ތިޔަ ލޯތްބާ ދުރަށް
ތިޔަ ލޯތްބާ ދުރަށް

އަހަރެން މާލެ އައީ ކިޔަވާށެވެ. މަންމަ އަހަރެން މާލެ ފޮނުވީ އަހަރެންގެ ނުރުހުމުގައެވެ. މަންމަ ބަލިވެ އުޅޭތީ، މާލެ އަންނަން ބޭނުން ނުވާ ކަމަށް އެތައް ފަހަރަކު ބުނީމެވެ. ނަމަވެސް މަންމަ އަހަރެން ފޮނުވީ ނުވެސް ދަންނަ ބައެއްގެ ގާތަށެވެ. އެމީހުން ގޯހެއްނޫނެވެ. ނަމަވެސް ދައްތަގެ މޫނުމަތީގެ ޝުއޫރުތަކާއި ވާހަކަ ދައްކާ ރާގުން އަހަރެންދެކެ ފޫހިވާހެން ހީވެއެވެ. ބޭބެ ވެސް އަހަންނާ މާގިނަ ވާހަކައެއް ނުދައްކައެވެ.

ކަންމިހެން ހުރުމާއެކު އަހަރެން ބޭނުންވީ ރަށަށް ދާށެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، އަހަންނަށް ލިބުނީ މަންމަ ނިޔާވި ހަބަރެވެ. މޫނު ބަލައިލަން ވެސް ދާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. އެހިސާބުން މުޅި ދުނިޔެއަށް ގިނަވެއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. އެނބުރި ރަށަށް ދާން އުޅުމުން އަހަރެން މަޑުކުރުވީ މި ހުންނަ ގޭ ބޭބެއެވެ.

އެކަމާ ދައްތައާއި ބޭބެ ކިތަންމެ ފަހަރަކު ޒުވާބު ކުރާ އަޑު އަހަރެން އަހަމެވެ. ދައްތަގެ ޝަކުވާއަކީ ކިޔެވުމަށް އަހަންނަށް ބޭބެގެ އަތުން ފައިސާ ހަރަދު ކުރާތީއެވެ. އެންމެފަހުން އަހަންނަށް ޖެހުނީ ކިޔެވުން ހުއްޓާލާށެވެ. ނަމަވެސް އެގޭގައި އަހަންނަށް ހުރެވޭނެ ކަމަށް ބޭބެ ބުންޏެވެ. އެއާއެކު އެގޭގައި ގެންގުޅޭ ނޭޕާލް އަންހެން މީހާ ގައުމަށް ފޮނުވާލަން ދައްތަ ބޭނުން ވެއްޖެއެވެ. އަދި އެގޭގައި ހިލޭ ހުރެވޭނީ ގޭގެ މަސައްކަތްތައް ކޮށްގެން ކަމަށް ވެސް އޭނާ އެންގިއެވެ.

އެރޭ ހަތަރު ދަމު އަހަންނަށް އެކަމާ ވިސްނުނެވެ. އަހަރެންގެ މުސްތަގުބަލާ މެދު ސުވާލު ކުރެވުނެވެ. ތަގުދީރުގައި އަހަންނަށް އޮތީ ކޮން ގޮތެއްބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ދައްތަގެ ޝަރުތަށް އަހަރެން އެއްބަސްވީމެވެ. އެއީ އެ ނޫން އިތުރު ގޮތެއް އަހަންނަށް ނެތީމައެވެ. އުމުރުން އެންމެ 17 އަހަރު، އަހަރެންގެ ބޮލުގައި ބޮޑެތި ޒިންމާތަކެއް އެޅުވިއެވެ. މިހާރު ދައްތަ ކުރާ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް އަހަރެން ކެތްކުރީ ދާނެ އިތުރު ތަނެއް ނެތީމައެވެ.

ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު މެލޭޝިއާއިން ކިޔަވާ ނިންމައި، އެނބުރި މާލެ އައި ދުވަހެވެ. ފަތިހުއްސުރެ ބަދިގެއަށް ވަދެ އަހަރެން ކާ އެއްޗެހި ތައްޔާރު ކުރީ ދައްތަ ދިން ލިސްޓަށެވެ. ސުފުރާ މައްޗަށް ކާއެއްޗެހި އެރުވުމަށްފަހު ފެންވަރަން ދިޔައީމެވެ. އެނބުރި އައި އިރު ދައްތައާއި ބޭބެގެ އިތުރުން ޔާމިން ވެސް އިނީ ކާށެވެ. ކާގެ ދޮރުމަތީގައި ހުއްޓުމާއެކު ޔާމިން ބަލައިލިއެވެ.

އެހިނދު އަހަންނަށް ވެސް އޭނާއަށް ބެލެން ފެށިއެވެ. އެއީ ރީތި ޒުވާނެކެވެ. ހަމުގެ ކުލަ އަލިވެފައި ބޮލުގެ އިސްތަށިގަނޑު ކޮނޑާހަމައަށް ދިގުކޮށްފައި ހުރުމުން އަހަންނަށް އޭނާ ވަރަށް ކަމުދިޔައެވެ. އެއާއެކު އަހަރެންގެ ހައިސިއްޔަތަކީ ކޮބައިކަން ސިކުނޑި ހަނދާންކޮށްދޭން ފެށިއެވެ. އަދި އެންމެ މަތީ ހަރުފަތުގައި އޮތް ހިތް އޭގެ މަގާމުގައި ބޭއްވީމެވެ.

"އެއީ މިގޭ ގެންގުޅޭ ކުއްޖާ." ދައްތަ ބުންޏެވެ. ފޫހި ރާގެއްގައެވެ.

އޭރު ވެސް ކަތި ނަޒަރަކުން ޔާމިން އަހަންނަށް ބަލަމުން ދާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރެން މަސައްކަތް ކުރީ އޭނާއަށް ނުބަލައި ވޭތޯއެވެ. ފޯނެއް އައުމުން ބޭބެ ނިކުމެއްޖެއެވެ. އަހަރެން ދިޔައީ މޭޒުމަތީ ހުރި، ހުސް ތަށިތައް ނަގަމުންނެވެ. އަސުރު ނަމާދު ބަންގީގެ އެލާމް އަޑަށް ދައްތަ ވެސް ތެދުވިއެވެ.

"މިހާރު މިގޭގައި ހަދާ އެއްޗެހި ހާދަ މީރޭ." ޔާމިން ބުންޏެވެ.

އެ އަޑުގައިވާ އަސަރުތަކުން އަހަރެންގެ ހިތަށް އުނދަގޫ ވެއްޖެއެވެ. ނަމަވެސް ރައްދެއް ނުދެމެވެ. ޔާމިން އަތް ދޮންނަން ޖާގަ ދެމުން ދުރަށް ޖެހިލީމެވެ.

"ވަރަށް ދުވަސް ވެއްޖެތަ މިގޭގަ އުޅެނީ؟" ޔާމިން އެހިއެވެ. ބޯ ޖަހައިލަމުން އަހަރެން ފުއްދާލީމެވެ.

އިސްއުފުލައި އޭނާއަށް ބަލައިލަން ނުކެރި އަހަރެން ހުރީމެވެ. އޭނާ ވާހަކަ ދައްކާ ރާގުގައި ތަފާތު ކަމެއް ހުއްޓެވެ. އެގޮތް ވެސް އަހަންނަށް އެހާ ކަމުދިޔައެވެ.

"މާލެ މިއައީ އަންނަ ހިތަކުން ނޫން. އެކަމަކު ދެން ހިއެއްނުވެ ގްރެޖުއޭޝަނަށް ވެސް ދެވިދާނެ ހެންނެއް." ޔާމިން ބުންޏެވެ.

