21 މާޗް 2024 - 08:20

ބަދިގެ ފާރުގައި ހަރުކޮށްފައި ހުރި ޓީވީން ދައްކަނީ އިސްލާމީ މަރުކަޒުގައި ކުރަމުންދާ ހުކުރު ހުތުބާއެވެ. މަސައްކަތުގައި އަވަދި ނެތި އުޅެމުން ވެސް ހުތުބާގެ އަޑަށް ސަމާލުކަން ދިނީމެވެ. އިރުއިރުކޮޅުން ޓީވީއަށް ވެސް ބަލައިލެވެއެވެ. އޭރު އުނދުންމަތީގައި ކެކިކެކި ހުރި ނޫޑްލްސް ތެލިން އަރާ މީރު ވަހުން ބަދިގެތެރެ އޮތީ އެއްވަސް ކުރުވައިފައެވެ.
"މަންމީ، ކޮއްކޮ ބޭނުން ކޭކު ކާން،" އަހަރެންގެ ދަރިފުޅު ތާރާ ބުންޏެވެ.
ތާރާގެ މޫނު މަތީގައިވަނީ އާދޭހުގެ އަސަރުތަކެވެ. އެހެންވެ ކޮންމެހެން ވެސް ދަރިފުޅަށް އެ ކޭކު ދޭން އަހަރެން ބޭނުންވިއެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދެ ލޮލުގެ ނޫރެވެ. ހިތުގެ ފިނި ކަމެވެ. އެ ދަރިފުޅު ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން އަހަރެން ފަހެއް ނުޖެހެމެވެ. ހަމަ އެކަނި ކޭކުކޮޅެއް ނޫނެވެ. އަހަރެންގެ ފުރާނަ ވެސް އެ ދަރިފުޅަށް ދީފާނަމެވެ.
ތާރާ އެ ބުނަނީ ނިޔާޒްއަށް އޮފީހުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އަހަރެން އެޅި ކޭކެއްގެ ވާހަކައެވެ. ހިތް އެދެނީ ނިޔާޒްގެ އަތުން އެ ކޭކު ފަޅާށެވެ. އެކަމަކު އޭގެ ކުރިން ތާރާ އެ ކޭކު ފަޅަން ބޭނުންވީއެވެ. އަހަންނަށް އިސްކަން ދެވުނީ ތާރާއަށެވެ.
"ބައްޕިއަށް އެޅި ކޭކެއް ފަޅާނީ ބައްޕިއެއް ނޫންތަ؟ މަގޭ ދަރިފުޅާ،" ލޯތްބާއެކު އަހަރެން ބުނީމެވެ.
ތާރާއަށް ވިސްނެނީ ކޮން ގޮތަކަށްތޯ ބަލައިލަން ބޭނުންވިއެވެ. އޭނާ ދިން ޖަވާބުން، އެ ކުޑަކުޑަ ސިކުނޑިއަށް އަދި އެއްޗެއް ނުވިސްނޭކަން އަހަންނަށް ޔަގީން ކުރެވުނެވެ.
"ކޮއްކޮ ފެޅީމަ ބައްޕި ކާނީ،" ތާރާ ބުންޏެވެ.
އައިސްއަލަމާރީގައި އޮތް ކޭކު ނެގީމެވެ. އެވަގުތު ތާރާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.
"މަންމި އަދި މިހުރީ ބައްޕިއަށް ސަޕްރައިޒެއް ދޭން ކަމަށް،" ތާރާގެ އަތަށް ވަޅި ލައިދެމުން އަހަރެން ބުނީމެވެ.
ތާރާ ކޭކު ފެޅީ އަހަރެންގެ އެހީގައެވެ. އޭރު އެ ދަރިފުޅު އުފަލުން ފޮޅެމުން ދެއެވެ.
"އަނހާ. ދެ ކުދިން ވެގެން ހާދަ ބޮޑެތި ޖަރީމާތަކެއް މި ހިންގަނީ،" ނިޔާޒްގެ އަޑު އިވުނެވެ.
ސިހިފައި އަހަންނަށް ބަލައިލެވުނީ ދޮރާ ދިމާލަށެވެ. އޭރު ނިޔާޒް ހުރީ ދޮރުކަނީގައި ދެ އަތް ވިދެލައިގެން ހެވިފައެވެ. އަހަރެން އަތުން އިޝާރާތް ކޮށްލަމުން އޭނާއަށް ތާރާ ދައްކާލީމެވެ. އެއީ ތާރާ އެހާ ބޮޑަށް ހެވިފައި އިނުމުންނެވެ.
"ކޮއްކޯ؟ މިއީ ކޮން ކޭކެއްތަ؟" ނިޔާޒް ބުންޏެވެ.
ބޫޓު ބޭލުމަށްފަހު ނިޔާޒް އެތެރެއަށް ވަނެވެ. އޭރު ވެސް ތާރާ އިނީ ކޭކު ކާށެވެ.
"މިއީ ބައްޕިގެ ކޭކެއް. ކޮއްކޮ ކާހިތުން ފަޅާލީ." ހިނިތުންވެލަމުން ތާރާ ބުންނެވެ.
ދެބަފައިންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އަހަރެންގެ ހިތް ވެސް އުފަލުން ފުރުނެވެ. މަޑުމަޑުން ގޮސް އުނދުން ކައިރީ ހުއްޓި، ނޫޑްލްސް ތެލި ހާކާލީމެވެ.
"ނިޔާ، މޫދަށް އެރޭ ގޮތަށް ދޯ ދާނީ. އެހާ އަތްވެއް ނުދެއެއްނު." އަހަރެން ބުނީމެވެ.
ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން ބޭރު ވެސް އެ ވަގުތު ބަލައިލެވުނެވެ.
މޫސުން ރީތި، ހިތްގައިމު ދުވަހެކެވެ. އަބަދުވެސް ކޮންމެ ހުކުރު ދުވަހަކު ތާރާ ގޮވައިގެން އަހަރެމެން މޫދަށް ދަމެވެ. ހުކުރު ދުވަހަށް ތާރާ އެހާ އިންތިޒާރު ވެސް ކުރަނީ އެ ސަބަބަށްޓަކައެވެ.
ދެ ފަސް ބެދޭ ހިސާބުގައި ކުޅެން އިން ތާރާއަށް ބަލަހައްޓައިގެން އަހަރެމެން ތިބީ އެއްގަމުގައެވެ. ފޫހި ކަމެއް ނެތި ތާރާގެ ކޮންމެ ހަރަކާތަކަށް ވެސް އަހަރެމެންނަށް ބެލެނީ ޝައުގުވެރިކަމާ އެކުއެވެ. އޭނާގެ ކޮންމެ ހިނިތުންވުމަކުން އަހަރެމެންގެ މޫނަށް އުފާވެރިކަން ގެނުވައެވެ. ކޮންމެ ބަލައިލުމަކުން ހިތް ފުރި ދެއެވެ. ތާރާއަކީ އަހަރެމެންގެ މުސްތަގްބަލެވެ. ތާރާއަށް ފަހު އިތުރު ކުއްޖަކު އަހަންނަށް ނުލިބޭނެކަމަށް ޑޮކްޓަރު އޮތީ ބުނެފައެވެ. އެ ދުވަހުން ފެށިގެން އަހަރެމެންގެ މުޅި ދުނިޔެއަކީ ވެސް ހަމަ ތާރާއެވެ.
އަންނަ އަހަރު ތާރާއަށް ހަތް އަހަރު ފުރޭނެއެވެ. އެއީ އަހަރެމެންނަށް ވަރަށް މުހިއްމު އަހަރެކެވެ. ރަށުގައި އެދެވޭ ރަނގަޅު ތައުލީމެއް ލިބެން ނެތުމުން މާލެ އަށް ބަދަލު ވާން ދެ މީހުން އޮންނާނީ ރާވައިފައެވެ. ނިޔާޒްއަށް ލިބޭ މަދު ފައިސާކޮޅުން ވެސް އެކަމަށްޓަކައި ކޮންމެވެސް މިންވަރެއް އޭނާ ރައްކާކުރެއެވެ.
"އެނގޭތަ؟ ތާރާއަށް ސަޕްރައިޒަކަށް އަހަރެން އޮންނާނެ ބޭރުން އެއްޗެއް އޯޑަރު ކޮށްފައި،" ނިޔާޒް ބުންޏެވެ.
"އޯހް. ކޯއްޗެއްތަ؟ ދެން ބުނަބަލަ،" އަހަރެން ކެތްމަދު ވެއްޖެއެވެ.
ތާރާއަށް އުފާވެރިކަން ލިބޭނެ ކޮންމެ ކަމަކީ، އަހަންނަށް އޭގެ އެންމެ މަތީ ދަރަޖައިން އުފާ ލިބޭނެ ކަމެކެވެ. އެހެންވެ، ނިޔާޒް ގެންނަން އެ އުޅެނީ ކޮން އެއްޗެއްތޯ ބަލައިލާ ހިތް ވިއެވެ.
"މަންމި ގާތު ވެސް ނުބުނެވޭނެ. އެކަން ހިއްސާ ނުކުރީ ވެސް އެހެންވެ،" މަޖާ ވެފައި ނިޔާޒް ބުންޏެވެ. އަހަރެން އެކަން ގަބޫލު ކުރީ ނިޔާޒް އަބަދުވެސް އަހަރެމެންގެ އުފަލަށް އިސްކަން ދޭތީއެވެ.
މޫދުގައި މާ ގިނަ އިރު އުޅުމުގެ ސަބަބުން ތާރާއަށް ވަރަށް އަވަހަށް ނިދިއްޖެއެވެ. އަހަރެމެންގެ ކޮޓަރީގެ އެތެރޭގައި ފިލާ ޖަހައިގެން ތާރާއަށް ކުޑަ ކޮޓަރިއެއް ހެދީ، ނުފެންނަހާ ދުރުގައި އޭނާ ބާއްވަން ހިތް ބިރު ގަންނަވަރުންނެވެ. ތާރާ ނިންދަވާފައި ނިކުތް އިރު، ނިޔާޒްއަށް ވެސް އޮތީ ނިދިފައެވެ. އެހެންވެ، އަހަރެން ވެސް އޭނާގެ ގައިމަތީ ބްލޭންކެޓް އެޅުމަށްފަހު، އޮށޯވެލީމެވެ.
