އެ ސިއްރު
އެ ސިއްރު

ލޯބިވާ ބައިވެރިޔާ ތިމާއާ މުޅި އުމުރަށް ވަކިވެ ދިޔުމަކީ އުފާވެރި ދިރިއުޅުމެއްގެ ނިމުމެވެ. އެ ހިސާބުން ހުދު ތިމާ ވެސް ދިރިހުންނަން ބޭނުން ނުވާ ފަހަރު އާދެއެވެ. އުއްމީދުތައް ގެއްލި، ހުވަފެންތައް ފުނޑުފުނޑު ވީ ކަމުގައި ބެލެވެއެވެ. ހިތްވަރު ދޫވެ، މުޅި ދުނިޔެ އަނދިރިވެއެވެ. ދާނެ މިސްރާބެއް، މަންޒިލެއް ނެތި، ދުނިޔެއަށް ގިނަވެއެވެ. އަދި ދުނިޔެއަކީ ކެހިވެރި ތަނެއްގެ ގޮތުގައި ނިންމެއެވެ.

ރަހުމާގެ ހަޔާތަށް ވެސް އައީ މިފަދަ ހިތްދަތި ދުވަސްތަކެކެވެ. ފަނަރަ އަހަރު އެކުގައި އުޅުނު ލޯބިވާ ފިރިމީހާ ދުނިޔެ ދޫކުރީއެވެ. އޭރު އެ މީހުންގެ ތިން ދަރިން ތިއްބެވެ. ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ދަނޑުވެރި ކަމެވެ. އެ ރަށަކީ ކަރާ ހެއްދުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮންނަ އެއް ރަށެވެ. މޫސަގެ ތިން ވަރަކަށް ކަރާ ދަނޑު އޮވެއެވެ. އޭނާ ނިޔާވި ފަހުން ރަހުމާއަށް އެ މަސައްކަތް ރަނގަޅަކަށް ނުކުރެވެއެވެ. އެހެންވެ، އާއިލާގެ މީހަކަށް އޭނާ ދެ ދަނޑު ހިބައިން ދިނީއެވެ. މިހާރު އޭނާ ބަލަހައްޓަނީ އެންމެ ދަނޑެކެވެ.

އާދައިގެ މަތިން މިއަދު ވެސް ރަހުމާ ދަނޑަށް ދިޔައީ ހަގަށް ތިބި ދެ ދަރީން ގޮވައިގެންނެވެ. އެއީ ތިން އަހަރުގެ ނަބާ އާއި އަށް އަހަރުގެ އިފާއެވެ. ރަހުމާގެ ދޮށީ އަންހެން ދަރިފުޅު، 11 އަހަރުގެ އީމާއަކީ އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅޭ ކުއްޖެއް ނޫނެވެ. އެހެންވެ، ގަދަކަމުން އޭނާ ދަނޑަށް ގެންނާކަށް ރަހުމާ ބޭނުމެއް ނުވެއެވެ.

ގަސްތަކަށް ފެން ދިނުމުގައި އަވަދި ނެތި އޭނާ އުޅުނެވެ. އޭރު އިފާއާއި ނަބާ ތިބީ ދަނޑު ތެރޭ ކުޅޭށެވެ. މަސައްކަތުގައި އުޅެމުން ވެސް އޭނާ އެ ކުދީންނަށް ކަޅި އެއްލައެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި އީސައެވެ. އީސައަކީ ރަހުމާގެ ފިރިމީހާ މޫސަގެ ކޮއްކޮއެވެ. އީސަ ހުރީ ސީދާ ރަހުމާއަށް ބަލަހައްޓައިގެންނެވެ. ހިނިތުންވެލުމަށްފަހު ރަހުމާ އެހެން ދިމާލަކަށް އެނބުރިލީ މޫސަގެ ތަސްވީރު ހިތަށް ސިފަ ވުމުން ކުޑަކޮށް އުނދަގޫ ވެގެންނެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް އޭނާ އެ ދިމާލަށް ބަލައިލިއެވެ. ނަމަވެސް އީސަ ފެންނާކަށް ނެތެވެ. އެ ހިސާބުން އޭނާގެ ހިތަށް ތަސައްލީއެއް ލިބުނެވެ.

