މި އަހަރު އިމިގްރޭޝަނުން ފެންނާނީ ޒަމާނީ، ލުއި ފަސޭހަ ބަދަލުތަކެއް: ކޮންޓްރޯލަރު
މި އަހަރު އިމިގްރޭޝަނުން ފެންނާނީ ޒަމާނީ، ލުއި ފަސޭހަ ބަދަލުތަކެއް: ކޮންޓްރޯލަރު

މޯލްޑިވްސް އިމިގްރޭޝަނުން ދެމުން ގެންދާ ހިދުމަތްތަކަށް މި އަހަރު ތެރޭގައި ޒަމާނީ ބޮޑެތި ލުއިތަކެއް ގެންނަވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިމިގްރޭޝަންގެ 74 ވަނަ އަހަރުގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އާންމު ކުރެއްވި މެސެޖެއްގަ އެވެ.

ޝަމްއާން ވިދާޅުވީ މި އަހަރު ތެރޭގައި މި ސަރުކާރުގެ ގިނަ މަޝްރޫއުތަކާ އެކު، އެ މުއައްސަސާ އިން ފޯރުކޮށްދޭ ހިދުމަތްތަކަށް ޒަމާނާ އެއްގޮތަށް ބޮޑެތި ލުއިތަކާއި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"މިއީ މުޅިން އާ ފެށުމަކަށް ވެގެން ދާނެ. އެއްބައިވަންތަކަމާ އެކީ ދެން ފެނިގެން ދާނީ މާ އުފާވެރި ދުވަސްތަކެއް،" އޭނާ ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުންތައް ހީނަރުވެފައި އޮތުމެވެ. އެހެންވެ، މިދިޔަ ހަތަރު މަސް ތެރޭގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ އެއްބައިވަންތަކަން އަލުން ދިރުވައި އާލާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފޮނި ނަތީޖާ މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް މި ދަނީ ފެންނަމުން. ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ހިދުމަތްތަކެއް ލިބި މުއައްސަސާގެ ހިދުމަތްތައް ފުޅާ ވެގެން ދިއުމުގެ ސިއްރަކީ މުއައްޒަފުންގެ އެއްބައިވަންތަކަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ދުވަސްތަކުގައި ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ޝަމްއާން ވިދާޅުވީ އަތޮޅު ތެރޭގައި އިމިގްރޭޝަން އޮފީސްތަކުން ދެމުން އަންނަ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދެ ގުނަ އަވަސް ކޮށްފައިވާ ކަމަށާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ވެސް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"...ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި ހައްލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އަހުމިއްޔަތެއް ދެއްވާ ކަމެއް. އެހެންކަމުން ސަރުކާރުގެ ގުޅުން ހުރި ގިނަ މުއައްސަސާތަކާ ގުޅިގެން މި މައްސަލަ ހައްލު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން،" ކޮންޓްރޯލަރު ވިދާޅުވި އެވެ.