ކުއްލިއަކަށް ދެ ލޯ ހުޅުވައި ލެވުނީ ތާރާގެ ކުކުރުމުގެ އަޑަށެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް މަޑު ކުރުމެއް ނެތި ފުންމައިގެން ތެދުވީމެވެ.
"ދަރިފުޅު، މަންމަގެ ލޯބި؟" އަހަންނަށް ވާހަކަ ދެއްކުނީ ކަންބޮޑުވެ ހުރެއެވެ.
ބަންޑުން އޮތް ތާރާގެ ގައިގައި ހިފައި ނެގީމެވެ. އޭރު ތާރާއަށް އޮތީ ހޮޑު ލެވި، ކުޑަކަމު ވެސް ދެވިފައެވެ.
"ނިޔާ، ނިޔާ،" ބާރަށް ގޮވީމެވެ. ފިރިމީހާއަކީ ނިދި ގަދަ މީހެއް ކަމުން އޭނާ ހޭލައްވާލުމަކީ އުނދަގޫ ކަމެކެވެ.
"ކި... ކިހިނެއްވީ؟" އާގަންނަމުން ނިޔާޒް ބުނެލީ ތާރާގެ ކޮޓަރި ދޮރުމަތީގައި ހުއްޓެމުންނެވެ.
"އާދެބަލަ ކޮއްކޮ ނަގަން. އަތް ދަނޑިމައްޗަށް ލައިގެން ފާހާނާއަށް ގެންދަން އުޅޭ،" އަހަރެން ބުނީމެވެ.
އޭރު ތާރާއަށް ރޮވިއްޖެއެވެ. އެވަގުތު އަނެއްކާވެސް އޭނާއަށް ހޮޑުލެވުނެވެ. މިފަހަރު އަހަރެންގެ ގަޔަށާ އެކުއެވެ. ބަނޑުގައި އަތް އަޅައިގެން އިނދެ ތާރާ ހޮޑުލަމުން ދާ މަންޒަރު ބަލަން އަހަންނަށް ކެތެއް ނުކުރެވުނެވެ. އަހަރެންގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ނިޔާޒްގެ މޫނަށް ހިތްދަތިކަމާ އެކު އަހަންނަށް ބަލައިލެވުނީ އެހެންވެއެވެ.
"މަންމި، ތާރާ މަރުކަޒަށް ގެންދަން އުޅޭ، މިހާރު އިތުރަށް ލާނެ އެއްޗެއް ކޮއްކޮ ބަނޑަކު ދެން ނުހުންނާނެ،" ނިޔާޒް ބުންޏެވެ.
"އަހަރެން ވެސް މިއުޅެނީ ތިހެން ބުނަން ވެގެން، ވަރަށް ބޮޑަށް ހުން ވެސް އެބަހުރި، ފުރަތަމަ ކޮއްކޮ ސާފު ކުރަން ހިނގާ،" އަހަރެން ބުނީމެވެ.
ދެ މީހުން ވެގެން ތާރާ ތާހިރުކޮށް އެނދުގައި ބޭއްވީމެވެ. އަވަސް އަރުވާލައިގެން އަހަރެން ކޮޓަރީގައި މޮޕް ޖަހަން އުޅުނު ވަގުތު ނިޔާޒް ގުޅީ ސިއްހީމަރުކަޒަށެވެ. އެއްލި ކަޅި އަކުން ތާރާ އަނެއްކާވެސް އޯކާ ދެމިގަތް ތަން ފެނި އަތުގައި އޮތް މޮޕް ދޫ ކޮށްލައި އެދިމާލަށް އަހަރެން ދުއްވައި ގަތީމެވެ. އަހަރެންގެ ފަހަތުން ނިޔާޒް ވެސް އައެވެ.
"ދެންމެ ބޯލި ފެން ފޮދު އެ އައީ،" އަހަރެން ބުނީމެވެ.
އޭރު އެމްބިޔުލާންސްގެ އަޑު އިވިއްޖެއެވެ. ވަރު ދެރަވެފައި އެނދުމަތީގައި އޮތް ތާރާ ކޮނޑަށް ލައިގެން ނިޔާޒް ނިކުތެވެ. ފަހަތުން އަހަރެން ނިކުތީ ދެ ކޮތަޅު ހިފައިގެންނެވެ. އެއީ ވެސް ނަސީބެކޭ ހިތަށް އެރިއެވެ. އެމްބިޔުލާންސް ދުއްވާލުމާ އެކު އަނެއްކާ ވެސް ތާރާއަށް ހޮޑު ލެވެން ފެށުނެވެ. އަހަރެންގެ ހިތް އިތުރަށް ހާސް ވާން ފެށިއެވެ. ނަމަވެސް މަރުކަޒަށް ގެންދުވުމުން ހުރިހާ ކަމެއް ހަމަޖެހޭނެޔޭ ހިތަށް އަރުވާލީ، ހިތަށް ތަސައްލީއެއް ހޯދުމަށެވެ.
