އައިއެމްއެފްގެ 1.1 ބިލިއަން ޑޮލަރު ޕާކިސްތާނުން ނަގަނީ
އައިއެމްއެފްގެ 1.1 ބިލިއަން ޑޮލަރު ޕާކިސްތާނުން ނަގަނީ

ގައުމު ބަނގުރޫޓުވުމާ ހަމަޔަށް ދިއުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޑީލަކަށް ގޮސްފައިވާ ޕާކިސްތާނަށް އެ އިދާރާއިން ދޭ ފުރަތަމަ 1.1 ބިލިއަން ޑޮލަރު ދޫކުރުމުގެ ޑްރާފްޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިއްޔެ ބުނެފި އެވެ.

ޕާކިސްތާނުން ވަނީ ބެލެންސް އޮފް ޕޭމަންޓްސް ތާށިވެ ބަނގުރޫޓުވުމާ ހަމަޔަމަށް ދިއުމުން އައިއެމްއެފާ އެކު ތިން ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް މިދިޔަ އަހަރު ހަދައިފަ އެވެ.

އައިއެމްއެފުން ބުނީ ހަ ދުވަހުގެ މަޝްވަރާތަކަށް ފަހު އޮފިޝަލުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ބޯޑުގެ ރުހުން ލިބުމާ އެކު އޭޕްރީލް މަހު މި ފައިސާ ދޫކުރާނެ ކަމަށެވެ.

އައިއެމްއެފްގެ ބެއިލްއައުޓް ޕްލޭނަކީ އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވާ އެއްޗަކަށް ވިޔަސް މިދިޔަ މަހު ޕާކިސްތާނުގައި އިންތިހާބުކުރި، ބަދަހިކަމެއް ނެތް ކޯލިޝަން ސަރުކާރަށް މަޖުބޫރުވެފައި ވަނީ ގައުމުގެ އިހްތިސާދީ ހާލަތު ބަދަލުކުރުމަށް އައިއެފްގެ ޑީލަށް އެއްބަސްވާށެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި މަސްތަކުގައި ޕާކިސްތާނުގެ އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ.

"ނަމަވެސް މިއަހަރު ކުރިއެރުން ކުޑަވާނެ ކަމަށް ލަފާކުރެވޭއިރު އިންފްލޭޝަން ހުރީ އަމާޒަށް ވުރެ މާ މަތީގަ އެވެ، އެހެންވެ ޕާކިސްތާނުގެ އިގްތިސާދީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރިއަށްދާ ސިޔާސަތާއި އިސްލާހީ މަސައްކަތްތައް ކުރަން ޖެހެ އެވެ." އައިއެމްއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕާކިސްތާނަކީ ޓެކްސް ނެގުން މަދުވުމާއި ދެމެހެއްޓެނިވި ގޮތެއްގައި ނުލިބޭ ސަބްސިޑީތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާ ގައުމެކެވެ. -- އޭއެފްޕީ