18 މާޗް 2024 - 11:48

ކ. މާފުށީގެ ދަރިވަރުންނަށް ވިލާ ކޮލެޖުން ސްކޮލާޝިޕް ދޭން ނިންމައި އެ ރަށު ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ މާފުށީގެ ތައުލީމީ ހާލަތު ރަނގަޅުކޮށް ތައުލީމީ ޖީލެއް ބިނާކުރުމަށް އެ ރަށުގެ ކައުންސިލުން ވިލާ ކޮލެޖާ އެކު ސޮއި ކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މާފުށީ ކައުންސިލްގެ ސްކޮލަޝިޕް ސްކީމް ތައާރަފްކޮށް، ހިންގަން ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ވެސް ވިލާކޮލެޖުން ދޭނެ އެވެ.
މާފުށީ ކައުންސިލުން ދޭ ސްކޮލާޝިޕްގެ ފުރުސަތަކީ ކޮންމެ އަހަރަކު ވެސް ވަކި އުސޫލެއްގެ ދަށުން އެ ރަށުގެ ދަރިވަރުންނަށް ދޭން ހަމަޖެހިފައިވާ ސްކޮލާޝިޕެކެވެ.
ވިލާ ކޮލެޖުން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށް ބޭނުންވާ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކައުންސިލުން ބޭނުންވާ ދާއިރާތަކުން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވެސް އެ އެއްބަސްވުމުގެ ދަށުން އެ ކޮލެޖުން އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކޮލެޖުގެ ކޯސްތައް މާފުށީ ކައުންސިލާ ގުޅިގެން ޕްރޮމޯޓުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.