ދިވެހި އަމިއްލަ ރާގުގައި ކުޑައިއްބެ މާ ކުރީގައި
ދިވެހި އަމިއްލަ ރާގުގައި ކުޑައިއްބެ މާ ކުރީގައި

"މޯލްޑިވިއަން އައިޑޮލް" ގެ އެއް ޖަޖު އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ގެ ހުނަރާ މެދު އެއްވެސް މީހަކު ސުވާލު އުފައްދާނެ ހެނެއް ހިއެއް ނުވެ އެވެ.

ދިވެހި އަމިއްލަ ރާގުގައި ކުޑައިއްބެ މާ ކުރީގައި
ދިވެހި އަމިއްލަ ރާގުގައި ކުޑައިއްބެ މާ ކުރީގައި

އޭނާއަކީ ރާއްޖޭގައި އަމިއްލަ ރާގުގެ ނުފޫޒު ގަދަކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ލަވަ ކިޔުންތެރިއެއް، މިއުޒިކް ކޮމްޕޯޒަރެކެވެ.

އިއްބެ ވަނީ މިހާތަނަށް 500 އަށް ވުރެ ގިނަ އަމިއްލަ ރާގު އުފައްދައިފަ އެވެ. އޭގެ ތެރެއިން ގިނަ ލަވަތަކަކީ ވަރަށް މަޝްހޫރު، އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ ލަވަތަކެވެ. އެ ލަވަތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ފިލްމުތަކަށް ހެދި ލަވަތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އިއްބެ ވަނީ އޭނާގެ އަމިއްލަ ރާގުގެ ސޯލޯ އަލްބަމެއް ވެސް ނެރެފަ އެވެ. އެއީ "ރާގު" އެވެ.

ކުޑައިއްބެ އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ އޭނާގެ އަމިއްލަ އަޑުން ކިޔައި، ވީޑިއޯ ކުޅުނު "އެދެމޭ ކަލާ" ލަވައިންނެވެ. އޭގެ ފަހުން އޭނާއަކީ އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ ޖަޖެއްގެ މަގާމު އިއްބެއަށް ލިބުމަކީ މިއުޒިކް ދާއިރާގައި އޭނާއަކީ އާދައިގެ ނަމެއް ނޫންކަން ސާބިތުކޮށް ދިން ކަމެކެވެ. އޭގެ ފުރަތަމަ ސީޒަން ނިންމާލައި، ދެވަނަ ސީޒަން މިހާރު ފަށާފައިވާ އިރު، އިއްބެ ހުރީ ހަމަ އެ ޝޯގެ ޖަޖެއްގެ ގޮނޑީގަ އެވެ.

މިއުޒިކް ކަހަލަ ފަންނީ މަސައްކަތްތަކަކީ ދިމަދިމާލުން ޚިޔާލު ލިބުމުން ކުރިއަރުވައި، ތަރައްގީ ކުރެވިދާނެ ހުނަރެކެވެ. މި މިސާލު ރާއްޖޭން ބޭރުގައި ވެސް ވަރަށް އާންމެވެ. ބޮލީވުޑާއި ހޮލީވުޑްގައި ވެސް މިކަން މިގޮތަށް ކުރެ އެވެ. އެހެންވެ އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

މައްސަލައަަކަށް ވާނީ އަކުރުން އަކުރަށް، ބަނޑިއަކަށް ބަނޑިއެއް ކޮޕީކޮށްފައި އޮތް ނަމަ އެވެ.

ކޮންމެ މަސައްކަތެއް ކުރިޔަސް ދެކޮޅު އޮންނާނެ އެވެ. ފާޑުކިޔާ މީހުންގެ އަނގަ ވެސް ބަންދެއް ނުކުރެވޭނެ އެވެ. އިއްބެއަކީ ރާއްޖޭގެ ނިސްބަތުން ބަލައިފި ނަމަ މިއުޒިކީ ހުނަރުގެ ގޮތުން، ލިސްޓްގެ ފުލަކަށް ދާނެ ނަމެއް ނޫނެވެ. އޭނާގެ އެ ހުނަރު އެބަ ހުއްޓެވެ. އެ ނެރެން މަސައްކަތްތަކެއް ކުރެ އެވެ.

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ އަލްބަމް ހަދަން، ޕީއެސްއެމުން ހަވާލުކޮށްފައި ވަނީ އިއްބެ ޓޮނިކް ލައިވް ސްޓޯޑިއޯއާ އެވެ.

އަލްބަމްގައިި ހިމެނޭ ހަ ލަވައިގެ ތެރެއިން އެއް ލަވަ އެހުންތެރިންނާއި ބެލުންތެރިންނަށް ދޫކޮށްލިތާ މިހާރު މަހެއްހާ ދުވަސްވަނީ އެވެ. ވަރަށް މަޑުމައިތިރި، ހިތާމަވެރި ފީލްގެ އެ ލަވަ އާންމުންނަށް ދޫކޮށްލީ އޮރިޖަނަލް ލަވައެއްގެ ގޮތުގަ އެވެ. ލައިޝާ ވެސް އެ ލަވަކީ މުޅިން އަމިއްލަ ރާގެއް ކަމަށް އުންމީދުކޮށްގެންނެވެ.

