21 މާޗް 2024 - 08:18

އަފްޣާނިސްތާނުގައި އާ ދިރާސީ އަހަރަށް ސްކޫލްތައް އިއްޔެ ހުޅުވި އިރު، މިދިޔަ ދެ އަހަރެހޭ އެއްގޮތަށް މި އަހަރު ވެސް، އަންހެން ކުދިން ސެކަންޑަރީ ލެވެލްގެ ކްލާސްތަކުގައި ބައިވެރިވުން މަނާކޮށްފި އެވެ.
ތާލިބާނުން 2021 ވަނަ އަހަރުގެ މެދުތެރޭގައި އަލުން ވެރިކަމަށްއައިސްވަޑައިގެން ހުޅަނގުގެ ތާއީދު އޮތް ސަރުކާރު ވެރިކަމުން ދުރުކުރުމަށް ފަހު، 2022 ވަނަ އަހަރުގެ މާޗް މަހު އަންހެން ކުދިން ސެކަންޑަރީ ސްކޫލަށް ނުކުތުން މަނާކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާ ސްކޫލް އަހަރު އިއުލާން ކުރީ އަފްޣާނިސްތާނުގެ ކަލަންޑަރުގެ އާ އަހަރު ފެށުމުގެ އެއް ދުވަސް ކުރިން އަންގާރަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހާއްސަ ރަސްމިއްޔާތެއްގައި ރަނގަބީލު ޖެހުމާ އެކު މުޅި ގައުމުގައި އެ ހިސާބުން ކިޔެވުން ފެށުނީ ކަމަށެވެ. މި އިވެންޓަށް މީޑިއާތަކަށް ދައުވަތު ދީފައި ވިޔަސް އަންހެން ނޫސްވެރިންނަށް އެ އިވެންޓަކަށް ނުވަދެވެ އެވެ.
ތާލިބާން ސަރުކާރުން ދީނީ ކަންކަން ހަރުކަށިކޮށް މާނަކޮށް ތަންފީޒުކޮށްފައިވާއިރު ތާލިބާނުންނަކީ ޖިންސީ ހަމަހަމަމާ ދެކޮޅު ސަރުކާރެއް އޮތް ގައުމެއް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