ލަދުން ގޮސް އަހަންނަށް ތުންފަތުގައި ދައި ގަނެވުނެވެ. ވަގު ލޮލަކުން ޔާމިންއާ ދިމާލަށް ބަލައިލި އިރު އޭނާ ނިކުމެގެން ދަނީއެވެ. އެއާއެކު އަހަންނަށް ދެލޯ މަރައިލެވުނެވެ. އަދި ދެ އަތުން މޭގައި އަތްޖައްސާލީމެވެ. ފުރަތަމަ ފަހަރަށް ހިތަށް އާދަޔާ ހިލާފް ގޮތެއް ވެއްޖެކަން ގައިމެވެ. އެއާއެކު ބޭއިހްތިޔާރުގައި ހިނިތުން ވެވުނެވެ. ލޯ ހުޅުވާލެވުނީ ވެސް ލަދުގަނެފައި ހުރެއެވެ. އެއާއެކު އަނެއްކާވެސް އަހަންނަކީ ކިހާ ފެންވަރެއްގެ މީހެއްކަން ޒަމީރު ހަނދާންކޮށްދޭން ފެށިއެވެ. ދެ ލޯ ފެންކަޅި ވެއްޖެއެވެ. ނަމަވެސް ހިތުގައި ޖަހާލި އާ ވިންދުގެ އަސަރު މުޅި ހަށިގަނޑަށް އޭރު ފޯރުވަމުންދެއެވެ.

ހެނދުނުހެނދުނާ ސައި ތައްޔާރުކޮށް، އަހަރެން ބެލީ ކޮޓަރިއަށް ދެވޭތޯއެވެ. ޔާމިން އައުމުގެ ކުރިން އޭނާގެ ލޯމަތިން ފިލޭތޯ ބެލީމެވެ. އެއާއެކު އަހަންނަށް ފެނުނީ ފަރާތްފަރާތް ބަލަމުން އޭނާ އައިސް ބަދިގެއަށް ވަން ތަނެވެ. އަހަރެން ދިޔައީ ސިހިގެންނެވެ.

"ހަމަ އަބަދުވެސް ތިހެން ރުޅި އައިސްތަ ހުންނަނީ؟" ޔާމިން ސުވާލު ކުރިއެވެ.

އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. މޭޒުމަތީގައި ހުރި މޭވާ ވަށިގަނޑުން އޮރެންޖެއް ނަގައި، މައްޗަށް އުކާލައުކާލަ އޭނާ ހުރީ ހެވިފައެވެ.

"މިހާރު ގައިމު އަހަރެން ބީރައްޓެއްސެއް ނުވާނެ." ޔާމިން ބުންޏެވެ. އިވޭ ކަމަށް ނަހަދާ ދެއަތް ދޮވެލައިގެން ބޭރަށް ނިކުންނަން ހިނގައިގަތީމެވެ.

"ދެން ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ؟ ބިރު ގަންނަނީދޯ؟ އަނެއްކާ ބިޓެއް ހުރޭތަ؟" އޭނާގެ ސުވާލުތަކުން އަހަންނަށް އުނދަގޫވާން ފެށިއެވެ. ފަރުވާލެއް ނުބަހައްޓާ އަވަހަށް ނިކުންނަން ހިނގައިގަނެވުނީ ވެސް އެހެންވެއެވެ.

ނިކުމެގެން ދިޔައިރު ބޭބެ ދުރުގައި ބަލަހައްޓައިގެން ހުރި ތަން ފެނުނެވެ. އެހެންކަމުން އަހަރެން ވަރަށް ބިރު ގަނެއްޖެއެވެ. އަހަރެން އެއްވެސް ކުށެއް ނުކުރަމެވެ. ނަމަވެސް ނުބައި އިލްޒާމެއް ބޮލުގައި އެޅި ދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.

ކޮޓަރިއަށްވަދެ، އަލަމާރީގައި ހަރުކޮށްފައިވާ ލޯގަނޑު ކުރިމަތީގައި ހުއްޓި މީހާގެ ސޫރައަށް ބަލަން ފެށީމެވެ. މި ރީތި ސޫރައަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވެއްޖެޔޭ ހީކުރެވުނެވެ.

އެކި ގޮތްގޮތުން ޔާމިން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން އޭނާގެ އެއްވެސް އިޝާރާތަކަށް ނުބަލަމެވެ. އެންމެ ފަހުން އޭނާގެ ކެތްތެރިކަން ކޮޅުންލީ ކަންނޭނގެއެވެ. ދައްތަމެން ނަމާދަށް އެރި ވަގުތު އޭނާ އައިސް އަނެއްކާވެސް ބަދިގެއަށް ވަދެއްޖެއެވެ. އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު އަހަންނާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.

