25 މާޗް 2024 - 08:08

މެންދަމުން އަލިވެ، ދޭއް ޖަހައިފިއެވެ. ޑިޔުޓީ ނިމުނު އިރު އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ބަދިގެއިން ނިކުމެ، ބަގީއަށް އެރީ ސްޓޭންޑްގައި ބަގީ ޕާކު ކުރަން ދާށެވެ. ބަގީއަށް އެރުމާ އެކު ހިތް ބިރުގަނެއްޖެއެވެ. މިހާރަކަށް އައިސް ރިސޯޓް އެންމެން ވެސް އެއް އަޑު ކިޔާފައި ދައްކާ ވާހަކަ ހަނދާނަށް އައީއެވެ. އެކަމަކު ބިރުގަނެގެން ވަކި އެ ތަނަށް ނުގޮހެއް ވެސް ނުވާނެއެވެ. ރޫމަށް ނިދަން ދެވޭނީ އޮފީސް ކައިރީ ބަގީ ޕާކު ކޮށްފައެވެ.
އަހަރެން މަސައްކަތް ކުރާ ރިސޯޓަކީ ގަސް ބޯ ރަށެކެވެ. އެހެންވެ، ރޭގަނޑުގެ ކަނު އަނދިރީގައި މަގުތައް ފެންނަނީ ވަރަށް ވެސް ބިރުވެރި ގޮތަކަށެވެ. ވަގުތުގެ އޭރު ގޮތުން އެއްވެސް ގެސްޓަކު ވެސް ނޫޅޭނެކަން އަހަންނަށް އެނގެއެވެ. ބަގީގެ ސްޕީޑް ބާރު ކޮށްލެވުނީ ވެސް ބިރުން އިން ވަރުންނެވެ. މީހެއްގެ ހިލަމެއް ނުވާތާ، ދިރޭ އެއްޗެއްގެ އަޑެއް ވެސް ނީވެއެވެ.
ނިކަގަސް މަގަކީ ރިސޯޓު މީހުން ބުނާ ގޮތުން ނަމަ އަލިގުޅައެއް ފެންނަ މަގެކެވެ. ދަންވަރު ޑިޔުޓީ ކުރާ އެތައް ބަޔަކަށް އެ ބުނާ އަލިގުޅައެއް މިހާރު ފެނިއްޖެއެވެ. އެ ވާހަކަ ދެކެވެން ފެށުމުން އަހަރެން ހުންނަނީ އަހަންނަށް އެ ފެނިދާނެތީ އިންތިހާއަށް ބިރުގެންފައެވެ.
އޮފީސް ހުންނަ ސަރަހައްދަށް ބަގީގެ މިސްރާބު ބަދަލު ކޮށްލުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ދުރުގައި ހުރި ޓޫރިސްޓު އަންހެން ކުއްޖެކެވެ. އޭނާ ފެނުމުން، އެ ތަނުގައި އިތުރު ބަޔަކު ވެސް އުޅޭނެޔޭ ހިތަށް އެރިއެވެ. އެހެންވެ، ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނުކަން އަހަންނަށް އިހްސާސް ކުރެވުނެވެ.
އަހަރެމެންނަށް އަންގާފައި އޮންނަ ގޮތުން ގެސްޓަކާ ދިމާވެއްޖެ ނަމަ އެ މީހުންނަށް ހިނިތުންވެލައި ސަލާން ގޮވާލަން ޖެހެއެވެ.
ކުޑަކޮށް ބަގީ މަޑުކޮށްލުމަށްފަހު އަހަރެން ބޯ ގުދު ކޮށްލީމެވެ. އަދި އަތުން ހަނާ އަޅައިލަމުން ހައި ބުނެލީމެވެ. ހިނިތުންވުން ގެއްލިފައި ހުރި އެ އަންހެން ކުއްޖާ ބަގީއާ ދިމާލަށް އަންނަ ތަން ފެނުނެވެ. އޭނާ އައި ގޮތަށް އައިސް ބަގީއަށް އަރައިފިއެވެ.
"ރޫމް ނަންބަރު 101." އޭނާ ބުންޏެވެ.
