20 މާޗް 2024 - 08:27

މޭޒުމަތީގައި އޮތް ފޯނަށް ފުލުފުލުން މެސެޖް އަންނަމުން ދެއެވެ. މުވައްޒަފުންގެ ބައްދަލް ވުމުގެ ރިޔާސަތުގައި އިނީ ނިހާނެވެ. އިރުއިރުކޮޅުން ފޯނު ދިއްލެމުން ދާތީ، ބައެއް މުވައްޒަފުން އޭނާގެ ފޯނަށް ކަޅި އެއްލާ މަންޒަރު ނިހާނަށް ފެނުނެވެ. އެހެންވެ ވާހަކައިގެ ތެރެއިން އޭނާ މަޑުމަޑުން ފޯނު ނަގައި ޖީބަށް ލިއެވެ.
ބައްދަލްވުން ނިމި، އޭނާގެ ކޮޓަރިން އެންމެން ހިނގައްޖެ އެވެ. ހިތްހަމަ ނުޖެހިފައި ހުރެ ނިހާން ފޯނު ބަލައިލިއެވެ. އަންހެނުން، ހައިފާގެ 12 ވަރަކަށް ވައިބާ މެސެޖް އައިސް އޮތެވެ. ނިހާނަށް ޗޮކެއް ކަނޑައިލެވުނެވެ. އެއްވެސް މެސެޖެއް ނުބަލައި އޭނާ ފުރަތަމަ ވެސް ހައިފާއަށް ގުޅީއެވެ.
"އަހަރެން ބުނީމެއްނު ދޭއް ޖަހާއިރަށް ސްޓާފް މީޓިންއެއް އޮންނާނެޔޭ. ދޭއް ޖެހީއްސުރެ ތި މެސެޖް ކުރަނީ. ދެން ބުނާނެ މެސެޖެއް ވެސް ނުބަލައޭ،" ނިހާން ބުންޏެވެ. ރުޅިވެރިކަމާ އެކުގައެވެ.
ނިހާންގެ ޖުމްލަތައް އަޑު އިވިފައި، ހައިފާ އިތުރަށް ރުޅި އައެވެ. އޭނާ ވެސް ބޭނުންވީ އެކަން ހާމަ ކުރާށެވެ.
"ނިހާން ކީއްވެތަ އަހަންނަށް އިސްކަން ނުދެނީ؟ އަހަރެންގެ އެއްވެސް ކަމެއް ނިހާނަށް މުހިއްމެއް ނުވޭ،" ހައިފާ ބުންޏެވެ.
"މުހިއްމު ނުވަނީއެއް ނޫނޭ. ހައިފާ ދެން މާ ކަންތައް ބޮޑީ. އޮފީހުގައި އުޅޭ އިރަށް ބައެއް ފަހަރު ފޯނު ނުނެގިދާނެކަން އެނގެން ޖެހޭނެ. ފޯނު ނުނެގުނަސް ވިހި ތިރީސް މެސެޖެއް ނޫން ފޮނުވާނީ. އެގޮތަށް އަބަދުވެސް ކަންތައް ކުރަނީ. އެއްޗެއް ބުނީމަ އަހަރެން ގޯސް ވާނީ،" ނިހާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
ހައިފާއަށް ވިސްނައި ދިނުމުގެ ބޭނުމުގައި ނިހާން ވާހަކަ ދެއްކިއެވެ. އެކަމަކު ހައިފާއަކީ އަބަދުވެސް ސިނގު ރުޅި އަންނަ ކުއްޖެކެވެ. އޭނާ ނިހާންއާ ވާހަކަ ދައްކާނީ ވެސް ރުންކުރު ގޮތަކަށެވެ. ކަމެއް ގޯހުން ދިޔުމުން މެނުވީ އޭނާއަށް އެއް ކަމެއް ވެސް ނުވިސްނޭނެއެވެ.
"އޮފީސް ނިންމާފައި ރައްޓެއްސަކާއެކު ކޮފީއަކަށް ވެސް ނުގޮސް އަހަރެން މިދަނީ ޑައިރެކްޓްކޮށް ގެއަށް. އެކަމާ ވެސް އުފާ ކޮށްބަލަ. އެހެން މީހުން ގެއަށް އެ ދަނީ އުޅޭނެހާ ތާކު އުޅެފައި. އަހަރެން އެމީހުން ގޮތަށް ނޫޅޭތީ ޝުކުރު ކޮށްބަލަ." ނިހާން ބުންޏެވެ.
ހައިފާ ހުރީ އަޑު އަހާށެވެ. އިތުރަށް އޭނާ އެއްޗެއް ބުނުމުގެ ކުރިން ނިހާން ފޯނު ކަނޑާލިއެވެ.
އޮފީސް ނިންމައި ނިހާން ގެއަށް ދިޔައެވެ. އޭރު ވެސް ހައިފާގެ މޫނުމަތީގެ ކުލަވަރު ރަނގަޅެއް ނޫނެވެ. އެއީ އެއް އިރެއްގައި ވެސް ނިހާންއަށް ކަމުދާ ގޮތެއް ނޫނެވެ. އެހެން ކަމުން އޭނާ ބޭނުންވީ ހައިފާ ހަމައަށް އަޅުވާށެވެ.
"ހައިފާ. އަދިވެސް ރުޅި އައިސްފައިތަ؟ އަހަރެން ހީކުރީ ގެއަށް އަންނަ އިރަށް އަހަންނަށް ފެންނާނީ އަހަރެންގެ އިންތިޒާރުގައި ނިކަން ލޯބިންކަމަށް އިންނާނީ،" ލޯތްބާއެކު ނިހާން ވާހަކަ ދެއްކިއެވެ.
ހައިފާ ތުން އަނބުރާލިއެވެ. އެ މަންޒަރު ފެނި، ނިހާން ގާތަށް ހިނި އައެވެ. މިފަހަރު އޭނާ ހައިފާގެ ކޮނޑަށް އަތް ވައްޓައިލުމަށްފަހު، ހައިފާގެ ބޮލުގައި ބޯ ޖައްސާލިއެވެ.
"ދެން ތިހެން ނީނދެ ދޭބަލަ ކޮފީއެއް ހަދައިދޭން. މިރޭ ވަރަށް ވައި ޖެހޭނެ ކަންނޭނގެ. ސައިކް ބުރެއް ޖަހާލަން ދާން ވާނެ،" ނިހާން ބުންޏެވެ.
އެއާއެކު ހައިފާ ދެ ލޯ ބޮޑުކޮށް، ފުޅާ ހިނިތުން ވުމަކުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ކޮށްލިއެވެ.
"ހަމަ އަސްލުތަ؟ އަހަރެން ވަރަށް ދާހިތްވޭ." ހައިފާ ހުރީ ނިކަން އުފާ ވެފައެވެ. އޭނާގެ މޫޑު ބަދަލުވި ގޮތުން ނިހާން ގާތަށް ހިނި ވެސް އައެވެ.
ނިހާން އޮތީ، ނެޓްފިލްކްސްއިން ކުރީގެ ހިންދީ ފިލްމެއް ބަލާށެވެ. އޭނާގެ ހުރިހާ ހިއްސުތަކެއް ވަނީ ފޯނަށް ގޮސް ހުސްވެފައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ފަރި ބަލަމުންދާ ހައިފާ، އިރުއިރުކޮޅުން ނިހާންއަށް ބަލައިލައެވެ. އެންމެ ފަހަރަކު ވެސް ނިހާން އޭނާއަށް ސަމާލުކަން ދޭތޯއެވެ. އަދި ތައުރީފުގެ ބަހެއް އެއްލާތޯއެވެ. އެކަމަކު ހައިފާގެ ހީކުރުން ވެގެން ދިޔައީ ކުށްހީ އަކަށެވެ. ނިހާންގެ ދެ ލޯ އެ ފޯނުން ނެއްޓޭ ގޮތެއް ނުވިއެވެ. އެކަމާ ފާޑަކަށް ހިތްހަމަ ނުޖެހި ހުރެ، ނޯޓް ބްރޭންޑްގެ ލިޕްސްޓިކެއް އޭނާ ނެގިއެވެ. އަދި އޭނާގެ ހަނި ތުންފަތުގައި އުނގުޅާލަމުން ދެ ތުންފަތް އޫ ކޮށްލީ ތުއި ގޮތަކަށެވެ.
"އަހަރެން ރެޑީ،" ހައިފާ ބުންޏެވެ.