"ކީއްވެތަ އަހަންނަށް ފިލަނީ؟ އަހަރެން މިއުޅޭ ގޮތުން އަނާއާ ލައިކް ވާކަން ނޭނގެނީތަ؟" ހިތްހަމަ ނުޖެހިފައި ހުރެ ޔާމިން ބުންޏެވެ.

"ބޭނުންހާ އެއްޗެއް ތިހެން ނުކިޔާ. އަހަންނަކީ މިގޭގައި ގެންގުޅޭ ނޯކަރެއް. އަހަންނާހެދި ތިހެން ނޫޅޭ." އަހަރެން ބުނީމެވެ. މަޑުމަޑުންނެވެ.

ޔާމިންއާ ދުރަށް ޖެހިލުމާއެކު ދޮރުމަތީގައި ފުޅިއެއް ހިފައިގެން ހުރި ދައްތަ ފެނުނެވެ. އަހަންނަށް ދެލޯ ބޮޑުކޮށްލެވުނު ގޮތުން ޔާމިންވެސް ދޮރާ ދިމާލަށް ބަލައިލިއެވެ.

"އަހަންނަށް މި ފެންނަނީ ކޮންކަހަލަ މަންޒަރެއް؟ ޔާމިން؟" ޔާމިންގެ މަންމަ ހައްވަ ބުންޏެވެ.

ޔާމިން އިސްޖަހާލިއެވެ. އަދި އަހަންނާ ދިމާލަށް ބަލައިލިއެވެ. އައިސްއަލަމާރީގައި ބުރަކަށި ޖައްސައިގެން އަހަރެން ހުރީމެވެ. ވަރު ދޫވެފައެވެ. އަހަންނާމެދު ދައްތަ ދެކޭނެ ގޮތެއް ނޭނގޭތީ ބިރު ވެސް ގަނެފައެވެ.

"އެނޫން މީހަކު ޔާމިންއަށް ނުފެނުނީތަ؟" ރުންކުރު ރާގެއްގައި ދައްތަ ބުންޏެވެ. އެހިނދު އަހަންނަށް ދެ ލޯމަރާލެވުނެވެ.

"ކިހިނެއްވީ؟ މިއަށްވުރެ ވަކި ގެވެހި ކުއްޖަކު ލިބިދާނެތަ؟ މި ވީ ދުވަސްކޮޅު ވެސް އަހަންނަށް ފެނިއްޖެ އަނާ، މަންމަމެންނާ މެދު އޯގާތެރިކޮށް ހިތާ މިންވަރު،" ޔާމިން ބުންޏެވެ.

ނަމަވެސް އޭރު ވެސް ހައްވަގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ.

"މި ގެއަށް އަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އަނާއަކީ މިގޭ ގެންގުޅޭ ކުއްޖާކަން. ޔާމިނަކީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު. ޔާމިން މި އަނާއާ ކައިވެނި ކުރެވޭ ހިސާބުން މުޅި ދުނިޔެ ވެސް އަހަރެމެންނަށް މަލާމާތް ކުރާނެ،" ހައްވަ ބުންޏެވެ. އޭރު އަހަންނަށް ރޮވެން ފަށައިފިއެވެ.

"މީހުން މަލާމާތް ކޮށްފާނެތީ މަންމަ ލަދުގަތަސް އަހަރެން ލަދެއް ނުގަނެޔޭ. އަހަރެން ބޭނުން އަނާ." އަޑަށް ބާރު ލައިފައި ޔާމިން ބުންޏެވެ.

"ދުވަހަކު ވެސް ތިކަމެއް ނުވާނެ." ހައްވަ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"އަހަންނަކީ މަންމަމެންގެ ހުރި ހަމައެކަނި ދަރިފުޅަށް ވީތީ މިއަދު އަހަރެން ދެރަވޭ. އެކަމާ ހިތާމަ ކުރަން." ޔާމިން ބުންޏެވެ.