"ޑޮކްޓަރަށް ގުޅައިގެން މިހުރީ، އަދި ނާދެ،" ރިސެޕްޝަންގައި އިން ނީޒާ ބުންޏެވެ.
ފަރުވާ ނުލިބި ލަސް ވެދާނެތީ އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެހެންވެ ތާރާ އެނދުގައި ބޭއްވުމާ އެކު އަނެއްކާ ވެސް ކައުންޓަރަށް ދިޔައީމެވެ.
"އަދި ކިހާ އިރެއް ވާނެތަ؟ ވަރަށް ބޮޑަށް ވަރުދެރަވެފައި އޮތީ. ހައެއްކަ ފަހަރު ހޮޑު ލެވިއްޖެ، މިހާރު ބަނޑަކު ނެތް އެއްވެސް އެއްޗެއް، ދެ ލޯ ހުޅުވައިލާނެ ވަރުވެސް ނެތް، ހުން ވެސް އެބަހުރި،" އަހަރެން ކިޔައިދިނީމެވެ.
ހިތަށް އުނދަގޫ ވެފައި ހުރި ވަރުން ހުރިހާ އެއްޗެއް ކިޔައިދެވުނީ ރިސެޕްޝަނުގައި ތިބި ނީޒާއާއި ނަރުސް، ހައުލާއަށެވެ. ނީޒާ ބޯ ޖަހާލަމުން ދެވަނަ ފަހަރަށް ވެސް ޑޮކްޓަރަށް ގުޅިއެވެ. އަދި އަހަރެން ދެއްކި ވާހަކަތައް ކިޔައިދިނެވެ.
"ޑޮކްޓަރު ބުނީ ހުން ހުރި ވަރު ބަލައިލާށޯ،" ނީޒާ ފޯނު ބާއްވަމުން ބަލައިލީ ހައުލާއަށެވެ.
"ޑޮކްޓަރު އަންނަން ދެން އަޅުގަނޑު ވެސް މި އިނީ، އަންނާނެ އިރުކޮޅަކުން، މިގަޑީގެ ގޮތުން ތަންކޮޅެއް ލަސް ވެދާނެ،" ހައުލާ ވާހަކަ ދެއްކިއެވެ. ފަރުވާ ކުޑަ ގޮތަކަށެވެ. އޭނާގެ ވާހަކަ ހުރި ގޮތުން އަހަރެން ހިތްހަމަނުޖެހުނެވެ. އެކަމަކު އެ މީހުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ދެން ވެސް އެއްޗެއް ނުބުނަމެވެ.
އޭނާގެ ފަހަތުން އަހަރެން ވެސް ވޯޑަށް ވަނީމެވެ.
"104 ގައި ހުރީ،" ހައުލާ ބުންޏެވެ.
"އަދިވެސް ޑޮކްޓަރު ނާދޭތަ؟ މިހާރު މިތަނަށް އައި ފަހުން ވެސް ވެއްޖެ ވިހި މިނެޓް." ނިޔާޒް ބުނެލީ އަހަންނަށް ބަލައިލަމުންނެވެ. އެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވެއެވެ. އެކަން ހައުލާއަށް ވެސް އެނގުނުހެން އަހަންނަށް ހީވިއެވެ.
"މިދަނީ އަދި ގުޅާލަން،" ހައުލާ ބުންޏެވެ.
ލޯ މެރިފައި އޮތް ތާރާގެ ބޮލުގައި އަހަރެން ފިރުމަން ފެށީމެވެ. އޭރު ނިޔާޒްގެ މޫނުމަތީގެ ކުލަވަރު ރުޅިވެރި ކަމަށް ބަދަލުވާތަން އަހަންނަށް ފެނުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް މިހާރު އަހަރެންގެ ކިބަޔަކު ނެތެވެ.
"ޕެނަޑޯލް ދީފައި ހޮޑަށް އިންޖެކްޝަނެއް ޖަހަން ޑޮކްޓަރު ބުނީ، މިހާރު ބޭސް ފިހާރަ ހުންނާނީ ބަންދު ކޮށްފައެއްނު، އަޅުގަނޑުމެން ފަރުވާ ދޭނަން، ދެން ހެނދުނު މި ބޭސް ސިޓީއަށް ބޭސް ނަގައިފައި މި ތަނަށް ހަވާލް ކޮށްލަދީ،" ހައުލާ ބުންޏެވެ.
ނިޔާޒް އޭގައި ހިފިއެވެ. އެކަމަކު އޭނާގެ މޫޑު ރަނގަޅު ނޫންކަން އަހަންނަށް އެނގެއެވެ.