ހިނިތުންވެލުމަށްފަހު އޯކޭ އޭ ބުނެ އަހަރެން އަނެއްކާ ވެސް ބަގީ އަނބުރާލީމެވެ. އަދި އާދައިގެ ދުވެއްޔެއްގައި ގޮސް 101 ވަނަ ކޮޓަރީގެ ދޮރު މައްޗަށް މަޑުކޮށްލީމެވެ. އެ ވަގުތު އޭނާ ފައިބައިގެން ހިނގައިގަތީ އަހަންނަށް އެއްވެސް ސަމާލު ކަމެއް ނުދީއެވެ. އޭނާ ދިޔުމުން އަހަރެން ބަގީ އަނބުރާލީމެވެ. އަތު ކުރީގައި އޮތް ގަޑި ބަލައިލި އިރު ދެ ގަޑި ބައި ވަނީއެވެ.
ޖެހިގެން އައި ރޭ ވެސް އަހަންނާ އެ އަންހެން ކުއްޖާ ދިމާވިއެވެ. ހަމަ އެ ތަނުންނެވެ. މިރޭ އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
ކޮންމެ ރެޔަކު މި ދަންވަރު އޭނާ އެތަނުގައި ހުންނަން ޖެހުނީ ކީއްވެ ބާވައޭ ހިތަށް އެރިއެވެ. ބައެއް މީހުންނަކީ ރޭގަނޑުގެ ހަމަހިމޭންކަމަށް ވަރަށް ލޯބި ކުރާ ބައެކެވެ. އޭނާއަށް ވެސް އެ ވަނީ އެހެން ކަމަށް ވެދާނެއެވެ. އޭނާއާ އަނގައިން ބުނެލާ ހިތް ވި ނަމަވެސް ގެސްޓުންނަށް ކުރާ އިހްތިރާމަކުން ބޭކާރު ވާހަކަ ދައްކަން އަހަރެން ޖެހިލުންވިއެވެ. އޭނާ ވެސް އަހަންނާ ވާހަކަ ދައްކާކަށް ނޫޅެއެވެ. ވީ އިރު އަހަރެން އޭނާއަށް އުނދަގޫ ކުރުމުގެ ބޭނުމެއް ނެތެވެ.
މި ރިސޯޓަށް އައިސް އަދި މި ވީ އެންމެ ހައެއްކަ މަސް ދުވަހެވެ. އަހަރެން މަސައްކަތް ކުރާ ޑިޕާޓްމަންޓަކީ ބަދިގެއެވެ. ބަދިގޭގައި އުޅޭ މުވައްޒަފުން ފިޔަވައި އަހަރެންގެ މާ ގިނަ އެކުވެރިންތަކެއް ނުތިބެއެވެ. އެހެންވެ، ގިނަ މީހުންނަށް އަދި އަހަރެން ނުވެސް އެނގޭނެއެވެ.
މިރޭ ވެސް އޭނާ ދިޔައީ އަހަންނާމެދު މާ ބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. އަހަރެން ވެސް އަހަރެންގެ ވާޖިބު އަދާ ކުރެވުނީއޭ ހިތައި، ހިތްހަމަ ޖެހިގެން އެނބުރި އަންނަނީއެވެ. އެ ހަފުތާ ނިމެންދެން އަހަރެން އޭނާ ގޮވައިގެން ދަތުރު ކުރީމެވެ.
ހަފުތާ ނިމި ޑިޔުޓީ ބަދަލު ވެއްޖެއެވެ. ދުވާލު ޑިޔުޓީއަށް އަރަން ޖެހުމާއެކު އަހަރެން އޭނާ މަތިން ކުޑަކޮށް ހަނދާންވިއެވެ. އެއީ ރީތި ވެސް ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ ފަންސަވީހަކަށް އަހަރު ވެދާނެ ހެންނެވެ. އޭނާގެ ހިޔާލު އައުމާއެކު އަހަންނަށް ކުޑަކޮށް ހިނިތުން ވެވޭކަން އެނގުނީ ފާރުގައި ހުރި ލޯގަނޑުން އަހަރެންގެ ސޫރަ ފެނުމުންނެވެ. އެއާއެކު، މޮޔަ ހިޔާލު ނުކުރުމަށް އަހަރެންގެ ޒަމީރު އަންގައެވެ.
