ޕޯސްޓަރު ހަރުކުރަން ޕޭވްމަންޓަށް ޖަހާ ހޮޅިތައް ނަގާނަން: ސިޓީ ކައުންސިލް
ޕޯސްޓަރު ހަރުކުރަން ޕޭވްމަންޓަށް ޖަހާ ހޮޅިތައް ނަގާނަން: ސިޓީ ކައުންސިލް

ކެމްޕެއިން ޕޯސްޓަރު ހަރުކުރަން ޕޭވްމަންޓަށް ޖަހާ ގޮޅިތައް ނަގާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލްގެ މީޑިއާ އޮފިޝަލް، އާމިނަތު ޝަތުފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވަމުންދާއިރު، މީހުން ހިނގާބިނގާވެ އުޅޭ ޕޭވްމަންޓަށް ހޮޅި ޖަހައިގެން ޕޯސްޓަރު ޖެހުން އާއްމުވެފައިވާ ކަމަށެވެ.

ނަމަވެސް، އެއީ މަނާ ކަމެއް ކަމަށް ކެންޑިޑޭޓުންނަށް ވެސް އަންގާފައި އޮންނާނެ ކަމަށް ޝަތުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުމައްޗާއި އާއްމު ތަންތަނުގައި ޕޯސްޓަރު ހަރުކުރަން ކައުންސިލްގެ ހުއްދަ ހޯދަންޖެހޭނެ އެވެ. އެގޮތަށް ދޭ ހުއްދައިގެ ސިޓީގައި، ޕޯސްޓަރު ހަރުކުރަން ޖެހޭ ގޮތްތަކާއި ހަރުކުރެވޭނެ ތަންތަނުގެ މައުލޫމާތު ކެންޑިޑޭޓުންނަށް ފޯރުކޮށްދެ އެވެ.

އެއާ ހިލާފަށް ހަރުކޮށްފައި ހުންނަ ބެނާތައް ނަގާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އަންނަ މަހުގެ 21 ގައި މަޖިލީހުގެ އިންތިހާބު ބާއްވާތީ މުޅި މާލެތެރެ ވަނީ ކެމްޕެއިން ޕޯސްޓަރުތަކުން ފުރާލައިފަ އެވެ.