18 ފެބުރުއަރީ 2017 - 07:04

ކޮފީއާ އެކު އެކި ގޮތްގޮތަށް ބަޓަރު ބޭނުންކުރެ އެވެ. ކޮފީއަށް ބަޓަރު އަޅައިގެން ވެސް ބޭނުންކުރެ އެވެ. ހެނދުނު ހޭލައިގެން ކޮފީ ބޯއިރު ޕާނާއި ބަޓަރަކީ އާންމު އެއްޗެކެވެ. އެކަމަކު ޖަޕާނުން މިކަމަށް އިތުރު ބަދަލެއް ގެނައީ އެވެ. ކޮފީ ބަޓަރު އުފެއްދީ އެވެ.
ހެނދުނު ނިދި ފިލުވައިލަން ކޮފީ ތައްޓަކުން ނުފުދޭ ނަމަ ކޮފީ ބަޓަރާ އެކު އެއްޗެއް ކާލަންވީ އެވެ.
މި އާ އުފެއްދުން ޖަޕާނުގެ ސުޕަމާކެޓްތަކުގައި ވަރަށް އަވަހަށް ވިއްކަން ފަށާނެ އެވެ. މި އުފެއްދުން ވެގެން ދާނީ ކެފެއިން އާއި ކާބޯހައިޑްރޭޓްސް ގިނައިން ބޭނުންވާ މީހުންނަށް ރަނގަޅު އެއްޗަކަށެވެ.
ބަލާ ބެލުމަށް މިއީ ޓޯސްޓް، ޕާން، ކްރޮސަންޓް، ޕޭންކޭކް، ވޮފުލްސް އަދި ކޭކް ފަދަ އެއްޗެހީގައި ޖަހައިގެން ކެވޭނެ އެއްޗެކެވެ.
މި އުފެއްދުން ބާޒާރަށް ނެރެނީ ކިރުގެ ބާވަތްތައް އުފައްދާ، ޖަޕާނުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ "މެގަމިލްކް ސްނޯ ބްރޭންޑް ކޮމްޕެނީ" ގެ 55 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މާޗް 1 ގަ އެވެ. ޖަޕާނުގައި ޕާން ފަދަ އެއްޗެހީގައި ބޭނުންކުރާ "ސްޕްރެޑް" އަށް ކިޔާ އާންމު ނަމަކީ "ސޮފްޓް" އެވެ. އެހެންވެ މި އާ އުފެއްދުމަށް ވެސް ކިޔަނީ "ސްނޯ ބްރޭންޑް ކޮފީ ސޮފްޓް" އެވެ.
ކުންފުނިން ބުނީ ޖަޕާނުގައި އެންމެ މަގުބޫލު ކޮފީ ބެވަރޭޖް އުފައްދަނީ އެ ކުންފުނިން ކަމަށް ވާއިރު ކޮފީ ބަޓަރުގައި ވެސް ދޭނީ ހަމަ ކޮފީގެ ބުއިންތަކުގައި ހުންނަ މީރު ރަހަ ކަމަށެވެ.
މީގެ ބަޓަރު ޕެކެއް ވިއްކަން ހަމަޖައްސާފައި ވަނީ 230 ޔެން (ގާތްގަނޑަކަށް ދެ ޑޮލަރު) އަށެވެ.