އިރު އޮއްސެން ކައިރި ވުމުން ދަނޑަށް ގެންދިޔަ ސާމާނު ހަމަކޮށް، ދެ ކުދިންނާ އެކު، ގެއަށް ދާން އޭނާ މިސްރާބު ޖެހިއެވެ. އިބާ އިނީ ބަރޯ ތެރޭގައެވެ. މީހުން އުޅޭ ސަރަހައްދާ ހިސާބަށް އޭނާއަށް އާދެވުނު އިރު މަޣްރިބް ނަމާދު ބަންގި ގޮވަން ފަށައިފިއެވެ. ބާރު ހިނގުމުގައި ރަހުމާ ގޮސް ބޭރުގައި ބަރޯ ބެހެއްޓިއެވެ. އަދި ނަބާ ގޮވައިގެން އަވަހަށް ގެއަށް ވަންނަން އިފާ ގާތު އޭނާ އެދުނެވެ. އީމާ ކޮޓަރީގައި އުޅޭނެކަން އޭނާއަށް އެނގެއެވެ. ދެ ކުދިން ގެއަށް ވަނުމުން ރަހުމާ އުޅުނީ ބޭރުގައި ހުރި ސާމާނު ރައްކާ ކުރާށެވެ.

އަނދިރި ވުމުގެ ކުރިން ރަހުމާ ގޮސް ގެއަށް ވަނެވެ. އޭރު އިފާއާއި ނަބާ ތިބީ ފޮތެއް ބަލާށެވެ. ދެ ކުދިން ރީތިކޮށް ތިއްބާ، އަވަހަށް ފެންވަރާލާނަމޭ ހިތައި އޭނާ ކޮޓަރިއާ ދިމާލަށް ދިޔައެވެ. ރަހުމާ ގޮސް ކޮޓަރި ދޮރު ހުޅުވައިލީ އީމާގެ ނަމުން ގޮވައިލަމުންނެވެ. އެ ވަގުތު އޭނާއަށް ފެނުނީ ހައިރާން ކުރަނިވި ބިރުވެރި މަންޒަރެކެވެ. ގަބޫލު ކުރަން އުނދަގޫ، ހިތްދަތި މަންޒަރެކެވެ. މުޅި ހަށިގަނޑު ހުއްޓުން އެރިއެވެ. ރޮއިގަންނަމުން އޭނާއަށް އީމާއާ ދިމާލަށް ދުއްވައި ގަނެވުނެވުނެވެ.

އީމާ ހުރީ ދަންޖެހިފައެވެ. އީމާގެ ދެ ފައިގައި ހިފަހައްޓައިގެން ހުރެ ރަހުމާއަށް އަޑުން އަޑު ނަގައި ރޮއި ގަނެވުނެވެ. އެއާއެކު ބޭރުގައި ތިބި ދެ ކުދިން ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ. އެ މަންޒަރު ފެނުމާއެކު އިފާ ވެސް ބިރުން ރޯން ފެށިއެވެ. ޖެހިގެން ހުރި ގޭ ގޭގެ މީހުން ވެސް އެ ގެއަށް ޖަމާވީ އެ މީހުންގެ ރުއިމުގެ އަޑަށެވެ.

ފިރިމީހާ ނިޔާވުމުގެ ހިތްދަތިކަން އަދިވެސް ރަހުމާގެ ހިތުން ފިލައިން ނުދެއެވެ. އެފަދަ ހިތްދަތި މަރަކުން އީމާ މަރުވެ ދިޔުން ވެގެން ދިޔައީ ރަހުމާއަށް ލިބުނު މާ ބޮޑު ހިތާމަ އަކަށެވެ. ފުނިފޫންޏަށް އޭނާގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. ދުނިޔެ މަތިން އީމާ ފޫހިވާން ވީ ކޮންކަމަކާ ހެއްޔެވެ؟ ބައްޕަ ނިޔާވުމާ ގުޅިގެން އިތުރު ބަދަލެއް އީމާއަށް އައި ކަމަކަށް މީގެ ކުރިން ވެސް ރަހުމާއަށް ފާހަގަ ކުރެވިފައެއް ނެތެވެ. އީމާއަކީ ބޭރަށް ނިކުމެ ނޫޅުނަސް ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އީމާ ދަންޖެހެން ޖެހުނު ސަބަބެއް ވިސްނާވިސްނާ ވެސް ރަހުމާއަކަށް ނޭނގުނެވެ.