"ޑޮކްޓަރު ކީއްވެ ނައީ؟ މިވަރު ވެފައި އޮންނަ ކުއްޖަކު ގާތަށް އަންނަން ޖެހޭނެ އެއްނު، އެނގޭތަ މިކުއްޖާ ކިތައް ފަހަރު ހޮޑު ލައިފިކަން، ވީ ކީއްތޯ ވެސް ރަނގަޅަށް ބަލަން ޖެހޭނެ އެއްނު، ޓެސްޓްތައް ވެސް ހަދަން ޖެހޭނެ އެއްނު،" ނިޔާޒް ބުންޏެވެ.
ނިޔާޒް ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭނާ ހުއްޓުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ޑޮކްޓަރު މިތަނަށް ގެންނަން އަހަރެން ވެސް ބޭނުމެވެ.
"ހުން އައިސް، ހޮޑުލަންޏާ ހަމަ މި އެއްޗެހި ދޭނީ، ޑޮކްޓަރު އަޔަސް ހަމަ މި ބޭސްތައް ދޭނީ،" ހައުލާ ބުންޏެވެ.
އޭނާގެ ވާހަކަ ހުރި ގޮތުން ހީވަނީ ޑޮކްޓަރު ދިފާއު ކުރަން އުޅޭ ހެންނެވެ. އެހެންވެ އަހަންނަށް ވެސް މިފަހަރު މަޑަކުން ނީނދެވުނެވެ.
"ގޫގުލްގައި ޖަހާލައިގެން ވެސް އަހަރެމެންނަށް ވެސް މިކަމަށް ދޭނެ ބޭސް އެނގެޔޭ، އެކަމަކު މިތަނަށް ބަލި މީހަކު ވެއްދީމަ، ފަރުވާ ދޭނެ ޑޮކްޓަރެއް ހުންނަން ޖެހޭނެ، އެހެން ނޫނީ އޮންލައިންކޮށް ގޭގައި ތިބެގެން ވެސް ބޭސް ނެގިދާނެ ދޯ؟ މި ކުއްޖާ މިހާ ވަރުދެރަވެ، ލޯ ނުހުޅެވި އޮންނަތާ ކިހާ އިރެއް ވެއްޖެ؟ އަހަރެމެން ބޭނުން މިތަނަށް ޑޮކްޓަރަކު ގެންނަން،" އަހަރެން ބުނީމެވެ. އޭރު އަހަރެންގެ ދެ ލޮލުން ފެންތައް ފައިބަން ފަށައިފިއެވެ.
"މިތާ މެނޭޖަރަށް މި ގުޅަނީ، މި ވަރު ވީމަ ނުގުޅައެއް ނުވާނެ،" ނިޔާޒް ބުންޏެވެ. ޖީބުގައި އޮތް ފޯނު ނަގައި އޭނާ ނިކުތީ ބޭރަށެވެ. ތާރާ ގާތު އަހަރެން މަޑުކުރީމެވެ.
އެ މައުސޫމް މޫނުމަތިވަނީ މިލާ މޯޅި ވެފައެވެ. މަޑުމަޑު އަތް ތިލައިގައި ހިފައިލައިގެން އިނދެ ދެ ތިން ފަހަރަކު އެ އަތަށް ބޮސް ދިނީމެވެ. ބަލި ވެފައި އޮންނަ މަންޒަރު ދެކެން އަހަރެންގެ ހިތަށް ކުޅަދާނައެއް ނުވެއެވެ. ރޮވިފައި އަހަރެން އިންދާ ނަރުސް އައިސް އައިވީ ގުޅުމުގެ މަސައްކަތް ފެށިއެވެ. އެ ހިސާބުން އަހަރެންގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
ކުއްލިއަކަށް ނިޔާޒްގެ އަޑު މާ ދުރުން އަހަރެންގެ ކަންފަތުގައި ޖެހިއްޖެއެވެ. ޒުވާބު ކުރާ ކަހަލަ ރާގެއްގައި ނިޔާޒް ވާހަކަ ދައްކަމުން ދާތީ އަހަރެންގެ މޭގަނޑު ތެޅެން ފެށިއެވެ. ނަމަވެސް ނަރުސް، އޭނާގެ މަސައްކަތް ނިންމާ އެތަނުން ނިކުންނަން ދެން އަހަރެން ކެތްކުރީމެވެ.
ބާރުބާރަށް ގޮސް ވޯޑުގެ ކުޑަ ދޮރުން ބޭރު ބަލައިލީމެވެ. އޭރު އަތް އުކައުކާފައި ނިޔާޒް ފޯނުން ވާހަކަ ދައްކައެވެ.
"ނިޔާޒް،" އަތުން ހަނާ އަޅާލަމުން އަހަރެން ގޮވީމެވެ.
އަހަރެން ފެނުމާއެކު އޭނާ ވަގުތުން ފޯނު ކަނޑާލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ.
"އެއްޗެހި ގޮވޭނެ ދޯ؟ އަހަރެން ޝަކުވާ ކުރަން ފެށީމަ މެނޭޖަރު ވެސް މަގޭ ބަވައިލީ، އޭނަ ބުނީ ބަލި އިރު ދަންވަރު ވަންދެން ކީއްކުރަންހޯ ގޭގައި ތިބީ؟ މިގަޑީގައި ޑޮކްޓަރު އަންނަން ވަގުތު ނަގާނެޔޯ،" ނިޔާޒް ބުންޏެވެ.