އެކަމަކު ލައިޝާ ކިޔާފައިވާ "ހޯދޭތޯ މަންޒިލެއް" އަކީ އަދި މުޅިން އާ ލަވައެއް ނޫނެވެ. ލަވައިގެ ޅެން އާ ވިޔަސް، އެ ރާގު އާ ނޫންކަން މިހާރު އޮތީ ސާބިތުވެފަ އެވެ. މީގެ ސަބަބުން އިއްބެ މި ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

ލައިޝާގެ އެ ލަވައަކީ 2014 ގެ އިންޓަ ސްކޫލް ލަވަ މުބާރާތަށް އޭނާ ހެދި ރާގަކަށް ކިޔާފައިވާ ލަވައެކެވެ. އެކަން ކުރިއަކުން ލައިޝާގެ ލަވައާ ގުޅުން ހުރި އެއްވެސް ދިމާއަކުން ފާހަގައެއް ނުކުރެ އެވެ.

މައްސަލައަކަށްވީ އެހެންވެގެންނެވެ. އިންޓަނެޝަނަލް ފެންވަރުގެ ޓައިޓްލްއެއް ލިބުނު ލަވަ ކިޔުންތެރިއެއްގެ އަލްބަމްގެ ފުރަތަމަ ލަވައަކީ ވެސް މުޅިން އާ އެއްޗެއް ނޫންކަން އެނގުމުން އެކަން ގިނަ ބަަޔަކަށް ބަލައިގަންނަން އުނދަގޫވީ އެވެ. އަދި އެއީ އެކަން ވާންވީ ގޮތް ނޫން ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

މައްސަލައަކީ ކުރިން ކިޔާފައި އޮތް ރާގަކަށް ލައިޝާ ލައްވާ ލަވަ ކިޔުއްވުމެވެ. ޓޮނިކް ލައިވުން މިހާރު ބުނަނީ އެ ލަވަ ކިޔުއްވީ އަމިއްލަ ދިވެހި ރީތި ރާގަކަށްވުމުން ކަމަށާއި ވިޔަފާރި އުސޫލުން އެ ރާގު ކުރިން ބޭނުންކޮށްފައި ވެސް ނެތުމުން ކަމަށެވެ.

އިއްބެގެ ރާގަކީ ހަމަ މުޅިން އަމިއްލަ ރާގެކެވެ. އެއީ ހިންދީ ލަވައެއް ނުވަތަ އިނގިރޭސި ލަވައެއްގެ ކޮޕީއެއް ނޫނެވެ. އެހެންވެ އެކަން ފާހަގަ ކުރަން ޖެހޭނެ އެވެ.

ކޮންމެއަކަސް މިކަން މި ގޮތަށް ދިމާވުމުން ހުރިހާ އެންމެންގެ އިނގިލި މިހާރު އަމާޒުވެފައި ވަނީ އިއްބެއަށެވެ. އަދި އޭނާ "މޯލްޑިވިއަން އައިޑޮލް" ގެ ޖަޖަކަށް ތަސައްރަފު ފުދޭތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދަފަ އެވެ.

މި މައްސަލާގައި ބައެއް މީހުން ދެކެނީ މިހެންނެވެ؛ އިއްބެގެ ފަރާތުން އެކަހަލަ ކަމެއް ފެންމަތިވުމުން "މޯލްޑިވިއަން އައިޑޮލް" އިން ވެސް އޭނާ ބޭރުކޮށްލަން ޖެހޭނެ އެވެ. ޖަޖެއްގެ މަގާމަށް އޭނާ ކުފޫ ހަމައެއް ނުވެ އެވެ. އާ ލަވައެއް ގެ ޓެގް އަޅުވައި، އިއްބެ އާއި އޭނާގެ ޓޮނިކް ޓީމުން ލައިޝާ ލައްވައި ކިޔުއްވީ އޮޅުވާލައިގެންނެވެ. އެހެންވެ މިކަމާ ދޭތެރޭ ޕީއެސްއެމުން ސީރިއަސްކޮށް ވިސްނަން ޖެހޭނެ އެވެ.

އިއްބެގެ އާ ރާގަކަށް އިންތިޒާރު ކުރާ މީހުންނަށް މިއަދަކީ ހާއްސަ ދުވަހަކަށް ވާނެ އެވެ. އޭނާ މިއުޒިކް ތައްޔާރުކޮށް، ކިޔާފައިވާ ލަވަ "ލޯބިކަން" ރިލީޒް ކުރާނެ އެވެ.