ބްރޭކް ގަޑީގައި ކެންޓީނަށް ކާން ދިޔައީމެވެ. ކާ އެއްޗެހި އަޅައިގެން އެނބުރުނު ވަގުތު، ވަކިން ހުރި މޭޒެއްގައި އަފީފް ކާން އިންދާ ފެނުނެވެ. މި ހަފުތާ ބަދިގޭގެ ދަންވަރު ޑިޔުޓީގައި އުޅެނީ އަފީފްއެވެ. އެހެންވެ އޭނާއާ ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު އެ މަންޖެގެ ވާހަކަ އަހާލާނަމޭ ހިތަށް އެރިއެވެ.
"އޭ! ކަލޭ ބަގީ ބާއްވަން ދާއިރު އެ މަގުގައި ހުރޭތަ މަންޖެއެއް؟" އަހަރެން އެހީ ހިނިގަނޑެއް ޖަހާލަމުންނެވެ.
އެ ވަގުތު އޭނާގެ މޫނު މައްޗަށް އެރި ކުލަވަރުން އޭނާއާ އެކުއްޖާ ބައްދަލް ނުވާ ކަން އަހަންނަށް އެނގުނެވެ. ބަތް ސުވައެއް އަނގަޔަށް ލަމުން ކޮން މަންޖެއެއްތޯ އޭނާ ސުވާލު ކުރިއެވެ.
"ރަޝިޔާ ފާޑު ހުންނަނީ. ވެދާނެ މިހާރު ފުރީ ކަމަށް ވެސް، އަހަރެން ވަރަށް ގިނައިން އެ ކުއްޖާ ރޫމަށް ވައްޓާލަން ދަން." އަހަރެން ބުނީމެވެ.
އަދިވެސް އަފީފްގެ މޫނު މަތިން އަހަންނަށް ފެންނަނީ ހައިރާން ކަމެވެ. އެކަމަކު އޭނާ އިތުރު ސުވާލެއް ނުކުރެއެވެ. އެހެންވެ، އަހަރެން ވެސް އިތުރަށް އެ ވާހަކައެއް ނުދައްކަމެވެ.
ހަފުތާ ބަދަލުވެ، އަނެއްކާވެސް ދަންވަރު ޑިޔުޓީއަށް ނިކުންނަން ފެށީމެވެ. ޑިޔުޓީ ނިންމާފައި ބަގީ ޕާކު ކުރަން ދިޔަ މަގުމަތީ އެ އަންހެން ކުއްޖާ އަނެއްކާ ވެސް ބައްދަލު ވިއެވެ. އަފީފްއާ އޭނާ ބައްދަލް ނުވީ ކީއްވެ ބާވައޭ އެ ވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ބަގީ މަޑުކޮށްލުމާއެކު އޭނާ އައިސް އަރައިފިއެވެ. އޭރު އަހަރެންގެ ހިތުގައި ދެ ތިން ސުވާލު އެނބުރެމުން ދެއެވެ. ހިތްވަރު ކޮށްފައި އެއްޗެއް އަހައިލާނަމޭ ހިތާ އަހަރެން ކުޑަކޮށް ފަހަތް ބަލައިލީމެވެ. އޭނާ އެހެން ދިމާލަކަށް ބަލަހައްޓައިގެން އިނުމުން އަހަންނަށް ފެންނަނީ އޭނާގެ މޫނުގެ އެއް ފަރާތެވެ.
"އެކަނިތަ އައިސް ތިއުޅެނީ؟" ޖެހިލުންވެ ހުރެ އަހަރެން އެހީމެވެ.
އޭނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޑު ނީވުނީ ކަމަށް ބަލައި، އިތުރަށް އެއްޗެއް އަހާކަށް ނަހަދަމެވެ. ރޫމް 101ގެ ދޮރުމައްޗަށް ބަގީ މަޑުކޮށްލުމުން އާދައިގެ މަތިން އޭނާ ފައިބައިގެން ހިނގައްޖެ އެވެ.
މިރޭ އަހަންނަށް ފާހަގަވި އިތުރު ކަމެއް އެބައޮތެވެ. އޭނާ ބަގީއަށް އެރުމާއެކު އަހަރެންގެ ނޭފަތުގައި ޒާތެއްގެ ނުބައި ވަހެއް ޖެހުނެވެ. އޭރު އަހަރެން ހީކުރީ އެއީ ވަޔާއެކު އައި ވަހެއް ކަމަށެވެ. ނަމަވެސް އޭނާ އަހަރެންގެ ކުރިމަތިން ދިޔަ ވަގުތު އެ ވަސް އިތުރަށް ގަދަ ވިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އަހަންނަށް ދުވާފައި ނުވާ ފަދަ ކުނި ވަހެކެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައި ކޮޅަށް ބަގީ އަނބުރާލީމެވެ.
