20 މާޗް 2024 - 13:09

ލަންޑަން (މާޗު 20) - އަންނަ ހަފްތާ އިނގިރޭސި ގައުމީ ޓީމުން ބްރެޒިލް އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ކޯޗު ގެރެތު ސައުތު ގޭޓު ނެގި ސްކޮޑުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ 18 އަހަރުގެ މިޑްފީލްޑަރު ކޮބީ މައިނޫ ހިމަނައިފި އެވެ.
މި އިންޓަނޭޝަނަލް ބްރޭކުގައި މައިނޫ ފުރަތަމަ އޮތީ އިނގިރޭސި 21 އަހަރުން ދަށުގެ ސްކޮޑުގަ އެވެ. ނަމަވެސް މި ހަފްތާ އެފްއޭ ކަޕްގައި ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅެ ކާމިޔާބު ކުރި މެޗުގައި މައިނޫގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ ބައެއްގެ ފަރާތުން ލިބުނު ތައުރީފާ އެކު ސައުތުގޭޓް ވަނީ ސީނިއާ ސްކޮޑުން އޭނާ އަށް ފުރަތަމަ ފަހަރަށް ފުރުސަތު ދީފަ އެވެ.
ޔުނައިޓެޑްގެ އެކަޑަމީން ތަމްރީނު ވެފައިވާ މައިނޫ ވަނީ އިންގްލެންޑުގެ 17 އަހަރާއި 18 އަހަރު އަދި 19 އަހަރުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އިންގްލެންޑްގެ އިތުރުން ގާނާގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޭނާއަށް އޮވެ އެވެ.
މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކުޅެން ފެށި މިޑްފީލްޑަރު ވަނީ މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑަށް 20 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ މިދިޔަ މަހު ލީގުގައި ވުލްވްސް އަތުން ޔުނައިޓެޑް މޮޅު ކޮށްދޭން ގޯލު ޖަހައިފަ އެވެ. އަދި އެ ގޯލު ވެފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ މަހު ޖެހި އެންމެ މޮޅު ގޯލަށެވެ. އޭގެ ކުރިން ޖެނުއަރީ މަހު ކުޅުނު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ މެޗުގައި ވަނީ ޔުނައިޓެޑަށް ފުރަތަމަ ގޯލު ޖަހައިދީފަ އެވެ.
އިނގިރޭސި ސްކޮޑުން އަލަށް ޖާގަ ހޯދި އިތުރު ކުޅުންތެރިންނަކީ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް އެންތަނީ ގޯޑަން އާއި އެވަޓަންގެ ޑިފެންޑަރު ޖަރާޑް ބްރެންޓްވެއިޓް އެވެ.
މީގެ އިތުރުން އަށް މަސް ދުވަހުގެ ސަސްޕެންޝަނަށް ފަހު ޖެނުއަރީ މަހު އަލުން ކުޅެންފެށި ބްރެންޓްފޯޑްގެ ސްޓްރައިކަރު އިވާން ޓޯނީ ވެސް ވަނީ އަލުން ގައުމީ ޓީމުގެ ފުރުސަތު ހޯދައިފަ އެވެ.