އެއަޑު ނިހާންއަށް އިވުނު ހެންނެއް ހިއެއް ނުވިއެވެ. ހައިފާ ދެވަނަ ފަހަރަށް ޖުމްލަ ތަކުރާރު ކޮށްލިއެވެ. ދެ އަތް އުރާލަމުންނެވެ.
"އޯހް. ނިމުނީ ދޯ؟ މިހާރު އެ އަންނަނީ ވަރަށް ގަދަ ތަންކޮޅެއް. ސަނީ ޑިއޯލް ޖަލު އުފުރާލަނީ،" ނިހާން ބުނެލީ ފޯނަށް ބަލައިލަމުންނެވެ.
"ލޯބި ވެސް ޖައްސާލަބަލަ މި ތަންކޮޅު ބަލައިލަން،" ނިހާން ބުންޏެވެ.
"އަހަރެން ތައްޔާރުވެ މިހުރީ ފިލްމު ބަލާކަށް ނޫނޭ. ސައިކަލް ބުރެއް ޖަހާލަން ދާނަމޭ ބުނީމެއްނު. އެހެންވެ، މިހާ ފިނި ރެއެއްގައި ވެސް މި ފެންވެރީ." ހައިފާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
އެކަން ފާހަގަ ކުރެވުމާއެކު ނިހާން އަވަސް އަވަހަށް ފޯނު ލޮކް ކޮށްލިއެވެ. އަދި ލައިގެން ހުރި ޓީޝާޓުން ރޫ ފިލުވައިލަމުން ތެދުވިއެވެ.
"ނުދާކަށް ނޫޅެމޭ ދޫންޏާ. ފިލްމެއް ބަލަން ފެށުނިއްޔާ އަހަންނަށް އަބަދުވެސް މިވަރު ވާކަން އެނގެއެއްނު. ހިނގާ ދަމާ،" ހައިފާގެ އަތުގައި ހިފާލަމުން ނިހާން ބުންޏެވެ. އިތުރު އެއްޗެއް ނުބުނެ ހައިފާ އޭނާއާ އެކު ހިނގައިގަތެވެ.
ހައިފާ ސައިކަލަށް އެރީ ނިހާން، ހަމަޖެހިލުންނެވެ. އަދި ނިހާންގެ ބުރަކަށި މަތީގައި ތަތްވެ، ދެ އަތުން ބަނޑުގައި ބައްދާލިއެވެ.
"މީހުންނަށް ފެންނާނެ. ތަންކޮޅެއް ދުރުގައި އިނދެބަލަ،" ނިހާން ބުންޏެވެ.
އޭރު އޭނާ ސައިކަލް ސްޓާޓް ކޮށްފިއެވެ. ނިހާން ބުނެލި ޖުމްލައިން ހައިފާ ހިތްހަމަ ނުޖެހުނެވެ. އެކަމަކު އޭނާ ބެލީ ނުރުހުމުގެ ގޮތުން އެއްޗެއް ނުބުނެ ވޭތޯއެވެ.
ނިހާން ދުއްވަމުން ދިޔައީ ރަށުގެ ބޮޑެތި މަގުތަކުގައެވެ. އެ މީހުންނެކޭ އެއްފަދައިން ދެމަފިރިންނާއި ލޯބިވެރިން ފިނި ބުރު ޖަހަން ނިކުމެ އުޅެއެވެ. ދުއްވަމުން ދިޔަ ސައިކަލް، ގޯޅި އަޅާލި ވަގުތު އޭގެ އަލިން މަގު އަރީގައި ހުރި ނުދަންނަ އަންހެން ކުއްޖާގެ ދެ ލޯ ދިޔައީ މެރިގެންނެވެ.
އެވަގުތު އޭނާއަށް މޫނު މަތީގައި އަތް ހުރަސް ކޮށްލެވުނެވެ. އިސާހިތަކު ނިހާނަށް ސައިކަލްގެ ދުވެލި މަޑުކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. އެކަމަކު އެއަށްވުރެ ބޮޑަށް ނިހާނަށް ފާހަގަ ކުރެވުނީ އޭނާގެ ރީތިކަމެވެ. އެ ކުއްޖާއާ ދާދި ގާތުން ނިހާން ދިޔައީ އޭނާއަށް ބަލަމުންނެވެ.
