ތޮއްޔިބު ސްޓެލްކޯގައި މަހެއްހާ ދުވަސް، ވަޒީފާ އިން ވަކިކޮށްފި!
ތޮއްޔިބު ސްޓެލްކޯގައި މަހެއްހާ ދުވަސް، ވަޒީފާ އިން ވަކިކޮށްފި!

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި އަދި ކުރީގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގައި އިސް މަގާމެއް ފުރުއްވި ތޮއްޔިބު ޝަހީމަށް މި ސަރުކާރުގައި ސްޓެލްކޯ އިން ވަޒީފާ ދިން ތާ މަހެއްހާ ދުވަސް ފަހުން އެ މަގާމުން މި މަހުގެ ކުރީކޮޅު ވަކިކޮށްފި އެވެ.

އޭނާ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ ވަޒީފާ އަށް މިދިޔަ ޖެނުއަރީ 29 ގައި ނުކުތީ ގާބިލްކަން ތަންދިން އެންމެ މަތީ ވަރަކަށް ހިދުމަތްކުރުމުގެ ހެޔޮ ނިޔަތާއި އަޒުމުގައި ކަމަށެވެ.

މިވީ މުއްދަތުގެ ތެރޭގައި ހަވާލުކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށާއި އެކަމަކު، މަސައްކަތާ މެދު ހިތްހަމަނުޖެހި އެއްވެސް ވާހަކައެއް ނުދައްކައި، ކުއްލިއަކަށް އެޗްއާރަށް ގެންގޮސް، އެއްބަސްވުން އުވާލާނެ ކަމަށް އެންގި ކަމަށް ތޮއްޔިބު ބުންޏެވެ.

"...އަޅުގަނޑުގެ މަސައްކަތާ މެދު އެއްވެސް ވާހަކައެއް ނުދައްކަވާ، ސުޕަވައިޒަރުންގެ އެއްވެސް ނުރަނގަޅު ނުކުތާއެއް ފާހަގަކުރުމެއް ނެތި، އެއްވެސް އިވެލުއޭޝަނެއް ހެއްދެވުމެއް ނެތި، ވަޒަން ކުރުމެއް ނެތި، ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމެއް ނެތި ދެންނެވީ "ވެރިން އެންގެވި ގޮތަށް" އަޅުގަނޑާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ވާހަކަ އެވެ،" އޭނާ ލިޔުއްވާފައި ވެ އެވެ.

ތޮއްޔިބު ބުނީ އެކި ގޮތްގޮތުން އަހައިގެން ވެސް އޭނާގެ މަސައްކަތް ވަޒަންކުރި ގޮތް އެނގޭ މީހަކާ އަދި އެކަމާ ބެހޭ އެއްވެސް ލިޔެކިޔުމެއް ތައްޔާރު ކުރި މީހަކާ ވެސް ދިމާނުވި ކަމަށެވެ. އަދި، ވަޒީފާ އިން ވަކިކުރި ޗިޓް ހަވާލުކޮށް ކުންފުނީގެ އިމާރާތުން ނުކުތް އިރު ވެސް ވަޒީފާގެ އެއްބަސްވުން ނުލިބޭތީ، ޗިޓްގައި ބުނެފައިވާ ދެ މާއްދާ އަށް ރެފަރެންސް ދޭކަށް ކުންފުންޏަށް ވެސް ނޭނގުނު ކަމަށް ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ސަރުކާރު ޕްރޮމޯޓް ކުރުން އަދި ޕީޕީއެމް ކުރިން ވެރިކަމުގައި އޮތް އިރު އޭރުގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ގަދައަށް މަސައްކަތްކުރި އެމްޑީޕީގެ އެކްޓިވިސްޓް ބުނީ، ހީވާގި ކަމާއި ފަރުވާތެރިކަމާ އެކު، ހިދުމަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެހެންވެ، އޭނާ ސްޓެލްކޯގައި އަދާކުރަމުން އައި ވަޒީފާ އިޔާދަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ތޮއްޔިބު އެދުނެވެ.

ތޮއްޔިބަށް ދިން ވަޒީފާގެ މައިގަނޑު ޒިންމާ އަކީ އިއުލާންގައިވާ ގޮތުން ސްޓެލްކޯގެ މަސައްކަތްތަކާ ގުޅިގެން މީޑިއާ އިން އެދޭ މައުލޫމާތު ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ހޯދައި މީޑިއާތަކަށް ފޯރުކޮށްދިނުމާއި އިވެންޓްތަކުގެ ޚަބަރުތައް ދިވެހިންނާއި އިނގިރޭސި ބަހުން ތައްޔާރުކޮށް، ގަވާއިދުން މީޑިއާތަކަށް ފޯރުވައިދިނުމެވެ. އަދި ސްޓެލްކޯ އިން ހިއްސާކުރަން ބޭނުންވާ މައުލުމާތުތައް ސޯޝަލް މީޑިއާ ވަސީލަތްތަކުގައި ޕޯސްޓް ކުރުމާއި މޮނިޓާ ކުރުމަކީ ވެސް ތޮއްޔިބުގެ ޒިންމާއެކެވެ.