22 މާޗް 2024 - 14:19

ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަލުން ފަށައި އަދި އިގުތިސާދީ ހާލަތު އެއް މަހުން އަނެއް މަހަށް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވުމުން އެ މަޝްރޫއުތައް ހުއްޓުނު ކަމަށެވެ. އެ މަޝްރޫއުތައް ހުއްޓުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެކި ކުންފުނިތަކަށް ފައިސާ ނުދީ ހުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަށެއްގައި ނަރުދަމާގެ މަސައްކަތެއް އޮވެދާނެ ހުއްޓިފައި. އަޅުގަނޑުމެން ހުއްޓާލީކީއެއް ނޫނޭ. އެކަމަކު އެ ފައިސާ އެ ކުންފުންޏަށް ނުދޭތީ އެ މީހުންނަށް މަސައްކަތް ނުކުރެވިގެން ހުއްޓިފައި. ދެން އަޅުގަނޑުމެން މި ކުރާ ކަމަކީ އެހެން ދައްކަން ހުރި ބިލްތައް ދައްކައި އެ މީހުން އަލުން މަސައްކަތަށް ގެންނަނީ. މޮބިލައިޒް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
"އެގޮތަށް މިހާރު ވަރަށް ގިނަ ރަށްތަކުގެ މަސައްކަތް ފެށިއްޖެ."
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފައިސާ ޗާޕްކުރުން ހުއްޓާލައި ހުރިހާ ބިލްތަކާއި ބޭރުގެ ދަރަނި ދައްކަންޖެހޭ މުއްދަތަށް ދައްކަމުން ދިއުމަކީ އިގުތިސާދީ ބޮޑު ގޮންޖެހުމެކެވެ. އެކަމަކު، ފައިސާ ޗާޕްކުރުން ހުއްޓާލީ ވެސް އޭގެ ސަބަބުން އިގުތިސާދު އިތުރަށް ދަށަށް ދާނެތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ހުރިހާ ގޮންޖެހުންތަކާ އެކު، މި ވަގުތު ހުރިހާ ކަމެއް އެންމެ ބާރު ސްޕީޑުގައި ކުރިއަށް ނުގެންދެވިދާނެ ކަމަށެވެ.
"އެކަމަކު، ދެން ފެންނާނީ ބާރު ވަމުން ދާ ތަނޭ. ފުރަތަމަ މަހަށް ވުރެ ދެ ވަނަ މަސް ރަނގަޅު. ދެ ވަނަ މަހަށް ވުރެ ތިން ވަނަ މަހު ރަނގަޅުވި. ދެން މާޗު މަހު، އޭޕްރީލް މަހު ދާނީ ރަނގަޅުވަމުންނޭ. މެދުތެރެއަށް ދާއިރު އިރާދަކުރެއްވިއްޔާ ބާރު ސްޕީޑުގައި ހުރިހާ މަސައްކަތެއް ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި އިންޓަވިއުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި އިގުތިސާދީ ވާހަކަތަކުގައި އަޅާކިޔަން ވާނީ ނޮވެމްބަރު 2018 އާ ހިސާބަށް ވެރިކަން ކުރެއްވި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވި އިރު އޮތް ހާލަތާއި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވިއިރު ގައުމު އޮތް ހާލަތަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޔާމީންގެ ވެރިކަމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގުތިސާދު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެހެންވެ، އާ ވެރިކަމާ އެކު އޭރު ވަރަށް ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު، މި ފަހަރު އަޅުގަނޑުމެންނާ ހަވާލުވިއިރު، މި އޮތީ އެއްކޮށް އިގުތިސާދު ހަލާކު ކޮށްލާފައި. އެތައް އެތައް ބިލިއަން ރުފިޔާއެއްގެ އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނި އޮތް. އެހެންވީމާ މުޅިން ތަފާތު ހާލަތެއް މިއީ،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބަލަނީ އެ ހާލަތުން އަރައިގަންނަން ކަމަށާއި އެކަމަކު ކުރިމަތީގައި އޮތް އަޅާ ނުކިޔޭނެ ދެ ހާލަތު ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ވެސް ފަސޭހަވީހޭ ފައިސާ ޗާޕްކޮށްލައިގެން އެ ބާރު ސްޕީޑުގައި ގެންދަން. އެހެން ނަހަދައި މިކަން މި ކުރަނީ ގައުމުގެ އިގުތިސާދު ވަރުގަދަ ކޮށްގެން ނޫން ގޮތަކަށް އިތުރު އިންވެސްޓަރުން ވެސް ނާންނާނެ. އިންވެސްޓާ ކޮންފިޑެންސެއް ނެތް މި ގައުމާ ހަވާލުވިއިރަކު،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު އިތުރު އިންވެސްޓަރުން ޓޫރިޒަމް ދާއިރާ އާއި އެހެން ދާއިރާތަކަށް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ އެސްއީޒެޑް މަޝްރޫއެވެ. އެ ކަމަށް ވެސް ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއިން ފެންނާނީ އެންމެ ނަތީޖާއެއް. އެއީ ރައްޔިތުން މުއްސަނދިވާ ތަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ފައިސާ ޗާޕްކުރުން ހުއްޓާލައި އިގުތިސާދު މެނޭޖު ކުރުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށާއި އެކަމަކު މި ސަރުކާރަށް ކުރިމަތިވި ހާލަތު އޮންނަ ގައުމަކުން ވެސް އެ ކަން އާންމުކޮށް ނުކުރާނެ ކަން އައިއެމްއެފާއި ވޯލްޑް ބޭންކުން ވެސް ފާހަގަކުރި ކަމަށެވެ.
އެހެންވެ، ފައިސާ ޗާޕްކުރުން ހުއްޓާލީ އޭގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތައް އެނގިވަޑައިގެން ހުންނަވައި، އެކަމަކު ރާއްޖޭގެ ކުރިމަގަށް ރަނގަޅު ވާނެ ކަމުގެ ޔަގީން އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު، އެ ހުރިހާ ކަމެއްގެ ތެރެއިން ރަނގަޅު ކަންކަން ވަމުން މިދަނީ އިރާދަކުރެއްވިއްޔާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ރޯދަމަހު ވެސް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށްވެ، އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ކަމީ ރަނގަޅު ފާލެކެވެ. މިއީ ޑޮލަރުގެ ޑިމާންޑު ވެސް އެންމެ ބޮޑު އެއް ދުވަސްވަރު ކަމަށް ވިޔަސް ޑޮލަރުގެ ރޭޓް ވެސް އަންނަނީ ދަށްވަމުން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ބިލްތައް ވެސް ދައްކަމުން ހުރިހާ އިންޓަނޭޝަނަލް، އޯވަސީސް ޑެޓް ވެސް އޮންޓައިމް ޕޭ ކުރަމުން މިދަނީ. އެންމެ ފަހުން އިއްޔެ، 19 ވަނަ ދުވަހަށް [މިދިޔަ އަންގާރަ ދުވަސް] ދައްކަން އޮތް ޑެޓް ވެސް ދެއްކީ. އެހެންވީމާ ފައިސާ ޗާޕްނުކޮށް، ޑޮލަރުގެ އަގު ތިރި ކުރަމުން އަގުތައް ހިފަހައްޓައި އަދި ދަށް ކުރެވެން ހުރި ދިމާތަކުން ދައްކުރަމުން އިގްތިސާދަށް އިތުރު ދިރުން ގެނައުމުގެ މަސައްކަތް ކުރުމަކީ އަސްލުގައި ދަންނަވަންޏާ ވަރަށް ބޮޑު މަސައްކަތްތަކެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިގުތިސާދީ ހާލަތަށް ބަލައި ކަންކަން ކުރިއަށް ގެންދަނީ އިސްކަންދޭ ތަރުތީބަކުން ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައީސް ވިދާޅުވި ގޮތުގައި ދަރަނި ދައްކައި، ތަކެތީގެ އަގު ހިފެހެއްޓުމެވެ. އެއާ އެކު، ހިނގަމުން އަންނަ މަޝްރޫއުތައް ހިންގުމެވެ.