ކިޔެވުމާއި ވަޒީފާގެ ބޭނުމަށް އެތައް ބަޔަކު އަމިއްލަ ރަށާއި އާއިލާއާ ދުރުގައި އެބަ އުޅެ އެވެ. މިފަދަ އާއިލާތަކުގެ މައިންބަފައިންނަކީ ދަރިންގެ އިންތިޒާރުގައި ދަރިންނާ އެކު ވަގުތު ހޭދަކުރަން ކެތްމަދުވެފައިވާ ތިބި މީހުންނެވެ.

އެސްޓީއޯއިން މި ރޯދަ މަހަށް ހާއްސަކޮށް ދޫކޮށްލި ކުރު، ބްރޭންޑް ފިލްމުން ވެސް ދައްކަނީ މީގެ އާއިލާއެކެވެ. ދަރިފުޅު ނުފެންނަތާ އެތައް ދުވަހެއްވެފައި ހުރި މަންމައެކެވެ. އެ މަންމަ އެންމެ ދެރަވާ އެއް ކަމަކީ ދަރިފުޅު ފައިސަލް ނުފެނި, އެ ދަރިފުޅާ ނުލައި އަނެއްކާވެސް ރޯދަ މަހެއް ހޭދަކުރަން ޖެހުމެވެ.

މި ކުރު ފިލްމުގައި ދައްކާ މަންމަ އޭނާގެ ދަރިފުޅަށް، ތަކެތީގެ އަގުބޮޑުކަމަށް ރަށުތެރޭ އަޑު ފެތުރެމުން ދާތީ ގުޅައި އެ މައުލޫމާތު ހޯދަ އެވެ. ދަރިފުޅު ޔަގީންކަން ދިނީ އެސްޓީއޯއިން ރޯދަ މަހު އަގުތައް ހިފަހައްޓައިދޭނެ ކަމަށެވެ. މި ދެމައިންގެ ފޯން ކޯލުން، މަންމަ މާޔޫސް ވަނީ މިފަހަރު ވެސް ރޯދައަށް ނާދެވޭނެ ދޯ އޭ ބުނެ މަންމަ ފަށާ ވާހަކައަށް ދަރިފުޅުގެ ވާހަކަ އާއި ރާގު ހުރި ގޮތުންނެވެ.

ކުރު ފިލްމުގެ ރާގު ބަދަލުވެ އުފާވެރި މަންޒަރުތަކެއް ފެންނަނީ ފައިސަލް އޭނާގެ އަންހެނުންނާއި މަޝްވަރާކުރުމަށް ފަހު, އަންހެނުންގެ ހިޔާލާ އެކު އޭނާގެ ދަރިފުޅު ގޮވައިގެން ރަށަށް ދާން ނިންމާ ހިސާބުންނެވެ.

ފައިސަލްގެ އާއިލާގެ މާޔޫސްކަން ފިލައި އޭނާގެ މަންމަ އާއި ބައްޕައަށް ހިނިތުންވުން ގެންނަނީ ފައިސަލް އާއި އޭނާގެ ދަރިފުޅު މުލަ ރޯދައަށް ރަށަށް ދިއުމާ އެކުގަ އެވެ. އެތައް ދުވަހަކަށް ފަހު ދަރިފުޅު ފެނުމުން އާއިލާއަށް އަންނަ އުފާވެރިކަމާއި އާއިލީ ގުޅުން ދެ މިނެޓެއްހާ ވަގުތު ހިމެނޭ މި ކުރު ޑްރާމާކޮޅުގައި ދައްކައިދެނީ ވަރަށް ފުރިހަމަ އަށެވެ.

އާއިލީ އުފާވެރި މަންޒަރުތަކާ އެކު އެސްޓީއޯގެ މި އަސަރުގަދަ ކުރު ފިލްމު ނިންމާލަނީ ވަރުގަދަ މެސެޖަކުންނެވެ.

"މުޖުތަމައުގެ ބަދަހިކަން ފެށިގެން އަންނަނީ އާއިލީ ގުޅުންތަކުން" ކަމަށް އޭގައި ބުނެ އެވެ.

މި ރޯދަ މަހަށް އެސްޓީއޯއިން އާއްމުންނަށް ދިން މެސެޖަކީ މިއީ އެވެ. އާއިލީ ގުޅުންތައް ދަމަހައްޓައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މުހިންމުމަކެވެ.