އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ކުރިއަށް އޮތް އެއް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުން އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުރެވޭނީ އެއް މެންބަރަކަށެވެ. ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުން ތިއްބަވަ އެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ. ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން އެދެ އެވެ. ވީހާ ވެސް ގިނަ އަންހެންނުން ބޯޑުގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވެސް ކުންފުނިން ވަނީ އެދިފަ އެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން" ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓިން އިންޓަވިއު ކުރާނެ އެވެ. އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާނީ މި އިންޓަވިއު އިން ހޮވާ ހިއްސާދާރުންގެ ނަންތަކެވެ.