ޖެހިގެން އައި ދުވަހެވެ. އަހަންނަށް ހޭލެވުނު އިރު މެންދުރު ވެއްޖެއެވެ. އެހެންވެ، ކޮފީ ދަޅެއް ގަނެގެން އައިސް ކޮޓަރި ބޭރުގައި ހުރި ގޮނޑީގައި އިށީނދެލީމެވެ. އޭރު އެ ސަރަހައްދުން ދެ ތިން ފުލުހުން ދާ ތަން ފެނި ހިތުގައި ސުވާލު އުފެދިއްޖެއެވެ. އަހަންނާއެކު ދެން އިން ސޮރު ކައިރީ އެކަމާ ގުޅިގެން ސުވާލު ކުރީމެވެ. އެއީ ހައުސްކީޕިންގައި މަސައްކަތް ކުރާ ކުއްޖެކެވެ. ސަވާދުގެ މޫނުމަތީގެ ކުލަވަރުން އޭނާއަށް އެއްޗެހިތަކެއް އެނގޭހެން އަހަންނަށް ހީވިއެވެ.
"އަދިވެސް އެ އުޅެނީ އެ މައްސަލަ ނުނިމިގެން،" އޭނާ ބުންޏެވެ.
ކޮން މައްސަލައެއްތޯ އަހަރެން އަހައިލީ ވަރަށް ގަޔާވެ އިނދެއެވެ.
"ކަލެއަށް ތި އާދެވުނީ އެކަން ހިނގި ތާ މަހެއްހާ ދުވަސް ވީ ފަހުން. މިތާ ރޫމެއްގައި ގެސްޓަކު މަރާލީ އެއްނު،" ސަވާދު ބުންޏެވެ.
ގައިން ހީބިހި ނަގައިފި އެވެ. ދެ ބުމަ ހިއްލައިލެވުނެވެ.
"ދެމަފިރިންނޯ އައީ. ފިރިމީހާ އޭނަ ވައިފް މަރާލީ، އަހަރެމެންނަކަށް ނޭނގެ ކީއްވެ ކަމެއް؟ އެ ދުވަސްވަރު މުޅި ރިސޯޓުގައި އޮތީ އެ ވާހަކަ." ސަވާދު ކިޔައިދިނެވެ.
"މަރާލިއްޔޭ ވެސް ކިޔާ. ކުއްލި މަރެކޭ ވެސް ކިޔާ. އެ ފިރިހެން މީހާ ގައިމު ވެސް ހައްޔަރުކުރި. އަދިވެސް އެ މައްސަލަ ނުނިމޭތީ 101 ހުންނަނީ ބަންދު ކޮށްފައި." އޭނާ އިތުރަށް ބުންޏެވެ.
އަހަރެން ދިޔައީ ސިހިގެންނެވެ. އެ ވާހަކަ ގަބޫލު ކުރަން ދަތިވިއެވެ. ކޮންމެ ރެޔަކު "ވަން ޒީރޯ ވަން" އޭ އެ އަންހެން ކުއްޖާގެ ދުލުން ބުނާ އަޑު އިވިއިވި އަހަރެންގެ ހިތުގައި 101 ވަނީ ބިންވަޅު ނެގިފައެވެ. ކުއްލި ޝޮކެއް ލިބި އަހަންނަށް އިނދެވުނީ ހުއްޓުން އަރައިފައެވެ.
"ޔަގީންތަ 101 ކަން؟" އަހަންނަށް އަހާލެވުނެވެ.
"އާނއެކޭ، އެ ރޫމްތައް ސާފު ކުރަން ދާނީ އަހަރެމެންނެއްނު. އަހަރެމެންނަށް އެކަން ޔަގީން ނުވެ ވަކި ދެން ކޮން ބަޔަކަށް އެނގޭނީ؟ ކަލޭ ހާދަ ހާސްވީ؟" އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލުމަށްފަހު އޭނާ އެހިއެވެ.
