20 މާޗް 2024 - 13:36

ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް، އިތުރު ގަޑީގެ ފައިސާ ދިނުމުގައި ބަދަލުތަކެއް ގެނެސްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ، ސްޕެޝަލް އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތް މީގެ ކުރިން ދެމުން ދިޔައީ، މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރު ގަޑީގައި މަސައްކަތް ކުރުމުން ކަމަށެވެ.
ނަމަވެސް، އަލަށް ގެނައި ބަދަލުން، ރަސްމީ ގަޑި ހަމަވުމުން އިތުރު ގަޑީގައި ކުރާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ އިނާޔަތް ލިބޭނެ ކަމަށް ބުންޏެވެ.
ސްޕެޝަލް ޑިއުޓީ އެލަވަންސް އަކީ އާ ޕޭ ސްޓްރަކްޗާއަށް ބަދަލު ނުވެ ތިބި ހުރިހާ މުވައްޒަފުންނަށް ލިބޭ އެލަވަންސްއެކެވެ. މި އެލަވަންސް ކުރިން ލިބެމުން ދިޔައީ ވަކިވަކި މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ނަމަވެސް، ކުރީގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް އާ ޕޭފްރޭމްވޯކަށް ބަދަލުނުވެ ތިބި ހުުރިހާ މުވައްޒަފުންނަށް އެ އެލަވަންސް ދިނުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި އެވެ.
އެހެންވެ، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން އަދި އެހެނިހެން ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި އެލަވަންސް މިހާރު ލިބެ އެވެ.
"ސްޕެޝަލް ޑިއުޓީ އެލަވަންސާ ގުޅިގެން އޯޓީ ފައިސާ އުނިވާ ގޮތަށް އޮންނަ އޮތުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރެވޭތީ މި ބަދަލު ގެނައީ." ކޮމިޝަނުން ބުންޏެވެ.