އާމިރު ޚާންގެ އަންހެން ދަރިފުޅު އީރާ މިއުޒިކީ ދުނިޔެއަށް
އާމިރު ޚާންގެ އަންހެން ދަރިފުޅު އީރާ މިއުޒިކީ ދުނިޔެއަށް

އާމިރު ޚާންގެ ދޮށީ ފިރިހެންދަރިފުޅު ޖުނައިދު ބޭނުންވަނީ ފިލްމު ޑައިރެކްޓްކުރުމުގެ ރޮނގުން ކުރިޔަށް ދާށެވެ. އެގޮތުން ރާޖް ކުމާރު ހިރާނީގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވެ އެވެ.

އަންހެން ދަރިފުޅު އީރާ ވެސް އެހެނިހެން ފިލްމީ ތަރިންގެ ދަރިން ގޮތަށް ފިލްމު ކުޅޭކަށް ޝައުގުވެރިކަމެއް ނެތެވެ. އީރާ ބޭނުންވަނީ މިއުޒިކްގެ ރޮނގުން ކުރިޔަށް ދާށެވެ. އެހެންވެ މިއުޒިކް ކޮމްޕޯޒާ ރާމް ސަމްޕަތާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އީރާ ވަނީ ހޯދާފަ އެވެ. އަދި މިއުޒިކްގެ ކްރިއޭޓިވް އަދި މެނޭޖްމަންޓް މަސައްކަތް ރާމް ސަމްޕަތުގެ ކައިރިން އީރާ ދަސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ކުޑައިރުއްސުރެ އީރާ މިއުޒިކަށް ޝައުގުވެރިކަން ހުންނަ ކަމަށްވެ އެވެ. ނަމަވެސް އެރޮނގުން ކުރިޔަށްދާކަށް އީރާ މިހާތަނަށް ވިސްނާފައެއް ނުވެ އެވެ. މިއުޒިކްގެ ކްރިއޭޓިވް އަދި މެނޭޖްމަންޓް ދާއިރާއިން ކުރިޔަށްދާން 19 އަހަރުގެ އީރާ ގަސްތުކުރީ ވަރަށް ފަހުންނެވެ. އެގޮތުން އީރާ ބޭނުންވީ ރާމްގެ ގާޓުން އެ މަސައްކަތް ދަސްކުރާށެވެ.

މިއުޒިކް ޑައިރެކްޓަރު ރާމް ސަމްޕަތު ވަނީ އީރާގެ ބައްޕަ އާމިރު ޚާނާއެކު "ދިއްލީ ބެލީ" އާއި "ތަލާޝް" ގައި މަސައްކަތް ކޮށްފަ އެވެ. އަދި ރާމް އަކީ އީރާ އަށް އެންމެ މަގްބޫލު މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އާމިރު އަކީ އޭނާގެ ހުރިހާ ދަރިންނަށް ވެސް އެހީތެރިކަންދޭ ބައްޕައަކަށް ވީނަމަވެސް ކުދިންނަށް ވަކި ކެރިއަރެއް ޚިޔާރު ކުރާކަށް އޭނާ މަޖްބޫރެއް ނުކުރެ އެވެ. އާމިރު ބޭނުންވަނީ އޭނާގެ ކޮންމެ ކުއްޖަކުވެސް މިނިވަންކަމާއެކު އެ ކުއްޖަކު ކުރާނެ މަސައްކަތެއް ޚިޔާރު ކުރުމަށެވެ. އަދި އަމިއްލައަށް މަސައްކަތް ކޮށްގެން އެ ކުއްޖަކު ކުރިޔަށްދާން ބޭނުންވާ ރޮނގަކުން ކުރިޔަށް ދިއުމަށެވެ.

މިހާރު "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ އާމިރު އަބަދުވެސް ބުނަމުންދަނީ އޭނާގެ ދަރިން ފިލްމީ ވިޔަފާރީގެ ތެރެއަށް ނެރޭނީ އެކުދިންގެ ކިބައިގައި އެކަމުގެ ގާބިލްކަން ހުރި ނަމަ ކަމަށެވެ. އޭނާގެ ދަރިންނަށް ވީތީ އެކުދިން ލައްވާ ފިލްމު ކުޅުވާކަށް އާމިރު ބޭނުމެއް ނޫނެވެ.

އާމިރުގެ އެންމެ ފަހުން ރިލީޒްވި "ދަންގަލް"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވެސް ނޫސްވެރިއަކު މިފަދަ ސުވާލެއް ކުރި އެވެ. އާމިރު ބުނީ ދަރިންގެ ކިބައިގައި އެކްޓިން ހުނަރު ހުރިކަން އޭނާއަށް ޔަގީންވެއްޖެ ނަމަ އަދި އެއީ އެކުދިންނަށް ހައްގު ކަމެއް ކަމަކަށް ފެނިއްޖެ ނަމަ އެރޮނގުން ކުރިޔަށް ދިއުމުގައި އެހީތެރިވެދޭނެ އެވެ.