ކާށިދޫ އަލިފާނުގެ ހާދިސާ: ދެ ސަޕްލައި ދޯނި އަނދައި ހުލި، ބެލެވެނީ ރޯކޮށްލީ ކަމަށް
ކާށިދޫ އަލިފާނުގެ ހާދިސާ: ދެ ސަޕްލައި ދޯނި އަނދައި ހުލި، ބެލެވެނީ ރޯކޮށްލީ ކަމަށް

ކ. ކާށިދޫ ހިއްކި ސަރަހައްދުގައި އެހެލާފައި އޮއްވައި ރޯވި އަލިފާންގަނޑުގައި ދެ ސަޕްލައި ދޯނި އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އާމިރު، "މިހާރު" އަށް ވިދާޅުވީ ރޭ މެންދަމު 1 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ދެ ސަޕްލައި ދޯންޏާއި އޭގެ ކައިރީ އެކެލާފައި އޮތް ބޮއްކުރާއެއް ވެސް އަނދައި ހުލިވެފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގަޑިއިރެއްހާއިރު ވަންދެން އަލިފާންގަނޑު ނިއްވާނުލެވި އޮތެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްވިއިރު އެއިން އެކައްޗެއް ވެސް އޮތީ ބޭނުންކުރެވޭ ހާލަތަކު ނޫނެވެ.

"ދޯނިތައް އެއްކޮށް އަނދައި ހުލިވީމަ އަލިފާންގަނޑު ނިވުނީ،" އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މި އުޅަނދުތަކަކީ ތިން މީހެއްގެ އުޅަނދުތަކެއް ކަމަށެވެ.

ކާށިދޫ ހިއްކި ސަރަހައްދުގައި ދޯނިފަހަރު އެހެލާފައި އޮވެ އެވެ. ރޭ އަލިފާނުގެ ހާދިސާ ހިނގި ދޯނިތައް ކައިރީ ޑިންގީއަކާއި އިތުރު ދޯނިތައް ވެސް އޮތެވެ. އެކަމަކު އަލިފާންގަނޑު ފެތުރުމުގެ ކުރިން ޑިންގީ ދުރު ކުރެވުނު ނަމަވެސް އަލިފާންގަނޑުގެ ހޫނުގަނޑާއެކު ބޮއްކުރާ ދުރު ނުކުރެވުނީ ކަމަށް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި މީހަކު ރޯކޮށް ނުލާ ނަމަ، އެ ދޯނިތަކުގައި އަލިފާން ރޯވާންވީ ސަބަބެއް ނެތެވެ.

"މިއިން ދޯންޏަކީ ގޭސް ފުޅިއެއް، އިންޖީނެއް ހުރި ދޯންޏެއް ނޫން، އެކަހަލަ އެއްޗެއްގައި ރޯވެގެން އަލިފާން ހިފާކަށް ވެސް. އެހެންވީމަ ފެންނަ ފެނުމަށް ބޮޑަށް ބެލެވެނީ މިއީ ހަމަ މީހަކު ކުރި ކަމެކޭ،" އާމިރު ވިދާޅުވި އެވެ.

ރޯވި ބޮޑު ދެ ދޯންޏަކީ ވެސް އެހެލާފައި އޮންނަތާ ވަރަށް ދުވަސްވެފައިވާ އުޅަނދުތަކެކެވެ. އެ ދޯނިތަކުގެ ފޫވެއްޓި، އެކި ތަންތަނުން ހަލާކުވެގެން ބޭނުންނުކޮށް، އެތަނުގައި ބަހައްޓާފައި ހުންނަތާ ތިން އަހަރަށް ވުރެ ދުވަސްވެއްޖެ އެވެ.

ރޯވި ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނަސް އަދިވެސް އެތަނުން ދަނީ ދުން އަރަމުންނެވެ.