ގޯތިތައް ދީފައި ހުރި ބިންތައް އެއްވަރުކުރަން ފަށައިފި
ގޯތިތައް ދީފައި ހުރި ބިންތައް އެއްވަރުކުރަން ފަށައިފި

ކުރީގެ ސަރުކާރުން ހުޅުމާލެއިން ދޫކޮށްފައި ހުރި ގޯތިތައް ލިބުނު މީހުންނަށް އެ ބިންތައް ހަވާލުކުރުމަށް އެތަން ސާފުކޮށް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1000 އެއްހާ ގޯތި ދޫކޮށްފަ އެވެ.

އެ ބިންތައް ލިބުނު މީހުންނަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ބައެއް މީހުންނަށް ލިބުނު ގޯތީގެ އިން އަރަނީ އެތަނުގައި އެއްކޮށްފައި ހުރި ހިލަވެލި ފުނިތަކަށެވެ. އެހެންވެ، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.

"މިހާރު ހަވާލުނުކުރެވި ހުރި ޕްލޮޓްތައް ވީހާވެސް އަވަހަށް ހަވާލުކުރުމަށް ރެއާ ދުވާލު އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ،" ރޭ އެކްސްގައި ކުރި ޕޯސްޓުގައި އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި މީހުންނާ ހަވާލުކޮށްފައިވާ ބިންތައް ވެސް ސާފުކުރުމުގެ މަސައްކަތް އެބަ ކުރެ އެވެ.

ގޯތި ދޫކުރި ސަރަހައްދުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާއިރު މީގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ބިންތައް ދޫކުރި ގޮތާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޯތިތައް ދީފައި ހުރީ ފެނާއި ނަރުދަމާ ސާވިސްގެ ލައިނަށް އަރާ ގޮތަށާއި މަގުތަކަށް ވެސް އަރާ ގޮތަށެވެ. އެހެންވެ، އެތަންތަން ދޭނެ ގޮތެއްގެ މަޝްވަރާ ކުރައްވާ ކަމަށް އޭނާ ވިދާޅުވެ އެވެ.