އެގާރަ އަހަރުގެ ކުޑަ ކުއްޖަކަށް ދަންޖެހިގެން މަރުވާން ނޭނގޭނެ ކަމަށް އެއް ބަޔަކު ބުނެއެވެ. އަނެއް ބަޔަކު ބުނަނީ ގޭގައި އިނދެއިނދެ އޭނާ ބޯ ގޮވައިގެން އެ ފަދަ ކަމެއް ކޮށްފާނެ ކަމަށެވެ. އީމާއަކީ ބަންކުބެޑުގެ މައްޗަށް އަރައި، ފަންކަލުގައި ބެޑްޝީޓެއް އޮޅާލެވޭ ވަރުގެ ބޮޑު ކުއްޖެކެވެ. ބޭނުން ނަމަ އޭނާއަށް އެކަން ވެދާނެ ކަމަށް ގިނަ ބަޔަކު ކިޔައެވެ.

ތަހުގީގު ކުރި އިރު، މައްސަލަ ނިމުނީ އެއީ އީމާ އަމިއްލައަށް ކުރި ކަމެއްގެ ގޮތުގައެވެ. ސްކޫލް ދަރިވަރުންނާ ސުވާލުކޮށް ބެލި ބެލުމުން އެނގުނީ އީމާގެ މާ ގާތް ރައްޓެއްސަކު ވެސް ނުހުންނަ ކަމެވެ. ކުއްޖަކާ ދެ ބަސް ވެފައެއް ނެތެވެ. އީމާ ދަންޖެހުނު ދުވަހު އެ އެގެއަށް އިތުރު މީހަކު ވަދެފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ވެސް ނެތެވެ. އެއްވެސް ހެއްކެއް ނެތެވެ. ހުރިހާ ގޮތަކުން ވެސް ހާމަ ވަނީ އެއީ އީމާ ބޭނުންވެގެން ކުރި ކަމަކަށެވެ. ރަހުމާގެ ހިތް އެކަން ގަބޫލު ނުކުރި ކަމުގައި ވިޔަސް ސިކުނޑި ބުނެދިނީ ފުލުހުންގެ ބަސް ރަނގަޅު ކަމަށެވެ. އަދި އެކަން ގަބޫލު ކުރުމަށެވެ.

ހަތަރު އަހަރު ފާއިތު ވީ އިރު ވެސް، އީމާގެ ކުއްލި ވަކިވުމުގެ އަސަރު ރަހުމާގެ ހިތުން ފިލައިގެން ނުދެއެވެ. އެ ހިތާމަތައް ތާޒާ ކަމާއެކު މިހާރު ވެސް އޭނާގެ ހިތުގައި ދައުރު ވަމުން ދެއެވެ. އެކަމަކު ހިތްވަރާއެކު ރަހުމާ ދިޔައީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. ދަނޑުވެރިކަން ކުރުން އޭނާ ހުއްޓައެއް ނުލައެވެ. ދެން ތިބި ދެ ދަރިންގެ މުސްތަގުބަލާމެދު އޭނާ ނުހަނު ވިސްނައެވެ.

މިހާރު އިފާގެ އުމުރުން 12 އަހަރެވެ. މަންމައާއެކު ދަނޑަށް ދާން އިފާ އިންކާރު ކުރެއެވެ. އެހެންވެ، ރަހުމާއާއެކު މިހާރު ދަނޑަށް ދަނީ ނަބާ އެކަންޏެވެ.
އާދައިގެ މަތިން މިއަދު ވެސް ރަހުމާ ދަނޑުން އައީ އިރު އޮއްސެނިކޮށެވެ. ހިފައިގެން އައި ބަރޯ، ގޭގެ ބިއްދޮށުގައި ލައްކޮށްލަން އުޅެނިކޮށް، ގޭގެ ކުޑަ ދޮރުން އޭނާގެ ކުރިމައްޗަށް ފުންމައިލީ ފިރިމީހާގެ ކޮއްކޮ އީސައެވެ. އީސައަކީ ސާޅީހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. ރަހުމާ ފެނުމާއެކު އީސައަށް ތެޅިގަނެވުނެވެ. އޭރު ކޮޓަރީގައި އޮތް އިފާ ބާރު ބާރަށް މަންމާއޭ ކިޔާ ހަޅޭއްލަވައި އަޑު އިވެއެވެ. ދުވެފައި ދިޔަ އީސައަށް ބެލުމެއް ނެތި ރަހުމާ ދުވެފައި ވަނީ ގެއަށެވެ.

