގެ ރާނީން ވަނީ ކާމިޔާބުކަމާ އެކު ފިލްމީ ކެރިއަރެއް ވެސް ގާއިމްކޮށްފަ އެވެ. އައިޝްވަރިޔާ އަދިވެސް ފިލްމު ކުޅެމުންދެ އެވެ. ނަމަވެސް ސުޝްމިތާ މިހާރު ހުރީ އެކްޓްކުރުމާ އަމިއްލައަށް ދުރުވެގެންނެވެ.
މިސް އިންޑިއާ މުބާރާތުގައި ސުޝްމިތާ އާއި އައިޝްވަރިޔާގެ މެދުގައި ވަރަށް ވަރުގަދަ ވާދަވެރިކަމެއް އޮތެވެ. ނަމަވެސް މުބާރާތް ނިމުމަށްފަހު އެމީހުން ވަނީ ވާދަވެރިކަން ހަނދާން ނައްތާލައި ރަނގަޅު ދެ އެކުވެރިންނަށް ވެފަ އެވެ.
މިސް އިންޑިއާ މުބާރާތުގައި އައިޝްވަރިޔާ ބައިވެރިވާކަން އެނގުމުން އެ މުބާރާތުގައި ބައިވެރިނުވާން ސުޝްމިތާ އެންމެ ފުރަތަމަ ގަސްތުކުރި އެވެ. އައިޝްވަރިޔާގެ ރީތިކަމާއި އޭނާގެ މަގްބޫލުކަން ފެނިފައި ބިރުންނެވެ. ނަމަވެސް ކަންވީ އެންމެން ހީކުރި ގޮތާ ޚިލާފަށެވެ. އެފަހަރު މިސް އިންޑިއާގެ ފަޚުރުވެރިތާޖް ލިބުނީ އައިޝްވަރިޔާ އަކަށް ނޫނެވެ. އުމުރުން އެންމެ 17 އަހަރުގެ ސުޝްމިތާ އަށެވެ.
ސުޝްމިތާ ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި، މިސް އިންޑިއާ މުބާރާތުގައި ބައިވެރިވާން އުޅުނު ދުވަސްވަރު ފުރަތަމަ ފަހަރަށް އައިޝްވަރިޔާއާ ބައްދަލުވި ދުވަހު ވީ ގޮތް ކިޔައިދިނެވެ. ސުޝްމިތާ ބުނި ގޮތުގައި އައިޝްވަރިޔާ އަކީ އާދައިގައި މި ފެންނަ ކަހަލަ ރީތި އަންހެންކުއްޖެއް ނޫނެވެ. މުޅި ދުނިޔޭން ވެސް ހޮވާލެވޭ ފެންވަރުގެ ރީތިކަމެއް އޭނާއަށް އޭރުވެސް ލިބިފައިވެ އެވެ. އެހެންވެ އައިޝްވަރިޔާ ފެނުމާ އެކު އެ ފަހަރުގެ މުބާރާތުގައި ބައިވެރިނުވާން ސުޝްމިތާ ވިސްނި އެވެ. ނަމަވެސް މުބާރާތުން ވަކިވިޔަ ނުދިނީ ހިފެހެއްޓީ މަންމަ އެވެ. ސުޝްމިތާ އޭނާގެ މަންމައަށް ޝުކުރު އަދާކުރުން ހައްގެވެ. އެހެން ނޫންނަމަ އެފަދަ ތާރީޚީ ކާމިޔާބެއް އޭނާއަކަށް ނުހޯދުނީހެވެ.
އައިޝްވަރިޔާ އާއި ސުޝްމިތާ ބައިވެރިވި 1994 ގެ މިސް އިންޑިއާ މުބާރާތުގައި އައިޝްވަރިޔާ ބަލިކޮށް ސުޝްމިތާ ތާޖް ހާސިލުކުރީ އެންމެ ސުވާލެއްގެ ޖަވާބުގެ ތަފާތުންނެވެ.
ފައިނަލަށް ދިޔަ ފަސް ބައިވެރިންނަށް ސުވާލާއި ޖަވާބުގެ ބުރެއް ބޭއްވި އެވެ. އެ ބުރު ނިމުނުއިރު އައިޝްވަރިޔާ އާއި ސުޝްމިތާގެ މާކްސް އެއްވަރުވީ އެވެ. މިއީ މިސް އިންޑިއާގެ ތާރީޚުގައި މިގޮތަށް ހުރިހާ ޖަޖުން ދިން މާކްސް އެއްވަރުވި ފުރަތަމަ ފަހަރެވެ. އެހެންވެ ފައިނަލް ޓައި ބްރޭކާ ސުވާލެއް ސުޝްމިތާ އަށާއި އައިޝްވަރިޔާއާ ކުރި އެވެ. އެ ސުވާލުގެ ޖަވާބު އައިޝްވަރިޔާ އަށް ވުރެ ރަނގަޅަށް ދިނީ ސުޝްމިތާ ކަމަށް ފަނޑިޔާރުންނަށް ފެނި ސުޝްމިތާ އަށް ގިނަ މާކްސް ދިނުމުގެ ސަބަބުން އޭނާއަށް އެ ފަހަރު މިސް އިންޑިއާގެ ތާޖު ލިބުނީ އެވެ. އައިޝްވަރިޔާ ހޮވުނީ ރަނަރަޕް އަކަށެވެ.
މިސް އިންޑިއާގެ ތާޖާ އެކު ސުޝްމިތާ ދިޔައީ މިސް ޔުނިވާސް މުބާރާތަށެވެ. އަދި އައިޝްވަރިޔާ ދިޔައީ މިސް ވޯލްޑް މުބާރާތަށެވެ. އިއްތިފާގުން ދެ މީހުން ވެސް އެ ފަހަރު އައީ މި ދެ މުބާރާތުގެ ތާޖު ވެސް ހިފައިގެންނެވެ.