ސައިކަލްގެ ދުވެލި މަޑުކޮށްލެވުނު ކަމާއި މޫނު އަނބުރައި އެ ކުއްޖާއަށް ބެލެމުން ދާ ކަން ނިހާނަށް ރޭކާލީ ފަހަތުގައި އިން އޭނާގެ އަނބިމީހާ އައްޓަމަހެއް ފަދައިން ބުރަކަށީގައި ތަތްވެގަތީމައެވެ.
"ހާދަ ވަރަކަށް އޭނައަށް ތި ބަލަނީ،" ހައިފާ ބުންޏެވެ. ނުރުހުންތެރިކަމާ އެކުގައެވެ.
"އަނހާ، ހައިފާއަކަށް އޭނައެއް ނުފެނޭތަ؟" ދެ ކޮނޑު ހިއްލާލަމުން ނިހާން ބުންޏެވެ.
"ފެނުމާއި ބެލުން ހާސް ބައި ތަފާތު ވާނެ،" ހައިފާގެ އަޑު ބާރު ވިއެވެ.
"އަޖައިބެއް، އެންމެ ދެތިން ސިކުންތު ތެރޭ އަހަންނަށް ވަރަށް އެއްޗެހިތަކެއް ފެންނާނެ ވިއްޔަ،" ނިހާން ބުންޏެވެ.
"އެއްޗެހިތަކެއް ނުފެނުނަސް، ނިހާން ބޯ އަރިކޮށްގެން އޭނައަށް ބެލި ހަމަ،" މިފަހަރު ހައިފާ ވާހަކަ ދެއްކީ ނިހާންގެ ބުރަކަށީގައި ޖަހާލަމުންނެވެ. ދެ ފަރާތަށް ބޯ ހޫރާލަހޫރާލާ ނިހާން އިނެވެ.
"ކޮންމެހެން ރެކެން އުޅޭނެ ކަމެއް ނެތް. ބުނެބަލަ! އަހަންނަށް ވުރެ އޭނަ މާ ރީތިވީދޯ؟" ހައިފާ ހުއްޓާކަށް ނޫޅުނެވެ.
"ޕިސް. ހަމަ ހުވާ އަހަންނަކަށް ނޭނގެ އޭނަ ހުރި ސިފައެއް ވެސް. ދެވަނަ ފަހަރަށް އޭނަ ގައިގައި އަޅައިގަނެފައި ވެއްޓުނަސް އަހަންނަކަށް ނޭނގޭނެ." ނިހާން ބުންޏެވެ.
ހައިފާ އިނީ ގަބޫލު ކުރާ ހިތަކުން ނޫނެވެ. އޭނާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. މަގު އަރީގައި ހުރި އަންހެން ކުއްޖާއަކީ ސާދަވިލޭރޭގެ ހަނދެއްފަދަ ރީތި ކުއްޖެކެވެ. ހައިފާއާ ހިލާފަށް އެއީ ހިކި ކުއްޖެކެވެ. އިސްކޮޅުން ދިގު ވެފައި އޭނާގެ އިސްތަށިގަނޑު ވެސް އެހާމެ ދިގެވެ. ޕަރީއެއް ފަދަ އެ ޝެހެޒާދާއަށް އެއްފަހަރު ވެސް ނިހާންގެ ލޮލުން ބަލައިލާކަށް ހައިފާއެއް ނޭދެއެވެ.
"ތިހެންނޭ ބުނާނީ. އަހަރެން ވެސް އެ ކުއްޖާ ދުށީމޭ. އަހަރެން ބެލިން ނިހާން އުޅުނު ގޮތް ވެސް. އާގަމަ ވެފައި އިނީ." އަނެއްކާ ވެސް ހައިފާ ނިހާންގެ ބުރަކަށީގައި ގޮށްމުށުން ޖަހައިލިއެވެ.
"ދެން ކީކޭ މަ ކިޔާނީ؟ ހައިފާއަށް އޭނަ ފެނުނު ގޮތަށް މަށަށް ވެސް ފެނުނީ. ތިހާ ވަރުތަކެއް ތި އަރުވަނީ ސައިކަލުން ފުންމާލައިގެން ގޮސް މަ އޭނަ އުރީތަ؟" ނިހާން ބުންޏެވެ. މި ފަހަރު އޭނާ ރުޅި އަތުވެއްޖެއެވެ.
