24 މާޗް 2024 - 19:49

ސަރުކާރު ކުންފުނިތަކުގެ ވަޒީފާ އިން ވަކި ކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރު ކޮށްދޭން އިދިކޮޅު ޕާޓީ، އެމްޑީޕީން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި ވަޒީފާ އިން ވަކި ކުރަމުންދާ ކަމުގެ މައުލޫމާތު އެކި ފަރާތްތަކުން އެ ޕާޓީ އާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެފަދަ އެއްވެސް ކަމެއް ހިނގައިގެން އުޅޭ ނަމަ[email protected]އީމެއިލް މެދުވެރިކޮށް އެ ޕާޓީ އަށް މައުލޫމާތު ދިނުމަށް އެމްޑީޕީން އެދުނެވެ.
"މިޕާޓީގެ ފަރާތުން މިހެން ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތަރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ." އެމްޑީޕީން ބުންޏެވެ.
ސަރުކާރު ކުންފުނިތަކުގައި ތިބޭ ފަރާތްތައް ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމުގެ ތުހުމަތު މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ ޕާޓީގެ އިސް ފަރާތްތައް ދިޔައީ ކުރަމުންނެވެ.
އެހެން ނަމަވެސް ސަރުކާރުގެ ބައެއް ބޭފުޅުން އެކަން ދޮގު ކުރެ އެވެ.