17 މާޗް 2024 - 20:16

މަކާރާއި ހީލަތުން ޖަމިއްޔާއެއްގެ އެކައުންޓުން ފަސް ލައްކަ ރުފިޔާ ފޭރިގަނެފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރު ޔޫސުފް ލޫތު ވިދާޅުވީ ސްކޭމް ކޯލާއި އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތެރެއިން ޖަމިއްޔާއެއްގެ އެކައުންޓުން ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ފައިސާ 40 މީހެއްގެ އެކައުންޓުގައި ދައުރު ކޮށްފައިވާ ކަމަށާއި އެ މައްސަލާގައި ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ހެކިތަކެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މި ފަހުން މާފުށީ ޖަލުން އަތުލައިގަތް 22 ފޯނާއި ސިމްކާޑުތަކާއި ސްޓޯރޭޖް ޑިވައިސް ތަކަކީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ވެސް ލޫތު ވިދާޅުވި އެވެ.
އެ މައްސަލާގައި މިހާތަނަށް ވަކި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑާއި ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއް ހޯދައިފަ އެވެ.
މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރު ވެފަ އެވެ.