އެ ވަގުތު ހައްވަގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގަތެވެ. އެހެންކަމުން ޔާމިން އިތުރަށް ތަފްސީލް ކުރަން ފެށިއެވެ.

"މަންމަމެންގެ ހުރި ހަމައެކަނި ދަރިފުޅަކީ އަހަންނޭ ހިތައި، އަބަދުވެސް އަހަރެން ބަލަނީ މަންމަމެން އުފާކޮށްދޭން. އެކަމަކު މިފަހަރު އަހަރެންގެ އުފާތަކާމެދު މަންމައެއް ނުވިސްނާ." ޔާމިން ބުނީ ބާރަށެވެ.

ނަމަވެސް ޔާމިންގެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދައްތަ އަހަންނާ ދިމާލަށް ބަލައިލިއެވެ.

"މާދަމާ ވެސް ބޯޓެއް އޮތްތޯ ބަލަންވީ. އަވަހަށް ރަށަށް ދާން ތައްޔާރުވޭ." ދައްތަ ބުންޏެވެ. ކިޔަމަންތެރިކަމާ އެކު އަހަރެން ބޯ ޖަހާލީމެވެ.

"އަހަރެން ވެސް އަނާއާއެކު ދާނަން." ޔާމިން ބުންޏެވެ. އަދި އޭނާ އަހަންނަށް ބަލައިލިއެވެ. އެ ބަލައިލުމުގައިވާ ފުން އަސަރުތައް އަހަންނަށް އިހްސާސް ކުރެވުނެވެ.

"އަހަރެން ޔާމިންއަށް އެއްވެސް އުއްމީދެއް ނުދެމެއްނު. މައިންބަފައިން ދޫކޮށްފައި އަހަރެންގެ ފަހަތުން ނާދޭ." އަހަންނަށް ބުނެވުނެވެ.

އިތުރަށް އެތާ، މަޑެއްވެސް ނުކުރަމެވެ. އަހަރެން ބެލީ ދައްތައާއި ޔާމިންގެ ކުރިމަތިން ދެވޭތޯއެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅުމަތީގައި އަހަރެން ގަނޑުވީ ދޮރުމަތީ ހުރި ބޭބެ ފެނިއެވެ. ބޭބެގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އަހަންނަށް އިސްޖަހާލެވުނު އިރު ރޮވިއްޖެއެވެ. ލަދުވެސް ގަނެއްޖެއެވެ.

"އަހަރެން އެއްވެސް ކަމެއް ނުކުރަން." އަހަންނަށް ބުނެވުނެވެ.

"ހޯން. ކަމެއްވާ ނުކުރޭ. އަހަރެމެންގެ ދަރިފުޅޭ އެ ޖަހައިގަތީ." ދައްތަ ބުންޏެވެ. ރުޅި އައިސް ހުރެއެވެ.
ދައްތަގެ ރުޅިވެރިކަމުގެ ބަސްތަކުން އަހަރެން އިތުރަށް ހިތުގައި ޖެހުނެވެ. ބޭބެ ބުނާނެ އެއްޗެއް އަޑުއަހާނެ ހިތްވަރުވެސް އަހަރެންގެ ނެތެވެ.
"އަނާ އެބުނީ ތެދެއް. އަނާ އަހަންނާ އެއްވެސް ވާހަކައެއް ނުދައްކާ. އަހަންނޭ މިއުޅެނީ އަނާ ބޭނުން ވެގެން. ބައްޕާ! އަހަންނަށް އަނާ ވަރަށް ކަމުދޭ." ކުރިއަށް ހިނގައިގަންނަމުން ޔާމިން ބުންޏެވެ.
ބޭބެ އެއްވެސް އެއްޗެއް ނުބުންޏެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރީއެވެ.

"އަނާގާތު ވަރަށް ރީތިކޮށް މި ބުނަނީ. ރަށަށް ދާށޭ." އަހަރެން ދިޔައީ ސިހިގެންނެވެ.