އަހަރެން ހަމައެކަނި ހާސްވީއެއް ނޫނެވެ. ގަތް ބިރުން ހިތް ވެސް ހީވީ ބޭރަށް ފުންމައިލަފާނެ ހެންނެވެ. ފުންމައިގެން ތެދުވެއްޖައީމެވެ. ސަވާދު ގޮވަގޮވައި ހުއްޓާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީ ކުޑަކޮށް ހަމަޖެހިލަން ބޭނުން ވެގެންނެވެ. ބިރުން އޮތް ވަރުން އެ ވަގުތު އަހަރެންގެ ކުރިމަތިން އެ އަންހެން ކުއްޖާ ފެންނަ ހެން ވެސް ހީވެއެވެ. ބަންދުކޮށްފައި ހުރި ކޮޓަރިއަކަށް ކޮންމެ ރެޔަކު މި ގެންދެވެނީ ކާކު ބާވައޭ ހިތަށް އެރިއެވެ. ހިތަށް ލިބުނު ބިރުވެރި ކަމެއްގެ ސަބަބުން އަހަރެންގެ ސިކުނޑިއަށް ބާރު ބޮޑުވާން ފަށައިފިއެވެ.
އަފީފަށް އޭނާ ނުފެނި ހަމައެކަނި އަހަންނަށް ފެންނަންވީ ކީއްވެތޯ އެތައް ފަހަރަކު އަހަރެންގެ ހިތަށް އަރައިފިއެވެ. މިރޭ ޑިޔުޓީއަށް ދާން ބިރު ގަނެއްޖެއެވެ. އެ އަންހެން ކުއްޖާ އަހަންނާ ދިމާ ކުރަންވީ ކީއްވެބާވައެވެ؟ އޭނާގެ މަގުސަދަކީ ކޮބައިބާވައެވެ؟ ކިތަންމެ ވަރަކަށް އަހަރެންގެ ހިތާ މި ސުވާލުތައް ކުރިޔަސް ޖަވާބު ނުލިބޭނެކަން އަހަންނަށް އެނގެއެވެ.
ޑިޔުޓީއަށް ދާ ގަޑި ކައިރި ވާ ވަރަކަށް އަހަރެން ބިރު ގަންނަނީއެވެ. އޭރު އަހަރެން ހުރީ ހުން ވެސް އައިހެވެ. ނަމަވެސް ޔުނިފޯމު އަޅައި ތައްޔާރުވީ ބަދިގެއަށް ގޮސް އެ ވާހަކަ ޑިޔުޓީ މީހުންނަށް ކިޔައިދޭން ބޭނުން ވާތީއެވެ. އެ ނޫން ގޮތަކަށް ހިތަށް ތަސައްލީއެއް ނުލިބޭނެކަން އަހަންނަށް ޔަގީން ކުރެވެއެވެ.
މިރޭ ކަންތައް ކުރާނެ ގޮތް ސިކުނޑީގައި ރާވައިލީމެވެ. ބަގީ ޕާކު ކުރަން ދާނީ ޑިޔުޓީގައި ތިބި އެންމެން ގޮވައިގެންނެވެ. އޭރުން އަހަރެންގެ ވާހަކަ އެ މީހުން ނިކަން ފަސޭހައިން ގަބޫލު ކުރާނެޔޭ ހިތަށް އެރިއެވެ.
އެގާރަ ޖެހުމުގެ ކުރިން އަހަރެން ހިނގައިގަތީމެވެ. ހިނގާހިނގާ ވަރުބަލި ވީ އިރު ވެސް އަހަންނަށް ބަދިގެއަކަށް ނުދެވުނެވެ. އަބަދުވެސް ހީވަނީ ދުރުން ބަދިގެ ފެންނަ ހެންނެވެ. ނަމަވެސް އެ ހިސާބަށް ދެވޭ ގޮތެއް ނުވިއެވެ. ހުއްޓުމަށްފަހު ފަރާތްފަރާތް ބަލައިލީމެވެ. އެއާއެކު ފެނުނީ ދުރުގައި ހުރި 101 ނަންބަރު ކޮޓަރިއެވެ. އަހަންނަށް ހަމަބިމަށް ފޭބުނީ އަދި ކިރިޔާކަން އެނގުނެވެ. އޭރު އެ އަންހެން ކުއްޖާ އެ ކޮޓަރިން ނިކުމެގެން އާދެއެވެ.
