24 މާޗް 2024 - 05:34

ފުލުހުން ދެންމެ ބުނީ އެ ޒުވާނާ ކަރަންޓުގައި ޖެހިފައި އޮއްވައި ފެނުނީ ހުޅުމާލެ 2 ގެ ހިޔާ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ރޭގެ ފަތިހު 4:07 ހާއިރު ކަމަށް. އެޗް 3 ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރެއަށް ވެއްޓިފައި އޮތް ޝިފާއު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނި. ޓްރާންސްފޯމަރުތެރެއަށް އޭނާ ވެއްޓިފައި އޮތީ އަނިޔާތަކަކާ އެކު ކަމަށް ވެސް ފުލުހުން ބުނި.
ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނީ ހއ. ހޯރަފުށީގެ ޒުވާނެއް ކަމަށްވާ ހުސައިން ޝިފާއު. ސްޓެލްކޯ އިން ދެންމެ ބުނީ، ހުޅުމާލެ 2 ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު އުމުރުން 27 އަހަރުގެ މީހާ މަރުވެފައިވާ ކަމަށް. ޝިފާއު މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި. އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ސްޓެލްކޯ އިން ބުނީ އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް.
ހުޅުމާލެ 2 ގައި ބަހައްޓާފައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިއްޖެ އެެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް" ގައި ވިދާޅުވީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެކަމަކު އެ ކަމާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް ގެނައީ މީގެ ދެ ދުވަސް ކުރިންނެވެ.
އެ ކުންފުނީގެ އެމްޑީ ފަހުމީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާންމުންނަށް ދޫކޮށްލެއްވި މެސެޖެއްގައި ވިދާޅުވީ، ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެންނެވެ.
ފަހުމީ ވިދާޅުވީ، ހުޅުމާލެ 2 ގެ ހަސަން އާދަމް މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް، އެ މިސްކިތުން ވެސް ކަރަންޓު ކެނޑުނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކު ކޮށްލައިގެން ބަޔަކު ވަދެ، އޭގެ ބައިތައް ވަގަށް ނަގަން އުޅުމުން ކަމަށެވެ.