ދައްތަ އައިސް ހިފީ އަހަރެންގެ އަތުގެ މުލައްދަނޑީގައެވެ. އެއާއެކު ބޭބެ ހިތްހަމަ ނުޖެހިފައި ހުރެ ދައްތަގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ. އަހަންނަށް ވެސް ބޭއިހްތިޔާރުގައި ބޭބެގެ މޫނަށް ބަލައިލެވުނެވެ. އޭރު ރުޅިވެރި ލޮލަކުން ބޭބެ ހުރީ ދައްތައަށް ބަލަހައްޓައިގެންނެވެ.

"އަހަންނަށް ހީވަނީ ކަލޭ ވެސް މި ގޮތްކުޑަ އަންހެން ކުއްޖާއާ ހިތާވަނީހެން." ދައްތަ ބުންޏެވެ.

"ހައްވާ،" ބޭބެގެ އަޑުން މުޅި ގޭތެރެ ގުގުމާލިއެވެ.

އަހަރެން އާދޭސް ކުރީމެވެ. އަހަންނާ ހެދި އާއިލާއެއްގެ ހަމަޖެހުން ގެއްލިދާކަށް ބޭނުމެއް ނޫނޭ ބުނީމެވެ. އަދި އަހަރެން އެ ގެއިން ނިކުމެގެން މިދަނީއޭވެސް ބުނީމެވެ. ނަމަވެސް މިފަހަރު އަހަރެން ހުއްޓުވީ ބޭބެއެވެ. ދައްތައާ ދެކޮޅަށް ބޭބެއަށް އަހަރެން ހުއްޓުވަން ކެރުނީތީ ހުދު އަހަރެން ހައިރާންވި އެވެ.

ބޭބެ ރުހުނަސް، ނުރުހުނަސް އެގޭގައި އިތުރަށް މަޑުކުރާ ހިތެއް ނުވިއެވެ. އެހެންވެ އަހަރެން ގެންގުޅޭ މަދު ހެދުންތައް ދަބަހަށް އަޅައިގެން ނިކުތީމެވެ.

ވަގުތަކީ ބޭރުން އައިސް ބޭބެ ގެއަށް ވަތް ވަގުތެވެ. ބޭބެގެ ނަޒަރު ހުއްޓުނީ އަހަރެންގެ އަތުގައި އެލުވާލައިފައި އޮތް ކުޑަ ދަބަހަށެވެ.

"އާއިލާއެއްގެ ހަމަޖެހުމަށްޓަކައި އަހަރެން ދިޔުން އެންމެ ރަނގަޅުވާނީ. އަހަރެންގެ އެކަކު ވެސް މި ދުނިޔެއަކު މިހާރަކު ނެތް." އަހަރެން ބުނީމެވެ.

"އެބަހުރި." ބޭބެ ބުންޏެވެ. އެހާމެ އަވަހަށެވެ.

އެ ވަގުތު ސުވާލުގެ ނަޒަރަކުން ބޭބެގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ސުވާލުތައް ހިތުތެރޭ ފުނި ޖެހެމުން ދިޔަ ނަމަވެސް އަހަރެން އަނގަޔަކުން ނުބުނަމެވެ.

"އަނާގެ... ބައްޕަ ކޮބައިކަން އެނގޭތަ؟" ބޭބެ އެހިއެވެ.

އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ. ނޭނގެޔޭ ބުނުމުގެ ގޮތުންނެވެ.

"އަހަރެންގެ މަންމައަކީ ވެސް އަދި ބައްޕައަކީ ވެސް ހަމަ އަހަރެންގެ މަންމަ." ފެންކަޅިވެފައި އަހަންނަށް ބުނެވުނެވެ.

އެއާއެކު އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބޭބެ ބަލައިލިއެވެ. ހިންދިރުވާލަމުން ލޮލުން ކަރުނަ ފުހެލީމެވެ.

"އަނާގެ ބައްޕައާ ބައްދަލް ކުރަން ބޭނުންތަ؟" ބޭބެ ސުވާލު ކުރިއެވެ.

