25 މާޗް 2024 - 07:57

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރާ މަޝްވަރާތަކުގައި ހަމާސް އާއި އިޒްރޭލާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށް އެ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ހަމާސްގެ އޮފިޝަލަކު ހޮނިހިރު ދުވަހު އޭއެފްޕީއަށް ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ހުއްޓާލުމާއި ރަހީނުންނާއި ގައިދީން މިނިވަންކުރުމާބެހޭ އުނދަގޫ މަޝްވަރާތައް މި ހަފްތާގައި ދޯހާގައި އަލުން ވަނީ ފަށައިފަ އެވެ. މިސްރާއި ގަތަރާއި އެމެރިކާ މެދުވެރިންގެ ދައުރު އަދާކުރާ މި މަޝްވަރާތަކާ އިޒްރޭލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ވަނީ ގުޅިވަޑައިގެންފަ އެވެ.
"މި މަޝްވަރާތަކުގައި ހަމާސް އިން ދޫ ދޭ ނަމަ އިސްތިއުމާރީ [އިޒްރޭލުން] ދެކެނީ އެއީ އެ ޖަމާއަތުގެ ނިކަމެތި ކަމެއްގެ ގޮތުގައި. މިއީ މަޝްވަރާތަކުގައި އެހާ ބޮޑު ތަފާތުތައް ހުރި އެއް ސަބަބު،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ބޭނުންވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު އަނެއްކާ އަލުން އަނިޔާވެރިކަން ފެށޭ ގޮތަށް އެއްބަސްވުން ހަދަން ކަމަށެވެ.
"ހަމަލާތައް ދާއިމީކޮށް ހުއްޓާލައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ބޭލުމާ އިޒްރޭލު އެއްބަހެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމާއި އެހީގެ މަސައްކަތްތައް އިޒްރޭލުން ބޭނުންވަނީ އެ މީހުންގެ ކޮންޓްރޯލްގެ ދަށުގައި ބާއްވަން ކަމަށާއި އދ.ގެ އެހީގެ ޓީމުތައް، ހާއްސަކޮށް، ޣައްޒާގެ އުތުރު ސަރަހައްދަށް އަލުން ދިއުމާ ވެސް އިޒްރޭލު ދެކޮޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 32،000 މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