24 މާޗް 2024 - 17:44

އާންމުން ދިރިއުޅޭ ގެތަކުގައި ކަރަންޓާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފު ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށެވެ.
މާފު ވާނީ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލްތަކުގެ ޖޫރިމަނާތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެކަން ކަމާބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށާއި ނުދެއްކި ހުރި ފައިސާތައް ވެސް ލުއި ގޮތަކަށް ދެއްކުމަށް އެއްބަސްވުމެއް ހެދުމަށް ދަންނަވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި. އާންމު މަހެއްގަ ހުންނަ މިންވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ބ. އޭދަފުށީގައި މި މަހުގެ ތިން ވަނަ ދުވަހު ވާހަކަފުުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ، ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.