ބިރުގެންފައި ހުރި ވަރުން ދުއްވައިގަންނަން ބޭނުންވިއެވެ. ނަމަވެސް އޭރު ބާރުބާރަށް އައިސް އޭނާ އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އެއްފަހަރާ ހައެއްކަ ފަހަރު ހިންދިރުވާލެވުނު އިރު އަހަންނަށް ރޮވިއްޖެއެވެ. ކުރިމަތީގައި ހުރީ ކާކުކަން ނޭނގޭތީ އަހަރެން ހުރީ ގޮތް ހުސްވެފައެވެ.
"އޭނަ އަހަރެން މަރާލީ ފައިސާގެ ދަހިވެތި ކަމުގައި. އޭނަ ބޭނުންވީ އަހަރެންގެ މުއްސަނދިކަން. އޭނަ ހީކުރީ ރާއްޖެ އައިސް އަހަރެން މަރާލައިފައި އޭނައަށް ސަލާމަތް ވެވޭނެކަމަށް." އޭނާ ވާހަކަ ދެއްކިއެވެ.
އަހަރެން ހުރީ ގަނޑުވެފައެވެ. ނޭވާ ލާން ވެސް ބިރުންނެވެ. އެއީ އިންސާނެއް ނޫން ކަން ޔަގީންވިއެވެ. އަހަރެންގެ ކުރިމަތީގައި އެ ހުރީ މަރުވި ކަމަށް ބުނާ އަންހެން ކުއްޖާއެވެ. ނޫނެކެވެ. އޭނާގެ ރޫހެވެ. އަހަރެންގެ ދެ ފައި ވެސް އޭރު ތުރުތުރު އަޅަމުން ދެއެވެ.
"އޯޑަރު ކޮށްގެން ގެނައި ކާ އެއްޗަކަށް ޒަހަރު އަޅައިގެން އަހަންނަށް މާ ލޯބިން އެ ރޭ އޭނަ ކާން ދިނީ. އެ ނޫން ގޮތަކަށް ވެސް އޭނައަށް މުއްސަނދި ވެވުނީސް. އޭނަ ބޭނުންވި ނަމަ އަހަރެންގެ ވިޔަފާރިތައް އޭނައަށް ދިނީމުސް. އަހަރެން އޭނަދެކެ ވަރަށް ލޯބި ވީން. އެކަމަކު..." އޭނާ ކިޔައިދިނެވެ.
އެ އަޑުގައި ކިތަންމެ މަޑުމައިތިރިކަން އެކުލެވިފައި ވީ ނަމަވެސް އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަމަށް ބަދަލެއް ނައެވެ.
"މަރަށް ތެޅުނު އިރު އޭނަ ހުރި ހެވިފައި ބަލަހައްޓައިގެން. ފުލުހުން އައިސް ތަހުގީގު ކުރި. އޭނަ ހައްޔަރު ކޮށްގެން ގެންގޮސް އަހަރެންގެ ހަށިގަނޑު ރަޝިޔާއަށް ފޮނުވި. އަހަރެންގެ ހަށިގަނޑަށް ގެއްލުމެއް ލިބުނަ ނުދޭން ޕޯސްޓްމޯޓަމް ހަދަން އަހަރެންގެ އާއިލާއިން ބޭނުމެއް ނުވި. އެހެންވެ އެކަން ސާބިތެއް ނުވި،" އޭނާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"އެނގޭތަ މިއަދު ފުލުހުން އެ އައީ ކީއްކުރަންކަން؟" އޭނާ އެހިއެވެ. ތަންކޮޅެއް ބާރަށެވެ.
"އެ މީހުން އެ އައީ މައްސަލަ ނިންމާތީވެ އިތުރަށް މި ކޮޓަރި ޗެކް ކުރަން. މައްސަލަ ނިންމަނީ އަހަރެން މަރުވީ ކުއްލި މަރަކުން ކަމަށް. މިއަދަށް ފަހު މި ކޮޓަރި އާއްމުކޮށް ހުޅުވާނެ. އެކަމަކު އަހަރެން މިތާކުން ނުދާނަން. އަހަރެން އުޅޭނީ މުޅި އުމުރަށް ވެސް މިތާ." އޭނާ ބުންޏެވެ.
އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ ސުވާލު އުފެދިފައި ހުރެ އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ.