"ތިހެންނެއް ނުބުނަމެއްނު. އަހަރެން ކިތަންމެ ރީތި ހެދުމެއް ލިޔަސް ލޮލުގެ ހިމަކޮޅުން ވެސް ނިހާން އަހަންނާ ދިމާލަކަށް ބަލައިނުލާނެ. ދުވަހަކު ވެސް ތައުރީފުގެ ބަހެއް ނުބުނާނެ. އެކަމަކު ހިލޭ އަންހެނަކު ފެންނަ އިރަށް ލޮލުގެ އޮށް ވެސް ފުންމައިގެން ބޭރަށް ވެއްޓޭ ވަރުވާނެ." ހައިފާ ޝަކުވާ ކުރިއެވެ.
"އަޅެ ފަހެ މަގޭ މީހަކު މަރައިގެންތަ ތި ވަރަށް އެއްޗެހި ތި ގޮވަނީ؟ ކުއްލިއަކަށް ގޯޅި އަޅާ އިރު، އެތާ އެ ކުއްޖާއެއް ނޫން، ގަހެއް ނޫނީ ރުކެއް ހުއްޓަސް އަހަންނަށް ބަލައިލެވޭނެ. ބުޅަލެއް އޮތަސް ހަމަ ބޭއިހްތިޔާރުގައި ބަލައިލެވިދާނެ. ކޮންމެހެން އޭނަގެ ސިފަ ރީތި ވެގެން އާޝޯހު ވެގެންނެއް ނޫން އަހަރެން ބަލައިލީ." ރުޅި ގަދަ ވީ ވަރަކަށް ސައިކަލްގެ ދުވެލި ވެސް އޭނާ ދިޔައީ ބާރު ކުރަމުންނެވެ.
"ކޮންމެހެން މާ ބާރަށް ދުއްވާނެ ކަމެއް ނެތް. ކިތަންމެ ބާރަށް ދުއްވިޔަސް، މިރޭ ނިހާން އޭނައަށް ނުބަލާ ކަމަށް ނުވާނެ. މީހާ އިތި އަރައިގެން ގޮސް ހީވީ ކަނދުރާއަށް ނާރު އަރާފައި ހުރިހެން." ހައިފާ ބުންޏެވެ.
ހައިފާގެ ވާހަކަ ހުރި ގޮތުން ނިހާންގެ ލޭ ކެކެމުން ދިޔައެވެ.
"ތިހުރީ ކަލޭގެ ފެންވަރު. ފިރިމީހާއާ ވާހަކަ ދައްކާ އިރު ބަސްމަގު ހުރި ގޮތް. ތިޔަ ކަހަލަ މީހަކު އަޅުވައިފާނެ ކޮންމެ ފަދަ އިލްޒާމެއް ވެސް. އަދި ބުންޏަކަސް ގަބޫލެއް ވެސް ނުކުރެޔޭ." ނިހާންގެ އަޑު ބާރުވެއްޖެއެވެ.
"ގަބޫލެއް ނުކުރާނެދޯ މަ ކުރިމަތީގައި ހިނގި ކަމެއް ވިއްޔަ،" ހައިފާ ބުންޏެވެ.
"އަޅެ ކަމެއް ހިނގައިފިތަ މިތާ؟ ޝަހާދެއް މި ބުނީ ތިއީ ވަރެއްގެ އަންހެނެއް. ތިއީ އަހަރެން ވަރަށް ފޫހިވާ ސިފައެއް އިނގޭ. ގޮތް ދޫކޮށްފައި ދެން ޒުވާބު ހުއްޓާލަން އުޅޭ." ކުޑަކޮށް ފަހަތް ބަލައިލަމުން ނިހާން ބުންޏެވެ. އޭރު ވެސް ހައިފާގެ މޫނުމަތި ބަލައިލަން ނުކެރެއެވެ.
"އަހަރެން ކަޅުވީމަތަ ދޮން އަންހެނަކު ފެންނަ އިރަށް ހޭބަލި ވަނީ؟" ހައިފާ އިނީ ހުއްޓާ ގޮތަކަށް ނޫނެވެ. ހީވާ ގޮތުން އޭނާ ބޭނުންވަނީ އަދިވެސް އެ މައްސަލަ ބޮޑު ކުރާށެވެ. ޒުވާބު އާ ކުރާށެވެ.
