20 މާޗް 2024 - 06:19

އިޒްރޭލުން މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަނެއްގައި ހަމާސް ޖަމާއަތުގެ ތިން ވަނަ ކޮމާންޑަރު އަވަހާރަކޮށްލާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޯން ކޯލްގެ ތަފްސީލް ދެއްވަމުން ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން އެވެ.
ސުލިވާން ވިދާޅުވީ އިޒްރޭލުން ހަމާސްގެ ގިނަ އަދަދެއްގެ މަރުކަޒުތައް ނައްތާލައި، ހަމާސްގެ އިސް ކޮމާންޑަރުން ހިމެނޭ ގޮތަށް 1000 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.
"ބާކީ ތިބި އިސް ލީޑަރުން އުޅެނީ ފިލައިގެން. ބޮޑަށް ބެލެވޭ ގޮތުގައި ހަމާސްގެ ޓަނަލް ނެޓްވޯކްގެ އަޑީގައި. އެ މީހުންނާ ވެސް އިންސާފު އަރައި ހަމަކުރާނެ،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން މި މަހު 11 ވަނަ ދުވަހު ބުނެފައި ވަނީ 9 އަދި 10 ގައި މެދުތެރޭ ޣައްޒާގެ ބިމުގެ އަޑީގެ ކޮމްޕައުންޑަކަށް ވައިގެ ހަމަލާއެއް ދީފައިވާނެ ކަމަށާއި އީސާ އުޅޭ ތަން ކަމަށެވެ. އޭނާ އަކީ އޮކްޓޯބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާގެ ރޭވުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ވެސް ބުންޏެވެ.
އީސާ އަކީ ހަމާސްގެ ހަތިޔާރު އެޅި ގޮތްޕެއް ކަމަށްވާ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްސްގެ އިސްވެރިޔާ މުހައްމަދު ދީފްގެ ނައިބެއް ކަމަށް އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ރިއާ އެޑްމިރަލް ޑޭނިއަލް ހަގާރީ އޭރު ވިދާޅުވި އެވެ.
އެކަމަކު ހަގާރީ އޭރު ވިދާޅުވީ އެ އޮޕަރޭޝަންގައި އީސާ އަށް ވީ ގޮތެއް ސާފު ނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. -- އޭއެފްޕީ