ރަފަހް އަށް އަރާނީ އާންމުން ނުކުންނަށް ވަގުތު ދީފައި: ނަތަންޔާހޫ
ރަފަހް އަށް އަރާނީ އާންމުން ނުކުންނަށް ވަގުތު ދީފައި: ނަތަންޔާހޫ

ފަލަސްތީނުގެ އާންމުން ތޮއްޖެހިފައިވާ ރަފަހް އަށް އިޒްރޭލު ސިފައިން އަރަނީ ހަމާސްގެ ހަނގުރާމަވެރިން ހޯދަން ކަމަށާއި އޭގެ ކުރިން އާންމުން އެ ސަރަހައްދު ދޫކޮށް ދާން ފުރުސަތު ދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު މިހެން ބުނެފައި މި ވަނީ ރަފަހް އަށް އިޒްރޭލު ސިފައިން އެރުމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އޮތް ކަމަށް، އިޒްރޭލަށް ވަޑައިގެންނެވި ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޮލްޓްޒް ވިދާޅުވެފައި ވަނިކޮށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރަފަހްގައި ބާކީ ތިބި ޓެރަރިސްޓުންނާ ހަމަޔަށް ގޮސް އެ މީހުން ނައްތާލުން. މިކަން ކުރާނީ އާންމުން ރަފަހް ދޫކޮށް ދާން ފުރުސަތު ދީފައި،" ޝޮލްޓްޒް އާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަތަންޔާހޫ ބުންޏެވެ.

މިއީ އާންމުން އެތަނުގައި ބަންދުކޮށްފައި ބައިތިއްބައިގެން ކުރާނެ ކަމެއް ނޫން ކަމަށް ނަތަންޔާހޫ ބުނި ނަމަވެސް ޝޮލްޓްޒް ވެސް ވަނީ އެހެން އެންމެން ވެސް އުފައްދާ ސުވާލު އުފައްދައިފަ އެވެ.

"އެ މީހުން ދާނީ ކޮންތާކަށް؟،" ޝޮލްޓްޒް ސުވާލުކުރެއްވި އެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ އަދި އެންމެ ގިނަ އެހީ ދޭ އެމެރިކާއިން ވެސް ވަނީ ރަފަހް އަށް އިޒްރޭލު ސިފައިން އެރުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަކީ އުތުރުގައި އިޒްރޭލުން ހަމަލާދެމުން ގެންދާތީ ސަލާމަތްވާން އާންމުންނަށް މިހާރު އޮތް ހަމަ އެކަނި ތަނެވެ. މުޅި ޣައްޒާ ހަނގުރާމައިގެ މައިދާނަކަށް ވެފައި ވާތީ، ރަފަހް ދޫކޮށް އާންމުން ދާނެ ރައްކާތެރި ތަނެއް ނެތް ކަމަށާއި ރަފަހްގައި އަސްކަރީ ހަރަކާތްތެއް ހިންގައިފި ނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި މިލިއަނަކަށްވުރެ ބޮޑު އާބާދީއެއް އޮތް ރަފަހްގައި އިންސާނީ ބޮޑު ކާރިސާއެއް ހިނގުން އެކަށީގެންވާ ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. -- އޭއެފްޕީ