18 މާޗް 2024 - 11:42

މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭގެ މަގުތަކުގައި ޕާކުކުރަން އޮންނަ ޖާގަތަކުގައި ގިނަ އަދަދަކަށް ޕެލެޓް ބަހައްޓާފައި ހުންނަ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު އާމިނަތު ޝަތުފާ، "މިހާރު" އަށް ވިދާޅުވީ އިއްޔެއިން ފެށިގެން ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ޕެލެޓެއް ކަމެއް ސާފު ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ތަންތަނުގައި ފިތިފިތިގެން ޕާކުކުރަން ޖެހުމުން ގެތަކާއި ފިހާރަތަކަށް ނުވަދެވެ އެވެ. އެހެންވެ، އެ ތަންތަނުގައި ރޭމްޕް ހެދެންދެން ޕެލެޓް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ޝަތުފާ ވިދާޅުވީ ކުރިއާލާ ޕާކުކުރާނެ ޖާގަ ހޯދަންވެގެން ބައެއް މީހުން މަގުތަކުގައި ޕެލެޓްތައް ބަހައްޓާ ކަމަށެވެ. މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެފަދަ ޕެލެޓްތަކާއި ހަލާކުވެފައި ހުންނަ ޕެލެޓްތައް ވެސް ނަގާނެ ކަމަށް ޝަތުފާ ވިދާޅުވެ އެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ފެންނަނީ އެމްޕީއެލް ސަރަހައްދުގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓްތަކެއް ނަގައި ކައުންސިލުގެ ޕިކަޕަށް އަރުވާ މަންޒަރެވެ.
ގަރާޖާއި ގުދަން، ވޯކްޝޮޕް އަދި ފިހާރަތައް ކައިރިން ބޮޑެތި ޕިކަޕުތަކަށް ޕާކިން ޖާގަ ހޯދަން ވެގެން މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ޕެލެޓްތައް ބަހައްޓާފައި ހުންނާތީ އެކަމުގެ ޝަކުވާ ބޮޑެވެ. ތިން ހަތަރު ބުރު އަޅައިގެން ވެސް ދިރިއުޅޭ ގެއާ ނުވަތަ އޮފީހާ ކައިރި ހިސާބަކުން ވެސް ޖާގަ ނުލިބިގެން އުޅޭއިރު ހުސް ޖާގަތައް އޮންނަނީ ބަރު ޕެލެޓްތަކުން ފުރާލައިފަ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޕެލެޓްތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރި އެވެ. އެ އެއްޗެހި ނެގިތާ މާގިނަ ދުވަހެއް ނުވެ، އަނެއްކާވެސް ޕެލެޓްތައް މަގުތަކުގައި ބަހައްޓާތީ މައްސަލަ އޮތީ ހައްލު ނުވެ އެވެ.