"ހޭބަލި ވާކަން އަންގާލަންވީތަ؟ ހީ ނުކުރައްޗޭ އަހަންނަށް ހައިފާ ދޫކޮށްލަން ނުކެރޭނެ ކަމަށް. މިހާރު ދެން މާ ކަންތައްގަނޑު ބޮޑު ވިއްޔޭ މި،" ނިހާން އިންޒާރު ދެމުން ބުންޏެވެ.
"ވަރި ކޮށްބަލަ. ތިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެން ދޫކޮށްލަންތަ؟ އާނ އޭރުން ދޯ އެ ކުއްޖާ ގާތަށް ދެވޭނީ. އެ ކުއްޖާ ހޯދޭނީ،" ދެއަތް އުރާލަމުން ހައިފާ ބުންޏެވެ.
"ކިހާ ދެރަކަމެއްތަ؟ ތި ހުރީ ވަރި ކޮށްފައި. ދެން ކަލޭ އަނގަ ތަޅުވަބަލަ. ދެން ކިޔާބަލަ ކިޔާނެ އެއްޗެއް،" ނިހާން ބުންޏެވެ.
ހައިފާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއްޗެއް ބުނަން ނޭނގިފައި އިންދާ ދުއްވާފައި ދިޔަ ސައިކަލް ގޮސް މަޑުކޮށްލީ ހައިފާގެ މަންމަގެ ގޭ ދޮރުމައްޗަށެވެ.
"ފައިބާ! މިހާރު ތިއީ މަށާ ބެހޭ މީހެއް ނޫން. އަހަރެން ކަލޭ ގެންދިޔަ ގެއަށް މި ގެނައީ." ނިހާން ބުންޏެވެ.
ހައިފާ އިނީ ސައިކަލުން ފައިބަން ވެސް ނޭނގިފައެވެ. ދެ ފަހަރަކު ނިހާންގެ ރުޅިވެރި އަޑުން ފައިބަން ބުނުމުން އޭނާ އަވަސް އަވަހަށް ފޭބިއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑު ވުމެވެ.
"އަހަރެން ހީކުރީ،" ހައިފާ ވާހަކަ ދައްކަން ފެށުމުން ނިހާން އޭނާގެ ޖުމްލަ ހުއްޓުވިއެވެ.
"ހީކުރީ ހީކުރީ އެއް ކިޔާނެ ކަމެއް ނެތް. ތިއީ ފިރިމީހާއަށް އިހްތިރާމްކުރަން ނޭނގުނު އަންހެނެއް. ދެން ހުރޭ މި ގޭގައި. އަހަންނަށް އުނދަގޫ ކުރަން އައިސްގެން ނުވާނެ." ރުޅިވެރި ލޮލަކުން ނިހާން ބަލައިލިއެވެ.
އަދި ބާރުބާރަށް ސައިކަލް ދުއްވާލީ، އޭގެ ފަހަތު ފުރޮޅުން އެރި ދުންތައް ހައިފާގެ މޫނަށް ބުރުވާލަމުންނެވެ. މޫނުމަތީ އަތް ހޫރާލަމުން ހައިފާ ފަހަތަށް ޖެހިލިއެވެ. އޭރު ނިހާން ދިޔަ ސައިކަލްގެ އަލި ފެންނަނީ ކިރިޔާއެވެ.
އެ އައްޔާއެކު ނިވުނީ ނިހާންއާއި ހައިފާގެ ކައިވެނީގެ ހުޅުކޮޅެވެ. ކުޑަކުޑަ ކަމަކުން އުފެދުނު ޒުވާބު މިފަދަ ހިތި ގޮތަކަށް ނިމި ދާނެ ކަމަށް އެމީހުން ހިއެއް ނުކުރެއެވެ. އެހެނަސް ފިނި ބުރު ޖަހަން ނިކުތް ދެމަފިރިންގެ ޖަވާޒީ ހަޔާތުގައި ސިއްކަ ޖެހިގެން އެ ދިޔައީ ހަމަ ވަރަށް ވެސް ކުޑަކުޑަ ކަމަކުންނެވެ.
ނިމުނީ