އެނދުމަތީގައި އޮތް އިފާ ފެނި، ރަހުމާ ގޮސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. އޭރު ވެސް ރޮއިރޮއި އިން އިފާ ކުޑަ ދޮރާ ދިމާއަށް އަތް ދިއްކުރަމުން ދިޔައެވެ. އެ މައުސޫމު މޫނުގައިވަނީ ބިރުގަނެފައިވާ ކަމުގެ އަސަރުތަކެވެ. އިފާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން އީސަ ކީއްކުރީތޯ ރަހުމާ ސުވާލު ކުރިއެވެ. އޭރު ރަހުމާގެ ހިތް ވެސް ވިރެމުން ދެއެވެ. ހަރުވާޅުގައި އަތް ޖައްސާލަމުން ބޭބެ ބެހުނީ ކަމުގައި އިފާ ބުންޏެވެ. އެ ވަގުތު ރަހުމާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އައި ރުޅިން ފުންމައިގެން ތެދުވެ އޭނާ ނިކުތީ ބޭރަށެވެ. ހިތުގައި އޮތީ ހުރި ތާކުން އީސަ ހޯދައިގެން އޭނާ މަރާލުމަށެވެ. ބަރޯ ކައިރީގައި އޮތް ކަތިވަޅި ނެގުމާއެކު އޭނާއަށް ފެނުނީ، ބޭރުން ދިޔަ ފުލުހުންގެ ސައިކަލެވެ. އެހެންވެ، އޭނާގެ ހިޔާލަށް އައީ ޕޮލިސް ސްޓޭޝަނަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

އީސަގެ މައްސަލަ ތަހުގީގު ކުރަން ފެށިއްޖެއެވެ. އީސަ، އިފާއާ ބެހުނު ކަމަށް ސާބިތު ވުމުން އޭނާ އެކަމަށް އިއުތިރާފްވިއެވެ. އެހެންވެ، މައްސަލަ ބަލަން ޝަރީއަތަށް ހުށަހެޅުމާ ހަމައިން ރަހުމާގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ.

އެ ދުވަހުއްސުރެ ރަހުމާއަށް ހަމަ ނިދި ނުލިބެއެވެ. ބައެއް ފަހަރު އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. ހުރިހާ ކަމެއް ވެސް ހިނގަނީ އޭނާގެ އިހުމާލުން ކަމުގައި ދެކެވުނެވެ. ދަރިން ގޭގައި ބައިތިއްބާފައި ބޭރަށް ދާން ބިރު ގަންނަން ފެށިއެވެ. ފުރަތަމަ ދަރިފުޅު ދަންޖެހުނީ ވެސް އޭނާ ދަނޑުގައި ހުއްޓައޭ ހިތަށް އެރިއެވެ. ދެ ވަނަ ދަރިފުޅަށް މިހާ ބޮޑު އަނިޔާއެއް މި ލިބުނީ ވެސް އޭނާ ދަނޑަށް ދިޔަ ވަގުތެވެ. އެ ވަގުތު ދަނޑުވެރިކަން ކުރުން ހުއްޓާލަން ބޭނުން ވިއެވެ.

ދެ ލޯ މަރައިގެން އެފަދަ ވިސްނުން ތަކެއްގައި އޮއްވައި ކުއްލިއަކަށް އޭނާއަށް ލޯ ހުޅުވައިލެވުނީ ދުރު ހަނދާނެއް ވެގެންނެވެ. އިތުރަށް ވިސްނާލަން އޮވެ، ފުންމައިގެން ތެދުވި އިރު މުޅި މީހާ ހުރީ ދާ ހިއްލާފައެވެ. އީމާ މަރުވި ދުވަހު ދަނޑުން އީސަ ފެނުނު ހަނދާންވުމުން އޭނާއަށް މަޑަކުން ނޯވެވުނެވެ. އެ ދުވަހު އީސަ އޭނާއަށް ބަލަން ހުރި ގޮތް މިހާރު ރަހުމާއަށް ސިފަވީ މުޅިން ތަފާތު ގޮތަކަށެވެ. މިހާރު އެ ދެ ލޯ އޭނާއަށް ފެންނަނީ މަކަރުވެރި ހިޔަޅެއްގެ ލޯ ފަދައިންނެވެ. ގައިމަތީގައި އޮތް ބެޑްޝީޓް ނަގައި ހޫރައިލެވުނީ ރުޅިވެރި ކަމާއެކުއެވެ. އެންމެ ސިކުންތަކު ވެސް އިތުރަށް މަޑު ނުކޮށް އޭނާ ދިޔަ ގޮތަށް ދިޔައީ ފުލުސް އިދާރާއަށެވެ.