"ކޮޓަރިން އަލަށް އަހަރެން ނިކުތް ރޭ އެންމެ ފުރަތަމަ ވެސް ދިމާވީ ރައީފްއާ. އޭގެ ފަހުން ކޮންމެ ރެޔަކު ވެސް އަހަންނަށް ކިރިޔާ އުފަލެއް މި ލިބެނީ ރައީފްއާއެކު ހޭދަވާ ކުޑަކުޑަ ވަގުތުކޮޅުން. އަހަރެން އުއްމީދު ކުރަން ރައީފް އަހަންނަށް އެ ވަގުތުކޮޅު އަބަދުވެސް ދޭނެ ކަމަށް،" އޭނާ ބުނެލީ ހިނިތުން ވަމުންނެވެ.
އެ ހިނިތުން ވުމުގައިވާ މޮޅިވެރިކަމުން އަހަރެންގެ ހިތް ކޮންމެވެސް ވަރަކަށް ފިނިވެއްޖެއެވެ. ބޭއިހްތިޔާރުގައި ބޯ ޖަހައިލެވުނެވެ. އޭނާ އަނެއްކާ ވެސް އެނބުރިގަތީ ރޫމާ ދިމާއަށެވެ. ހުރި ފިޔަވަޅު މަތީ އަހަންނަށް އިރުގަނޑެއް ވަންދެން ހުރެވުނެވެ.
ޖެހިގެން އައި ދެ ދުވަހު ވެސް އަހަރެން ޑިޔުޓީ އަކަށް ނުދަމެވެ. އޮފް ނަގައިގެން ރޫމުގައި އޮތީއެވެ. އެ ވާހަކަތައް މީހުންނަށް ކިޔައިދޭން ބޭނުންވި ނަމަވެސް އެ އަންހެން ކުއްޖާގެ ވާހަކަތައް އަޑު އެހުމަށްފަހު އަހަރެން ނިންމީ އެކަން ސިއްރު ކުރާށެވެ. އެއީ ފަހަރެއްގައި އެކަމުގެ ސަބަބުން އަހަންނަށް ވެސް ގެއްލުމެއް ލިބިދާނެތީއެވެ.
އާދައިގެ މަތިން މެންދުރު ވީ ފަހުން އަހަރެން ތެދުވީމެވެ. ބޭރަށް ނިކުތް އިރު ކެންޓީނުން ނިކުމެގެން އަންނަ މީހުންގެ މޫނުން ފެންނަނީ ހާސްކަމުގެ އަސަރުތަކެވެ. އެހެންވެ، އެ މީހުންގެ ގާތަށް ޖެހިލުމަށްފަހު އަހަރެން ސުވާލު ކުރީ އަފީފްއާއެވެ.
"ރޫމެއްގައި ބަޔަކު މަރުވެގެން. އެއީ އެ ކޮޓަރީގައި ހިނގި ދެވަނަ މަރު." އަފީފް ބުންޏެވެ.
އަހަންނަށް މޭގައި އަތް ހާކާ ލެވުނެވެ. ވަރަށް ބޮޑަށް ބިރު ވެސް ގަތެވެ.
"ކޮން ރޫމެއް؟ ކިހިނެއް ހިނގި މަރެއް؟" އަހަރެން އެހީމެވެ.
"101. ވަރަށް ދުވަސް ވަންދެން އެ ރޫމް ބަންދުކޮށްފައި ހުރީ. ދެ ދުވަހެއް ކުރިން އަދި އެ ރޫމް ގެސްޓުންނަށް ހުޅުވައިލީ ވެސް. އޯޕަން ކުރި ފަހުން އަލަށް އައި ގެސްޓުންނޯ. ދެ މީހުން ވެސް ތިބީ މަރުވެފަޔޯ. މަށަށް ހީވަނީ ކޮންމެވެސް ނުބައެއް އުޅޭހެން." އަފީފްއަށް ހީވާ ގޮތް ބުންޏެވެ.
