ޑޮލަރަށް ހާއްސަ އާ އޭޓީއެމްތަކެއް ބީއެމްއެލް އިން ބަހައްޓައިފި
ޑޮލަރަށް ހާއްސަ އާ އޭޓީއެމްތަކެއް ބީއެމްއެލް އިން ބަހައްޓައިފި

ޑޮލަރަށް ހާއްސަ ތިން އޭޓީއެމް ހިމެނޭ ސެންޓަރެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވައިފި އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި މި އޭޓީއެމް ސެންޓަރު ހުޅުވައި ދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. މިއީ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން ހުޅުވި ތަނެއްކަމަށް ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ސެންޓަރުގައި ތިން އޭޓީއެމް ހުންނާނެ ކަމަށެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ގިނަ ހިދުމަތްތަކެއް ހޯދޭ އެ އޭޓީއެމް އިން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޑޮލަރު ނެގުމާއި ޖަމާކުރުން އަދި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ވެސް ކުރެވޭނެ ކަމަށް ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށެެވެ.

ޝަރީފް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 645،000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި އޭޓީއެމްތައް ބޭނުންކޮށްގެން 220 މިލިއަނަށްވުރެ ގިނަ ޑޮލަރު ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދަނީ. މި ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ޑޮލަރުގެ މުއާމަލާތް ކުރުމަށް ބްރާންޗުތަކަށް ދިއުމުގެ ބަދަލުގައި އޭޓީއެމްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ޑޮލަރު އޭޓީއެމް ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. ޑޮލަރު އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން ފަށާފައިވަނީ 2014 ވަނަ އަހަރެވެ.

ބީއެމްއެލް އިން މިހާރު ވެސް 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް އާއި ޕީއޯއެސް ބޭނުން ކުރެވޭ 4000 ތަނަކާއި 200 ކޭޝް އޭޖެންޓުން އަދި 20 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. އަދި ބްރާންްޗް ނުހުންނަ ރަށްރަށަށް ގޮސް ބޭންކިންގެ ހިދުމަތް ދިނުމަށް ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން، އޮންލައިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ވެސް ދެމުން ގެންދެ އެވެ.

އެ ހިދުމަތްތައް ފުޅާކުރުމަށް ބީއެމްއެލް އިން އަންނަނީ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އާ ބްރާންޗުތަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.