"އަޅުގަނޑުގެ ދަރިފުޅު މަރުވީ އަމިއްލަ އަކަށް ނޫން. އެ ޖަނަވާރު އީސަ މަގޭ ދަރިފުޅު ދަންޖެއްސީ،" ހަޅޭއްލަވައި ގަންނަމުން ރަހުމާ ބުންޏެވެ.

އޭރު އީސަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ރަހުމާ މައްސަލަ ޖެއްސުމުން އީމާގެ މައްސަލަ އަލުން ތަހުގީގު ކުރެވެން ފެށުނެވެ. މި ފަހަރު އީސަ އެއްބަސް ވެއްޖެއެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތް އޭނާ ޝަރީއަތުގައި ކިޔައިދިނެވެ.

ރަހުމާ ދަނޑަށް ދިޔަ ވަގުތު ބަލައިފައި އީސަ އެ ގެއަށް ދިޔައީ އީމާ ގޭގައި އިންނާނެކަން ޔަގީން ވާތީއެވެ. އީމާއާ ބެހެން އުޅުމުން އޭނާ އެ ކަމަށް އިންކާރުކުރީއެވެ. އެހެންވެ، ގަދަކަމުން ވެސް އީސަ ބޭނުންވީ އީމާގެ އިއްފަތްތެރިކަން ނަގާލާށެވެ. މަންމަ ގާތު ބުނާނަމޭ ބުނެ، އީމާ ބާރަށް ހަޅޭއްލަވަން ފެށީއެވެ. އީމާ އެ ގޮތަށް ކަންތައް ކުރުމުން އީސަގެ ރުޅިގަނޑު އިންތިހާއަށް ފަޅައިގެން ދިޔައީއެވެ. އީމާގެ އަޑު ބޭރަށް ފޯރުމުގެ ކުރިން، އީސަ، އީމާގެ އަނގަ މަތީގައި އަތް އެޅުމަށްފަހު ނޭވާ ހާސްކޮށްލުވީއެވެ.

ތެޅިތެޅި އޮތް އީމާ މަރުވުމުން، އެކަން ސިއްރު ކުރަން އީސައަށް މަޖުބޫރު ވީއެވެ. ފަންކަލުގައި އީމާ ދަންޖެއްސުވީ ވެސް އީސައެވެ. އަދި އެކަން އޮޅުވައިލަން އޭނާ އެނބުރި ދަނޑަށް ދިޔައީ ރަހުމާގެ ލޮލުގައި އަނދުން އަޅުވައި، ރަހުމާއަށް އޭނާ ފެނިލާށެވެ.

ހުރިހާ ކަމެއް ހާމަވެ، ޝަރީއަތުން އީސައަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އީސަ ގޮވައިގެން ފުލުހުން މާލެ ދިޔުމަށްޓަކައި ފުރަން ނިކުންނާނެ ވަގުތަކަށް ރަހުމާ ހުރީ ބަލަބަލައެވެ. މީހަކު އޭނާއާ ބެހޭ ގޮތުން ބުނެފާނެ އެއްޗަކަށް ބެލުމެއް ނެތި ރަހުމާ ގޮސް އީސަގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ރުޅި ގަދަވެގެން އޭނާ ހުރީ ފެންކަޅި ވެފައެވެ.

"ޖަނަވާރު. ތިއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް ހަމަ ޖަނަވާރެއް،" މާނޭވާ ލަމުން ރަހުމާ ބުންޏެވެ.

ދެ އަތުގައި ބިޑި އަޅުވައިފައި ހުރި އީސަ އޭރު ވެސް ހުރީ އިސްޖަހައިގެންނެވެ. ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަން ބޭނުން ނުވާތީ ރަހުމާ އީސަގެ ކުރިމަތިން ދުރަށް ޖެހިލިއެވެ. އަދި އިތުރަށް އީސައަށް ބަލަން ބޭނުން ނުވާތީ، ވަގުތުން އޭނާ ފުރަގަސް ދިނެވެ. ބަނދަރަށް އެއްވެފައި ތިބި މީހުންނަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ އޭނާ ގެ އާ ދިމާލަށް ހިނގައިގަތީ އިންސާފު ލިބިއްޖެ ކަމުގެ ހިތްހަމަ ޖެހުމާއެކުއެވެ.

ނިމުނީ