"ބަލަ މީހަކު ބަލިވާނީ ޑޮކްޓަރު ހުރި ހާލަތު ބަލައިފައިތަ؟ އަހަރެން ބުނެފިން މައްސަލަ ވެސް ޖައްސާނަމޭ، އަހަރެން މިދަނީ އެ ޑޮކްޓަރު އުޅޭ ގެއަށް. މިދަރި މިވަރު ވަންދެން މިހެން ބަލާކަށް ނީނދެވޭނެ. ދޮރު ވައްޓާލައިގެން ވެސް އަހަރެން ބޭނުން އޭނަ މި ތަނަށް ގެންނަން."
ހަމަ އެވަގުތެވެ. އަހަރެމެން ސިހުނީ ކުއްލިއަކަށް ތާރާ ކެއްސާލުމުންނެވެ. އަނގަ ފުރިގެން މުޅި ތަނަށް ތާރާއަށް ހޮޑު ލެވުނީ ލެޔާ އެކުއެވެ. އަހަރެން ރޮއިގަތް އަޑަށް ނީޒާ އާއި ހައުލާ ވެސް ވޯޑަށް ވަނީ ދުވެފައެވެ. އޭރު ތާރާގެ ދެލޯ އޮތީ ބޮޑު ވެފައެވެ. ހޮޑު ލާނެ ހިތްވަރު ނެތް ނަމަވެސް ބޮކި ޖަހާފައި އަނގައިން ހޮޑުތައް ފުރިގެން އާދެއެވެ.
"މަ...މަންމި،" އަހަރެންގެ އަތްމަތީގައި އޮވެ ތާރާ ގޮވާލިއެވެ. އަހަންނަށް ބަލައިލަމުންނެވެ.
އޭރު އެ ކުޑަކުޑަ ދެ ލޮލުގެ ހިމަކޮޅުން ފެންތައް ފައިބަމުން ދެއެވެ. އެ ކުޑަކުޑަ އަޑުގައިވާ ވޭނީ އަސަރުތަކުން އަހަރެންގެ ހިތް ފޫ އަޅުވާލި ކަހަލައެވެ.
"ލައްބަ، ލައްބަ ދަރިފުޅާ،" އަހަރެން ބުނީމެވެ. އޭރު އަހަރެން ވެސް އިނީ ހޮޑުން ތަތް ވެފައެވެ.
ތާރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ނިޔާޒް އިނެވެ. ވަގުތަކީ ޑޮކްޓަރު ވެސް ވޯޑަށް ވަތް ވަގުތެވެ. އޭރު އަހަންނާ ޖެހިގެން ޓްރޭއެއް ހިފައިގެން ހައުލާ ހުއްޓެވެ.
"އޯހް، އަދިވެސް ހޮޑު ލެވޭތަ؟" ހައުލާއަށް ބަލައިލަމުން ޑޮކްޓަރު ބުންޏެވެ.
"މަންމި،" ނޭވާ ކުރުވަމުން ދިޔަ ތާރާ އަނެއްކާވެސް އަހަންނަށް ގޮވާލިއެވެ. އެ މޫނުމަތިން ބިރުގަނެފައިވާ އަސަރުތައް ފެންނަން ފެށިއެވެ.
އޭރު ފަހަރަކު ނޭވާއެއް އޭނާ ދޫ ކުރަމުން ދިޔައީ ލަސް ލަހުންނެވެ. ހީވާ ގޮތުން މާ ބޮޑަށް ވަރުބަލިވީއެވެ. އަވަސް ހަރަކާތާ އެކު ޑޮކްޓަރު އަހަރެމެންނާ ގާތް ވެލީ ކަރުގައި އޮތް ކަށިގަނޑު ނަގަމުންނެވެ. އޭރު ވަރުދެރަ ގޮތަކަށް ތާރާ އަހަރެންގެ މޫނަށް ބަލައިލި ތަން އަހަރެން ދުށީމެވެ. އެއަށްފަހު އަނެއްކާވެސް ތާރާ ދެ ލޯ މަރާލިއެވެ.
"ވަޓް؟" ތާރާގެ މޭގައި ކަށިގަނޑު ޖަހައިގެން ހުރެ ޑޮކްޓަރަށް އެހެން ބުނެވުނީ ސިހިފައެވެ. ތާރާގެ އަތުގައި ހިފަހައްޓާލައިގެން އޭނާ ވިންދު ޗެކް ކޮށްލިއެވެ. އޭރު ޑޮކްޓަރުގެ މޫނު މަތީގައި ވަނީ ނުތަނަވަސް ކަމާއި ހާސް ކަމެވެ.
"ކިހިނެއްވީ؟" އަވަސް އަވަހަށް ނިޔާޒް އެހިއެވެ.