އިތުރަށް މަޑެއް ނުކުރަމެވެ. އެއީ އެ އަންހެން ކުއްޖާގެ ކަމެއް ކަން އަހަންނަށް ހަމަ ޔަގީނެވެ. އެކަމުގެ ތެރެއަށް ވަންނަން އަހަރެން ބޭނުމެއް ނޫނެވެ. އެކަމުން އަހަންނަށް ވެސް ނުރައްކަލެއް އޮވެދާނެކަމަށް ހީ ކުރެވުނެވެ. އެހެންވެ އަހަރެން ބޭނުންވީ އަވަހަށް ރިސޯޓުން ކެނޑިގެން ރަށަށް ދާށެވެ.
ބަލިވެ ކަމަށް ބުނެ، ދެ ދުވަސް ވަންދެން ޑިޔުޓީއަށް ނުނިކުމެ ހުރެ، އަހަރެން ރިސޯޓުން ކެނޑުނީމެވެ. ދަބަސް ހިފައިގެން ލޯންޗުގައި އިން އިރުގައި ވެސް އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ބިރު ގަނެފައެވެ. ލޯންޗު ނައްޓާލުމާއެކު ރިސޯޓުގެ ތުނޑީކޮޅުން އަހަންނަށް އޭނާ ފެނުނެވެ. ކަޅި ޖަހައިނުލާ އަހަންނަށް އިނދެވުނީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ. އިސާހިތަކު ލޯ މަތިން އެ އަންހެން ކުއްޖާ ގެއްލިއްޖެއެވެ. ބިރުން އިނދެ އަހަރެން ސީޓުގައި ހަމަޖެހިލީ ނަމަވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
ރަށަށް އައިސް ދުވަސްކޮޅެއް ވީ ފަހުން އަހަރެން އަފީފަށް ގުޅީމެވެ. އަދި ރިސޯޓުގެ ހާލަތާ ބެހޭގޮތުން އަހައިލީމެވެ. އަފީފް ބުނި ގޮތުން އަހަންނަށް އެނގުނީ އެ ކޮޓަރީގައި އޭގެ ފަހުން ވެސް މަރެއް ހިނގި ކަމެވެ. އެހެންވެ، މިހާރު އެ ކޮޓަރި ހުންނަނީ އަބަދުވެސް ބަންދު ކޮށްފައެވެ. އެ ހަބަރު ފެތުރި ރިސޯޓަށް ގެސްޓުން އައުން ވެސް ވަރަށް މަދު ކަމަށް އޭނާ ބުންޏެވެ.
ދެތިން އަހަރު ފަހުން އަހަރެންގެ ރަށުގައި ގެސްޓު ހައުސްއެއް ހުޅުވީމެވެ. އަހަރެންގެ ގެސްޓު ހައުސް އަކީ އަބަދުވެސް ފުރިފައި އޮންނަ ތަނެކެވެ. މުޅި އަތޮޅަށް ވެސް އެންމެ މަޝްހޫރު ވެފައި އޮތީ އަހަރެންގެ ގެސްޓު ހައުސްއެވެ.
ނިއު އިޔާ ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ ގެސްޓުން އަންނާތީ އަހަރެން ހުރީ ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. މިއަދު ގެސްޓުން ބަލައި ލޯންޗް ކައިރިއަށް ދިޔައީ ޚުދު އަހަންނެވެ. އުފާވެރި މޫޑެއްގައި ހުރެ ފަހަރަކު ގެސްޓަކު ޖެޓީއަށް އަރުވަމުން ދިޔައީމެވެ. ކޮންމެ މީހަކަށް ވެސް މަރުހަބާ ކީ ހިނިތުންވުމާ އެކުގައެވެ.
އެންމެ ފަހުން ލޯންޗުން ނިކުމެ، އަހަންނާ ދިމާލަށް ދިއްކޮށްލި އަތުގައި ހިފަމުން އަހަރެން ބަލައިލީމެވެ. އެ ވަގުތު ލިބުނު ކުއްލި ސިހުމައިގެން އަހަންނަށް އަތް ދަމައިގަނެވުނެވެ. އެއީ ހަމަ އޭނައެވެ. އޭނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ. އޭނާ އަނެއްކާ ވެސް އަހަންނަށް އަތް ދިއްކޮށްލިއެވެ. ބިރުން ހުރެ އެ އަތުގައި ހިފީމެވެ.
"އަހަންނަށް ފިލައިގެން ނޫޅެވޭނެ،" އަހަރެންގެ ކަންފަތާ އޭނާގެ މޫނު ކައިރިކޮށްލަމުން ބުނެލި އެވެ.
ނިމުނީ