ލެވަންޑޯސްކީ ދެކެ ނޮދަން އަޔަލެންޑުން ބިރެއް ނުގަނޭ
ލެވަންޑޯސްކީ ދެކެ ނޮދަން އަޔަލެންޑުން ބިރެއް ނުގަނޭ

ނީސް، ފްރާންސް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޮލެންޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދެކެ ބިރު ނުގަންނަ ކަމަށް ނޮދަން އަޔަލެންޑުގެ ކޯޗު މާޓިން އޮނީލް ބުނެފި އެވެ.

މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބައިނަލްއަގްވާމީ މުބާރާތެއްގައި ނޮދަން އަޔަލެންޑުން ވާދަކުރާ ފުރަތަމަ ފަހަރެވެ.

ލެވަންޑޯސްކީ އަކީ ޔޫރޯ ކޮލިފައިންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ކޮލިފައިންގައި 13 ލަނޑު ޖަހައިފަ އެވެ. އޮނީލް ބުނީ މިރޭގެ މެޗަށް ނުކުންނައިރު ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ އަށް ސަމާލުވާނެ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ޓީމަކުން ވެސް ލެވަަންޑޯސްކީ ބޭނުންވާނެ. ސްވިޑަން އަށް އިބްރާހިމޮވިޗް މުހިއްމުވާ ހެން ޕޮލެންޑަށް ލެވަންޑޯސްކީ ވެސް މުހިއްމު. ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ލެވަންޑޯސްކީ ހިމެނޭ. އެކަމަކު އަހަރެމެން އޭނާ ދެކެ ބިރެއް ނުގަނޭ،" ކުރިން ސެލްޓިކާއި އެސްޓަން ވިލާ އަށް ކޯޗުކޮށްދިން އޮނީލް ބުންޏެވެ.

އޮނީލް ބުނީ އޭނާ ޓީމުގައި ހިމެނޭ ޑިފެންޑަރުންނަކީ ޕްރިމިއާ ލީގުގައި އެންމެ މޮޅު ފޯވާޑުންނާ ދެކޮޅަށް ކުޅޭ ޑިފެންޑަރުން ކަމަށް ވުމުން ލެވަންޑޯސްކީ ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިރޭގެ މެޗުގެ ކުރިން ޕޮލެންޑް ވަނީ ބަލިނުވެ 12 މެޗު ހަމަކޮށްފަ އެވެ. އޮނީލް ބުނީ މިއީ ފާއިތުވި 30 އަހަރަށް ބަލާއިރު މިއީ އެ ގައުމުގެ ފުޓްބޯޅަ އަށް ހާއްސަ މެޗެއް ކަމަށެވެ.

ޕޮލެންޑާއި ނޮދަން އަޔަލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.