ޑޮކްޓަރު އިސްޖަހާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު އަހަރެމެންގެ ތާރާ އަހަރެމެންނާ ތާ އަބަދަށް ވަކިވީކަން އަހަންނަށް ޔަގީން ކުރެވުނެވެ. ނަމަވެސް އެކަން ގަބޫލު ކުރަން ބޭނުން ނުވެގެން އަހަންނަށް ދެ ފަރާތަށް ބޯ ހޫރަން ފެށުނެވެ.
ފުންމައިގެން ތެދުވެ ނިޔާޒް ހިފީ ޑޮކްޓަރުގެ ގަމީހު ގިރުވާނުގައެވެ.
"މަގޭ ދަރިފުޅު މަރާލީ ކަލޭ، ހަމަ ކަލޭ، އެއީ އަހަރެމެންގެ ހުރި ހަމަ އެކަނި ދަރިފުޅޭ،" ނިޔާޒް ބުންޏެވެ. ދެއަތުން އޭނާ ޑޮކްޓަރުގެ ގައިގައި ތަޅަން ފެށިއެވެ.
ނިޔާޒް ދުރު ކުރީ ބޭރުން އައިސް ވަތް މެނޭޖަރާއި ނިޔާޒްގެ ބައްޕައެވެ. ހަބަރު ލިބެމުން ދާ ވަރަކަށް މީހުން ޖަމާވަމުން ދާ ކަން އަހަންނަށް އެނގުނެވެ. ގަބު ވެފައި އަހަންނަށް އިނދެވުނީ ތާރާ ގެނެސް މެޔާ ލައި ބޮނޑި ކޮށްގެންނެވެ. އޭރު ވެސް ލޯ މަތިން ސިފަވެފައި ހުރީ ތާރާގެ ބަލައިލުމެވެ.
ކަންފަތުގައި ހަރުލައިފައި ވަނީ މަންމީއޭ ކިޔައި އަހަންނަށް ގޮވާލި އަޑެވެ. ތާރާގެ އެ ބަލައިލުމަކީ މުޅި އުމުރުގައި ވެސް އަހަންނަށް ފެންނާނެ އެންމެ ފަހުގެ ބަލައިލުން ކަމެއް އޭރަކު ނޭނގެއެވެ. އެ އަޑަށް ފަހު ދެން އިތުރަކަށް ތާރާގެ އަޑެއް ނީވޭނެ ކަމެއް ވެސް އޭރު ނޭނގެއެވެ.
"ދަރިފުޅާ،" އަޑަށް ބާރު ލައިފައި އަހަރެން ގޮވީމެވެ. އެތައް ފަހަރަކު ގޮވީމެވެ.
ނަމަވެސް އަހަރެންގެ ދަރިފުޅު، އަހަރެންގެ ދުނިޔެ، އަހަރެންގެ މުޅި ޙަޔާތް އަހަރެން ދޫކޮށްފައި އެ ދިޔައީއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. ފަރުވާއަށް އެދި އާދޭސް ކޮށްކޮށް ތިއްބައެވެ. އެތައް ބައެއް ގާތު ސަލާން ޖަހަޖަހައި ތިއްބައެވެ. އެ ތުއްތު ދަރިފުޅުގެ ގައިގައި އެޅި ވޭން އެމީހުންނަށް އިހްސާސެއް ނުކުރެވުނެވެ. ނަމަވެސް މި މަންމަގެ ހިތަށް އެ އިހްސާސްތައް ވަރަށް ރަނގަޅަށް ކުރެވުނެވެ. ނަމަވެސް ވަގުތު ފާއިތުވެ ދިޔައީ އެތައް ބައެއްގެ އިހުމާލުންނެވެ.
"މައްސަލަ ޖައްސާ، ޑޮކްޓަރު ބޭރު ކުރޭ، ހަމަ މިހާރު ބޭރު ކުރޭ،" ހޯލު ތެރޭގައި ތިބި ބަޔަކު އަޑުގަދަ ކުރާ އަޑު އަހަންނަށް އިވެއެވެ. ނިޔާޒް އެ މީހުންނާ ތަޅައި ފޮޅާނެކަން ވެސް އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން ބޭރަކަށް ނުނިކުންނަމެވެ. ދަރިފުޅު ގޮވައިގެން އެނދުމަތީ އިނީއެވެ. އަހަރެންގެ އަތުން އެމީހުން ތާރާ ވަކި ކުރީ ގަދަ ކަމުންނެވެ. މުޅި ސަރަހައްދުގައި ވަނީ އޭރުވެސް ރުޔުމާއި ހަޅޭކުގެ އަޑެވެ.
