ކަރީނާ ވެސް ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ
ކަރީނާ ވެސް ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ

ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް ހާން ދެކުނު އިންޑިއާގެ ސިނަމާގެ ވަރުގަދަ ފިލްމެއް ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކަރީނާ ވަނީ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެން އޭނާއަށް ފުރުސަތު ލިބުނު ކަން ކަށަވަރުކޮށްދީފަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ރެޑިޓްގައި އާންމުވި ވީޑިއޯއެއްގައި ކަރީނާ އެ ހަބަރު ކަށަވަރުކޮށްދިން ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެކި މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ކާރީނާ ދެކުނު އިންޑިއާގެ ސިނަމާ އަށް ތައާރަފުވާ ފިލްމަކީ، ކަނައްޑާ ފިލްމު "ކޭޖީއެފް" އިން ގިނަ ބައެއްގެ ލޯބި ހޯދި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރުގެ ޔަޝްގެ އާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ.

ޔަޝްގެ އެ ފިލްމު އިއުލާންކުރީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ. ނަމަވެސް، އެ ފިލްމުގެ އިތުރު ކާސްޓުގެ ތައާރަފެއް މިހާތަނަށް ދީފައެއް ނުވެ އެވެ.

ބޮލީވުޑްގެ ތަރިން ދެކުނު އިންޑިއާގެ ސިނަމާގެ ފިލްމުތަކުގައި މަސައްކަތްކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އަދި ދެކުނު އިންޑިއާގެ ސިނަމާގެ ބައެއް ތަރިން ބޮލީވުޑްގެ ފިލްމުތަކުން ވެސް މިހާރު ވަރަށް ގިނައިން ފެނެ އެވެ.

ކަރީނާ މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު 29 ގައި ސިނަމާތަކުގައި ދައްކަން ފަށާ އޭނާގެ އާ ފިލްމު "ކްރޫ" އަށެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލުތައް ކުޅެނީ ތާބޫ އާއި ކްރިތީ ސެނޮން އަދި ދިލްޖީތު ދޮސާނީ އެވެ.