18 މާޗް 2024 - 09:04

އިޒްރޭލު ސިފައިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ހެދި އާންމުން ހިމާޔަތް ހޯދާ ރަފަހް އަށް އިޒްރޭލު ސިފައިން އަރަން ނިންމާފައި ވާތީ، އިންސާނިއްޔަތަށްޓަކައި އެކަން ހުއްޓާލުމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރެޔެސަސް އިލްތިމާސްކުރައްވައިފި އެވެ.
"ރަފަހަށް އެއްގަމު މަގުން ހަމަލާދިނުމަށް އިޒްރޭލުން ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނާތީ ވަރަށް ކަންބޮޑުވޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓެޑްރޮސް ވިދާޅުވި އެވެ.
"ބޮޑު އާބާދީއެއް އޮތް މި ސަރަހައްދުގައި އަނިޔާވެރިކަން އިތުރަށް ބޮޑުވުމުން އިތުރު އެތައް ބަޔަކު މަރުވެ ތަކުލީފު އުފުލަން ޖެހޭނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
"އިންސާނިއްޔަތުކަމުގެ ނަމުގައި އިޒްރޭލަށް މި އިލްތިމާސް ކުރަނީ އެކަން ކުރިއަށް ނުގެންދިއުމަށާއި އޭގެ ބަދަލުގައި ސުލްހައަށް މަސައްކަތް ކުރުމަށް."
އިޒްރޭލު ސިފައިންގެ ހަމަލާތައް ފެށުމުގެ ކުރިން ރަފަހް އިން މީހުން ނެރުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަފަހްގެ 1.2 މިލިއަން މީހުންނަށް ބަދަލުވެވޭނެ ރައްކާތެރި ތަނެއް ނެތް."
"ޣައްޒާގެ އެހެން ހިސާބުތަކަށް އެހީތެރިކަމެއް ދެވޭނެ، ފުރިހަމައަށް މަސައްކަތް ކުރެވޭ، ރައްކާތެރި ސިއްހީ ވަސީލަތްތަކެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ގިނަ މީހުން މާ ނާޒުކު، ހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން އެހެން ތަންތަނަށް ނުގެންދެވޭނެ މީހުން ތިބޭނެ..."
"މި އިންސާނީ ކާރިސާ އިތުރަށް ގޯސްވާން ދޫކޮށްލައިގެން ނުވާނެ."
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފަހް އަށް އިޒްރޭލު ސިފައިން އެރުމުގެ ޕްލޭނަށް ހުއްދަ ދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިފަދަ އަސްކަރީ އޮޕަރޭޝަނެއް ނުހިންގަން އދ. އާއި އެމެރިކާއިން ވެސް ތަކުރާރުކޮށް އަންނަނީ އެދެމުންނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 31،553 މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. ރަފަހް އަށް އަރައި ހަމަލާދޭން ފަށައިފި ނަމަ މި އަދަދު އެތައް ގުނައެއް އިތުރުވެދާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން އަންނަނީ ދެމުންނެވެ. -- އޭއެފްޕީ