ސިހިފައި ބޭބެގެ މޫނަށް ބަލައިލެވުނީ ބައްޕަ ދުނިޔޭގައި ހުރިކަމުގެ އިޝާރާތެއް އޭނާ ކުރުމުންނެވެ. ބައްޕަ ދެކިލަން އިންތިހާއަށް ހިތް އެދުނެވެ. ނަމަވެސް ތުއްތު އިރުއްސުރެ މަންމަ އަހަރެން ބެލި ހާލާއި މަންމަ ކުރި ހިތާމަތައް އިހްސާސް ކުރެވިފައިވާތީ އަބަދުވެސް ބައްޕައަށް ނަފްރަތު ކުރެވެއެވެ. އެހެންކަމުން އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

"ދުވަހަކު ވެސް ބޭނުމެއް ނޫން،" އަހަރެން ބުނީމެވެ. ހިތްހަމަ ނުޖެހި ހުރެ އެވެ.

"ބައްޕައަކީ އަހަންނަށް އެއްވެސް މީހެއް ނޫން،" އަހަރެން އިތުރު ކޮށްލީމެވެ.

އޭރު ބޭބެގެ ލޮލަށް ކަރުނަ ޖަމާވަމުން ދާތަން އަހަރެން ދުށީމެވެ. ހައިރާންކަމާއެކު ބޭބެއަށް ބަލަމުން ދެވުނީ ހިތުގައި ސުވާލު އުފައްދަމުންނެވެ.

"އަނާގެ... ބަ... ބައްޕައަކީ އަހަރެން." ބޭބެއަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

އަހަންނަށް ލިބުނު ކުއްލި ސިހުމާއެކު ފަހަތުން އައި ދައްތަގެ އަޑު އަދި މާ ގަދައެވެ.

"އަހުމަދުގެ ދަރިއެކޭ؟ އަނާއަކީ އަހުމަދުގެ ދަރިއެކޭ؟ ކިހިނެއް އެހެން ވާނީ؟" ދައްތަ ހުރީ ގަނޑުވެފައެވެ. ހުއްޓިފައެވެ. އޭނާއަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

"ދެން މިކަމާ ހައްވަ ރުޅި އައިސްގެން ކިތަންމެ އެއްޗެހި ގޮވިޔަސް މިއީ ނުވާ ކަމަކަށް ނުވާނެ. އަނާގެ މަންމަ މުއީނާވެސް މިހާރު މިދުނިޔެއަކު ނެތެއްނު." އަސަރާއެކު ބޭބެ ބުންޏެވެ.

ދައްތައަށް އެއީ އަޑު އަހަން ފަސޭހަ ވާހަކަތަކަކަށް ނުވިއެވެ.

"އާޗާ. އެ ހަޔާތް ކުޑަ އަންހެން މީހާއަށް އަހަރެން ނަފްރަތު ކުރަން. އާނ! އަހަރެން ހަނދާން ވެއްޖެ. އަހުމަދު ކަރަންޓު މަސައްކަތްތަކެއް ކުރަން ތިބުނާ އަންހެން މީހާގެ ރަށަށް ގޮސް ގަތް ގަނޑު ދޯ އެއީ؟" ދައްތަ ބުންޏެވެ.

މަންމައާ ދިމާލަށް އެހާ އިހާނެތި ބަސްތަކެއް ބުނާ އަޑު އަހާކަށް އަހަންނަކަށް ކެތެއް ނުވިއެވެ.

"ދައްތާ. އަހަރެންގެ މަންމައާ ނުބެހޭ. ކުރިމަތީގައި މިހުރީ އަހަރެންގެ ބައްޕައަށް ވިޔަސް އަހަރެންގެ ހިތް އެކަމަށް އެއްބަހެއް ނުވޭ. އަދި އެއީ އަހަރެންގެ ކުށެއް ނޫން. ހަމައެކަނި އަހަރެންގެ މަންމަގެ ކުށެއްވެސް ނޫން. މި ދުނިޔޭގައި މަންމަ ހޭދަކޮށްފައި އެ ދިޔައީ ވަރަށް ހިތްދަތި ހިތާމަވެރި ދުވަސްތަކެއް." ރޮވިފައި ހުރެ އަހަރެން ބުނީމެވެ.