ތާރާގެ މޫނު އެންމެ ފަހު ވަގުތު ބަލައިލި ވަގުތު ވެސް އަހަންނަށް އިހްސާސް ކުރެވުނީ އެ ދަރިފުޅު އަހަންނާ ވަކިވާން ބޭނުން ނުވާ ކަމެވެ. މަންމައާއެކު އަދި އުޅެން ބޭނުންވެޔޭ އެ ދުލުން ބުނެލާ ކަހަލައެވެ. އުރާލައިފައި ނަގާށޭ ބުނެ، އެ ދެ އަތް އުފުލައިލާހެން ހީވިއެވެ. އެ އަނދިރި ވަޅުގަނޑުގައި އެކަނިމާ އެކަނި ދަރިފުޅު ބާއްވާފައި ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ކޮންމެ ނޭވާއެއްގެ ހޫނު އިހުސާސްވާ ހިސާބުގައި އަބަދުވެސް ހުންނަ އެ ދަރިފުޅު، ދެން އަހަންނަށް ނުވެސް ފެންނާނެއެވެ. ދުވަހަކު ވެސް ނުފެންނާނެއެވެ.
އެތައް އިރެއް ވަންދެން އަހަންނަށް އެ މައުސޫމު މޫނަށް ބަލަން ހުރެވުނެވެ. ނަމަވެސް އަހަރެމެން ދެމީހުން ދެ ތަން ކުރުވައިފިއެވެ. މުޅި އުމުރަށެވެ. ބައެއްގެ އިހުމާލުންނެވެ. ބައެއްގެ ފަރުވާކުޑަ ކަމުންނެވެ.
ޖަނާޒާގެ ކަންތައް ނިމި، އަހަރެން ގެއަށް އައީ ނިޔާޒްއާ އެކުއެވެ. އޭނާ ހުރީ އަދިވެސް ހުއްޓުން އަރާފައެވެ. ގަބު ވެފައެވެ. އަހަންނަށް ހިތްވަރު ދޭނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އަހަރެން ރުއީމެވެ. އަޑުގެ ކޮޅަށް ރުއީމެވެ. ތާރާއާ މެދު ކުރެވުނު އުއްމީދު ތަކާއި ހުވަފެންތައް ހިތުގައި އާލާ ވަމުން ދެއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟
އޭގެ މަހެއްހާ ދުވަސް ފަހެވެ. އަހަރެން ނިކުތް އިރު ގޭ ދޮރުމަތީގައި ބޮޑު ފޮށިގަނޑެއް ހުއްޓެވެ. ހައިރާން ކަމާއެކު ނިޔާޒްއަށް ބަލައިލެވުނީ އެއީ ކޮން އެއްޗެއްކަން އަހަންނަށް ނޭނގޭތީއެވެ.
"ދެން ތި މިތަނަށް ވައްދާނެ ކަމެއް ނެތް." އަސަރާ އެކު ނިޔާޒް ބުންޏެވެ.
ހިތުގައި ސުވާލު އުފެދުމުން އަހަންނަށް ދެލޯ ކުޑަ ކޮށްލެވުނެވެ.
"ތިއީ ކޮއްކޮއަށް އަހަރެން ގެނައި ސަޕްރައިޒް، ކުޅެން އިންނަން ބޮޑު ޓެންޓެއް، ކޮއްކޮ ބޭނުން ވެގެން އުޅުނު ލެޑް ލައިޓް ސެޓެއް ވެސް ތީގައި އޮންނާނެ، " ފޮށިގަނޑަށް ބަލަން ހުރެ ނިޔާޒް ބުންޏެވެ.
"ދުނިޔޭގައި ހުރި ނަމަ، މިއަދު ތާރާ ހާދަ އުފާވީހޭ، ތި ޓެންޓަށް ވަދެ، ކުޅެން އުޅޭނެ ގޮތް އެބަ ސިފަވޭ،" ނިޔާޒްގެ ކޮނޑުގައި ބޯ ޖައްސާލައިގެން އޮވެ އަހަންނަށް ރޮވެމުން ދިޔައެވެ.
އަހަރެމެންގެ މި އިހްސާސްތައް އެ މީހުންނަށް ފަހަރެއްގައި ވެސް އިހްސާސް ނުވާނެކަން އަހަންނަށް އެނގެއެވެ. އަހަރެމެންގެ މި ހިތާމަ ތަކުގެ ޒައްރެއްގެ މިންވަރު ވެސް އެ މީހުންނަކަށް ނޭނގޭނެއެވެ. ގެއްލި ދިޔަ ފުރާނައިގެ އަގު ހޯދައެއް ނުދެވޭނެއެވެ. އަހަރެމެންނަށް އެ މީހުންގެ މައްސަލަ ވެސް ޖެއްސި ދާނެއެވެ. އިންސާފު ވެސް ހޯދި ދާނެއެވެ. ނަމަވެސް އަހަރެމެންގެ ދަރިފުޅު އަނބުރާ އަހަރެމެންނަށް ހޯދައިދެވޭނެ ހެއްޔެވެ؟ އެ އުފާވެރިކަން ލިބިދާނެ ހެއްޔެވެ؟ ބީވެ ދިޔައީ މި ދުނިޔެއިން އަހަންނަށް މާތްﷲ މިންވަރު ކުރެއްވި އެންމެ އަގުބޮޑު ނިޢުމަތެވެ. ބަޔަކު ހަނދާން ނެތުނަސް އަހަރެމެން ދުވަހަކު ވެސް ތާރާ މަތިން ހަނދާނެއް ނުނެތޭނެއެވެ. ނިމުނީ