"އޭރުވެސް އަހަރެން އުޅުނީ ބައްޕައާ ނުލައި. ދެން ވެސް އަހަންނަށް އުޅެވޭނެ." އަނެއްކާވެސް އަހަރެން ބުނީމެވެ.

"އަހުމަދަކީ ތިހާ ގޮތްކުޑަ މީހެއް ކަމަކަށް އަހަރެން ކުރިން ހީވެސް ނުކުރަން." ދައްތަ ބުންޏެވެ. ވަރަށް ރުޅި އައިސް ހުރެއެވެ.

އެ ދެ މީހުންގެ ޒުވާބުގެ އަޑު އަހަން ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އިތުރަށް މަޑުނުކޮށް ނިކުމެއްޖައީމެވެ. އޭރު ޔާމިން ހުރީ ދޮރު މަތީއެވެ. އަހަރެން ފެނުމާއެކު ހިނިތުންވެލި ނަމަވެސް ކޮނޑުގައި އޮތް ދަބަސްފެނި، އޭނާއަށް ލިބުނީ ހައިރާން ކަމެވެ.

"އަނާ ދަނީތަ؟ އަހަރެން ބުނީމެއްނު އަނާއާއެކު ދާނަމޭ." ޔާމިން ބުންޏެވެ.

"އަހަރެން އަނާދެކެ ވަރަށް ލޯބިވެޔޭ. ގަބޫލު ކޮށްބަލަ. އަނާވެސް އަހަރެން ބޭނުންވާކަން އަހަންނަށް އެނގޭ." އަހަރެންގެ އަތުގައި އޮތް ދަބަހުގައި އޭނާ ހިފިއެވެ.

"އާނ. އަހަންނަށް ވެސް ޔާމިން ދެކެ ލޯބި ވެވުނު. ވަރަށް ލޯބި ވެވުނު. އެކަމަކު ތިޔަ ލޯތްބާ ދުރަށް ދާން އަހަރެމެން ދެމީހުންނަށްވެސް މަޖުބޫރޭ." އަހަރެން ބުނީމެވެ.

ފެންކަޅި ވެފައި ޔާމިންގެ ލޮލަށް ބަލަހައްޓައިގެން ހުއްޓާ އޭނާ އެތެރެއަށް ވަނީ އަހަރެން ގާތު މަޑުކުރަން ބުނެފައެވެ. ހީވާ ގޮތުން އޭނާ އެ ދިޔައީ ދައްތަ އާއި ބޭބެ ގާތަށެވެ. ޔާމިން އެތެރެއަށް ވަނުމާއެކު އަހަރެން ބެލީ އެތަނުން އަވަހަށް ދެވޭތޯއެވެ. ދެވަނަ ފަހަރަށް އޭނާ އާ ބައްދަލް ވާކަށް ދުވަހަކު ވެސް ނޭދެމެވެ.

އަހަރެންގެ ބޭބެ ދެކެ އަހަރެން ލޯބިވާނީ ކޮންފަދަ އަކުން ހެއްޔެވެ؟ ޔާމިންދެކެ އަހަރެން ވަރަށް ލޯބިވީމެވެ. އޭނައާ މެދު ވަރަށް ވިސްނީމެވެ. އެކަމަކު މި ދުނިޔެ އަހަންނަށް މުޅިން ވެސް ދެނީ ކެއްސެވެ.

މަންމަ ނެތް ދުނިޔެއެއްގައި އަހަރެން ދެކެ ލޯބިވާނެ މީހަކު ވީތީ އެ ލޯބި ވެސް އަހަރެންގެ އަތުން ބީވީއެވެ. އަހަރެން އެ ގެއިން ނިކުތީ ކީއްވެކަން ޔާމީންއަށް މިހާރު އެނގޭނެކަން ކަށަވަރެވެ. އަހަރެން މި ކުރާ ހިތާމަ އޭނާވެސް ކުރާނެކަން ގައިމެވެ. އެ ލޯތްބާ ދުރަށް ދާން ޖެހުމުން އިންތިހާއަށް ދެރަވީމެވެ. ނަމަވެސް މިއީ ތަގްދީރުކަން އަހަރެން ގަބޫލު ކުރަމެވެ.